އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ބެހޭ ގަވާއިދު އިސްލާހުކުރަން ޓޮބެކޯ ކޮންޓްރޯލް ބޯޑުން މަސައްކަތްކުރަމުން އަންނަ އިރު އެ ބޯޑުގެ ބައެއް މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ގޮތުން ކެމްޕެއިންކުރައްވަމުންނެވެ. ބޯޑު މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވަނީ ކެފޭ/ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ އެއްވެސް ތަނެއްގައި އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހަދަން ގޮވާލާ ޕެޓިޝަނެއް ހުޅުވާލައްވައިފަ އެވެ. އެ ޕެޓިޝަންގައި މިހާތަނަށް 1،800 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ. އެކަމަކު ކެފޭތަކުގައި ސިނގިރޭޓް ނުބޮވޭ ގޮތަށް ހަމަޖެއްސުމާ މެދު އާއްމުންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑެވެ. މިއީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ މާހިރުން ކަންބޮޑުވާ މައްސަލައެކެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި މައުލޫއުގައި އާއްމުންނަށާއި ކެފޭ/ ރެސްޓޯރެންޓު ވިޔަފާރިވެރިންނަށް ނޭނގޭ ނުވަތަ އޮޅުންއަރާފައިވާ ހަގީގަތްތަކެއް އެބަ ހުއްޓެވެ.
17 އޯގަސްޓް 2018
އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ބެހޭ ގަވާއިދު އިސްލާހުކުރަން ޓޮބެކޯ ކޮންޓްރޯލް ބޯޑުން މަސައްކަތްކުރަމުން އަންނަ އިރު އެ ބޯޑުގެ ބައެއް މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ގޮތުން ކެމްޕެއިންކުރައްވަމުންނެވެ. ބޯޑު މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވަނީ ކެފޭ/ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ އެއްވެސް ތަނެއްގައި އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހަދަން ގޮވާލާ ޕެޓިޝަނެއް ހުޅުވާލައްވައިފަ އެވެ. އެ ޕެޓިޝަންގައި މިހާތަނަށް 1،800 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ. އެކަމަކު ކެފޭތަކުގައި ސިނގިރޭޓް ނުބޮވޭ ގޮތަށް ހަމަޖެއްސުމާ މެދު އާއްމުންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑެވެ. މިއީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ މާހިރުން ކަންބޮޑުވާ މައްސަލައެކެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި މައުލޫއުގައި އާއްމުންނަށާއި ކެފޭ/ ރެސްޓޯރެންޓު ވިޔަފާރިވެރިންނަށް ނޭނގޭ ނުވަތަ އޮޅުންއަރާފައިވާ ހަގީގަތްތަކެއް އެބަ ހުއްޓެވެ.
އާއްމު ޚިޔާލު ދެކަފިވެފައިވާ ކަމުގެ އެއް ހެއްކަކީ ހުރިހާ ކެފޭ/ ރެސްޓޯރެންޓްތަކެއް ދުންފަތުގެ ދުމުން ސަލާމަތްކުރަން ފެނޭތޯ ބަލަން ޓްވިޓާގައި އަފްއާލް މިދިޔަ އޭޕްރީލް މަހު ނެގި ޕޯލްގެ ނަތީޖާ އެވެ. އެ ޕޯލްގައި ޖުމްލަ 3،400 ވޯޓުގެ ތެރެެއިން، އެކަން ކުރަން ފެންނަ ކަމަށް 59 ޕަސެންޓު ވޯޓު ލިބުނަސް، 41 ޕަސެންޓް ލިބުނީ އެކަމާ ދެކޮޅަށެވެ.
Do you think that all Cafés and Restaurants in Maldives should be made smoke free? #smokefreerestaurants
— Afaal?? (@ahmedafaal) April 3, 2018
އަފްއާލްގެ ޕޯލް
އަފްއާލްގެ ޕޯލްއާ ގުޅިގެން ޓްވިޓާގައި ޚިޔާލު ފާޅުކުރި ބައެއް މީހުންގެ ނަޒަރުގައި އެއީ އަޅަން ވިސްނަން މާ ހަރުކަށި ފިޔަވަޅެކެވެ. އެކަން ވާނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ކެފޭ/ ރެސްޓޯރެންޓް ވިޔަފާރިތަކުގެ އިޚްތިޔާރާއި މިނިވަންކަމަށް އަރައިގަތުން ކަމަށް ސިފަކޮށް ބައެއް މީހުން ބުނެފައިވާ ގޮތުގައި ކެފޭ ހިންގާނީ ދުންފަތުގެ އިސްތިއުމާލުކުރެވޭ ގޮތަށްތޯ ނުވަތަ ނޫންތޯ ނިންމަން ވިޔަފާރިވެރިންނަށް ދޫކޮށްލައި، ދާނީ ސިނގިރޭޓް ބޮވޭ ގޮތަށް ހިންގާ ކެފޭއަކަށްތޯ ނުވަތަ ނޫންތޯ އިޚްތިޔާރުކުރުން އާއްމުންގެ އަތްމަތީގައި ބާއްވަންވީ އެވެ.
އެކަމަކު ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އާއްމު ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލުގެ ވާހަކަ ދައްކާ އިރު، އިސްކުރަން ޖެހޭނީ ދެވިހިފާ މި އާދައާ ދުރުވާން މަގުފަހިކޮށްދޭ ހުރިހާ ފިޔަވަޅެއް އެޅުމާއި އެންމެންނަށް ވެސް، ދުމުގެ ވިހަތަކުން ރައްކާތެރިކަން ލިބިގެން ދިރިއުޅުމުގެ ހައްގު ލިބިދިނުމެވެ.
ދޯހަޅިކަމުންނާއި ތަންފީޒު ނުކުރެވުމުގެ ސަބަބުން ބޭކާރު އެއްޗަކަށް ވެފައިވާ، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ބެހޭ ގަވާއިދު އިސްލާހުކުރަން މަސައްކަތްކުރަމުން އަންނަ ޓޮބެކޯ ކޮންޓްރޯލް ބޯޑުން ގެންނަން ބޭނުންވާ އެއް ބަދަލަކީ ކެއިންބުއިމުގެ ޚިދުމަތް ދޭ އެއްވެސް ތަނެއްގައި އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހަމަޖެއްސުމެވެ. ޑަބްލިޔުއެޗްއޯގެ ލަފަޔަކީ އާއްމު ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ކަމުގައި ވާ ނަމަ 100 ޕަސެންޓް މަނާކުރުމެވެ. އެކަމަކު ރާއްޖޭގައި ގަވާއިދު ހަދާފައި އޮތީ ވަކި ބޮޑުމިނެއްގެ ކެފޭ/ ރެސްޓޯރެންޓްތަކުގެ ދެބައިކުޅަ އެއްބައި ޖާގަ، ސިނގިރޭޓް ބޯން ޚާއްސަކުރެވޭ ގޮތަށެވެ. ދުމަކީ މުޅި ތަނަށް ފެތުރޭ އެއްޗަކަށްވާ އިރު މިއީ އެއްގޮތަކަށް ވެސް ހަމަޖެހޭ ނުވަތަ ނަތީޖާއެއް ނުކުންނަ އުސޫލަކަށް ނުވެ އެވެ.
އެކަމަކު އެކަން އިސްލާހުކޮށް 100 ޕަސެންޓް މަނާކުރުމުގެ ވިސްނުމާ ދެކޮޅު މީހުން ފާޑުކިޔަނީ ކެފޭތަކަށް ވުރެ މާ ގިނައިން އާއްމުން ބޭނުންކުރަން ޖެހޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ވާހަކަ ނުދައްކާތީ އެވެ.
ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގައި ޑޮކްޓަރުންގެ ޖަމްއިއްޔާ ތަމްސީލްކުރައްވާ އެ ބޯޑުގެ ވައިސް ޗެއާ ޑރ. އައިޝަތު އަރޫނާ ވިދާޅުވިގޮތުގައި ދިރާސާތަކާއި ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި އިސްކަންދޭން ޖެހެނީ ރިސްކު ބޮޑު، އިންޑޯ ތަންތަނަށެވެ.
"އިންޑޯ ތަނެއްގައި ވެއްޖެއްޔާ ދުމުގެ ކޮންސެންޓްރޭޝަން މަތިވާނެ އަދި ވައި ތަޣައްޔަރުވާލެއް ބޮޑުވާނެ. ދެން ބަލަން ޖެހެނީ މީހުން އެ ތަނެއްގައި ހޭދަކުރާ ވަގުތަށް. ގިނަ އިރު މީހުން މަޑުކުރާ ތަނެއް ވެއްޖެއްޔާ އެ ތަނަކަށް އިސްކަން ދޭން ޖެހެނީ. މަގުމައްޗަކީ އަޅުގަނޑުމެން ދަތުރުކުރަން ބޭނުންކުރާ ތަނެއް. އެއް ތަނެއްގައި މަޑުކޮށްގެން ތިބުން މަދުވާނެ،" އޭނާ ފާހަގަކުރެއްވި އެވެ.
ޑރ. އަރޫނާ ވިދާޅުވި ގޮތުގައި އޭގެ މާނައަކީ މަގުމަތި ދުމުން ސަލާމަތްކުރަން ނުޖެހޭ ވާހަކައެއް ނޫނެވެ. މަގުމަތީގައި މަޑުކޮށް ތިބެން ޖެހޭ ކަފިހި ހުރަސް، ބަސްހުއްޓި އަދި ޓެކްސީ ހުއްޓި ފަދަ ތަންތަން ގަވާއިދުގައި މިހާރު ވެސް ހިމެނެ އެވެ. އަދި ސިއްހީ ޚިދުމަތް ދޭ ތަންތަނާއި ސްކޫލް އަދި މިސްކިތް ފަދަ ތަންތަނާ 10 ފޫޓަށް ވުރެ ކައިރީގައި ދުންފަތުގެ އިސްތިއުމާލުކުރުން ވެސް މަނަ އެވެ. އެ ކަންކަން ތަންފީޒު ނުކުރެވެނީ އެވެ.
ޑރ. އަރޫނާ ވިދާޅުވީ ގަވާއިދު އިސްލާހުކުރާ އިރު 10 ފޫޓުގެ ދުރުމިން ވެސް ބޮޑުކޮށް ރައްކާތެރިކަން އިތުރުކުރާނެ ކަމަށެވެ.
"މިހާރު މި ހނގަމުންދާ ޕެޓިޝަނަކީ ހަމައެކަނި ރެސްޓޯރެންޓްތަކަށް ޚާއްސަ އެއްޗެއް ކަމަށް ވިޔަސް ހަގީގަތުގައި މަސައްކަތްކުރަމުންދަނީ ސައިންޓިފިކަލީ ރަނގަޅު، ހަރުދަނާ، މީހުންނަށް އެންމެ ރަނގަޅަށް ރައްކާތެރިކަން ލިބޭ ގޮތަށް ވީހާ ވެސް ގިނަ ތަންތަން ކަވަކުރަން،" އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ސްކޫލެއްގެ ކުރިމަތީގައި ސިނގިރޭޓް ބޮވިގެން ނުވާނެ. އެއީ ކުދިންނަށް ވެސް ވަރަށް ނުބައި ނަމޫނާއެއް. އެހެންވީމާ ގަވާއިދު އިސްލާހުކުރާ އިރު ދުރުމިން 10 ފޫޓަށް ވުރެ ދުރުމިން ބޮޑުކޮށް މަގުތައް ވެސް މަޑުމަޑުން ކަވަކުރަން މި މަސައްކަތްކުރަނީ."
މި ފިޔަވަޅަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުން އޮވެދާނެ މައްސަލައެކެވެ. އެއްކޮށް މަނާކޮށްފިއްޔާ ކަސްޓަމަރުން މަދުވެ، ކެފޭ/ ރެސްޓޯރެންޓްތަކުގެ ފައިދާ ދަށަށް ހިނގައިދާނެ ހެއްޔެވެ؟
ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރުން ވިދާޅުވަނީ ވިޔަފާރިތަކަށް ގެއްލުން ވެދާނެ ކަމަށް ވިސްނުމަކީ "ހަމަ ކުށް ހީއެއް" ކަމަށާއި ކެއިން ބުއިމުގެ ޚިދުމަތް ދޭ ހުރިހާ ތަނެއް ހިމެނޭ ގޮތަށް މަނާކުރީމާ ރެސްޓޯރެންޓްތަކަށް ގެއްލުމުގެ ބަދަލުގައި ލިބޭނީ ފައިދާ ކަމަށެވެ.
"ދިރާސާތަކުން ވަރަށް ރަނގަޅަށް ދައްކާ، ތަންފީޒުކޮށްފައި ހުރި ގައުމުތަކުން، ހުރިހާ ރެސްޓޯރެންޓްތަކެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހެދީމަ ރެސްޓޯރެންޓްތަކުގެ ފައިދާ އިތުރުވެގެންދާކަން. އާމްދަނީ އަށް ބަދަލެއް ނާންނަ ގައުމުތައް ވެސް އެބަ ހުރި. އެކަމަކު، 100 ޕަސެންޓަށް ދިޔައިމަ ގެއްލުމެއް ލިބިފައެއް ނެތް އެއްވެސް ގައުމެއްގައި. ފަހަރެއްގައި ގެއްލުން ލިބިފައި ހުރެދާނެ، ބައެއް ރެސްޓޯރެންޓްތަކުގައި ބޮވޭ ގޮތަށް މަނާކޮށްފައި ހުރި ގައުމުތަކުގައި،" ޑރ. އަރޫނާ ވިދާޅުވި އެވެ.
އެމެރިކާ، ކެނެޑާ، ބްރެޒިލް، ފްރާންސް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ތަޖުރިބާ އަށް އިޝާރާތްކުރައްވައި އަފްއާލް ފާހަހަގަކުރެއްވި ގޮތުގައި، މި ބަދަލާ އެކު ރެސްޓޯރެންޓްތަކުގެ ފައިދާ އިތުރުވަނީ، ކުޑަކުދިން ވެސް ގޮވައިގެން އާއިލާގެ އެންމެން އެކުގައި އެ ތަންތަނަށް ދެވޭނެ މަގުފަހިވެގެންދާތީ އެވެ.
"ދުމުގެ އަސަރުކޮށްފާނެތީ އާއިލާގެ މެމްބަރުން އެކުގައި ނުދާ ތަންތަން ވަރަށް ގިނަ. ސްމޯކް ފްރީ ތަންތަނަށް ހެދީމަ ރެސްޓޯރެންޓްތަކަށް ގިނައިން ދާ ޕޮޕިއުލޭޝަން އެބަ ރިޕްލޭސްވޭ. އެހެންވީމާ، މިސާލަކަށް ފުރަތަމަ އެއް މަސް ދުވަހު ސޭލްސް ކުޑަކޮށް ދަށަށް ދިޔަޔަސް ދިގު މުއްދަތުގައި ސޭލްސް އިތުރުވޭ. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގެ ވެސް ތަޖުރިބާއަކީ،" އޭނާ ވިދާޅުވި އެވެ.
ޑރ. އަރޫނާ ވިދާޅުވީ މިހާރު ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ލިބެނީ 400 އަކަފޫޓު ހަމަވާ ތަންތަނަށް އެކަނި ކަމަށްވާ އިރު އެއީ ތަފާތުކުރުމެއް ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދާނީ ހަމައެކަނި ބައެއް ކެފޭތަކަށް ކަމަށެވެ. އެހެންކަމުން، އެއްވެސް ކެފޭ/ރެސްޓޯރެންޓެއްގައި އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހަމަޖެއްސުމަކީ ހަމަހަމަކަން ގާއިމްކުރުމުގެ ފިޔަވަޅެއް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ޑރ. އަރޫނާ ފާހަގަކުރެއްވި ގޮތުގައި އަމާޒަކަށް ހަދަން ޖެހިފައި ވަނީ އާއްމު ހުރިހާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހެދުމެވެ. އަދި އޭގެ ތެރޭގައި ކެއިން ބުއިމުގެ ޚިދުމަތް ދޭ ހުރިހާ ތަނެއް ހިމަނައި އެ ތަންތަނުގައި އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީ ޖުމްލަކޮށް އެންމެންގެ ސިއްހަތު ސަލާމަތްކޮށްދޭނެ ފިޔަވަޅެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހެދީމަ މީހުންގެ ވިސްނުން އެބަ ބަދަލުވޭ. ބޯ ތަން ފެނުން މަދުވީމަ، ހުއްޓާލަން ވެސް ފަސޭހަވޭ،" ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ލިބޭ ފައިދާ އަށް އިޝާރާތްކުރައްވައި ޑރ. އަރޫނާ ވިދާޅުވި އެވެ.
އެއަށް ވުރެ ވެސް ބޮޑަށް، ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުގެ ގެއްލުންތަކުން އެތައް ބަޔަކު ސަލާމަތްވެގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ނުސީދާ ދުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން މި ލިބެނީ ކުޑަކުދިންނާއި މާބަނޑު މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. މާބަނޑު އިރު ދަރިފުޅުގެ ބަރުދަން ލުއިވުން، ބައިގެން ދިޔުން، ދުވަސް ނުފުރާ ވިހެއުން، އަދި ވިހޭމަ ނޭވާލުމުގެ މައްސަލަތައް އެބަ ދިމާވޭ. ކުޑަކުދިންގެ ނޭވާލުމުގެ ނިޒާމަށް މީގެ ސަބަބުން ވަރަށް ގިނަ ބަލިތައް ޖެހޭ. އަބަދު އަރިދަފުސް ރޯގާ ޖެހި، ފުއްޕާމޭގައި ހިފުން، ކަންފަތުގެ އިންފެކްޝަންތައް ޖެހި، ނޭވާހިއްލާ ބަލި ޖެހެން ވެސް އެބަ މެދުވެރިވޭ،" ދަރިން ދުންފަތުގެ ނުސީދާ ދުމުން ރައްކާތެރިކުރުމަކީ މައިންބަފައިންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ޑރ. އަރޫނާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރެސްޓޯރެންޓްތަކަށް ދަރިން ގެންދާއިރު، އެ ކުދިން އެ ހުށަހެޅެނީ ކިހާ ބޮޑު ނުރައްކަލަކަށްކަން މައިންބަފައިން ދަނެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަން ޖެހެ އެވެ.
ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް މަނާކުރަން ޖެހޭ އަނެއް ސަބަބަކީ، އަފްއާލް ވިދާޅުވިގޮތުގައި، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސިއްހަތު ރައްކާތެރިކުރުމެވެ.
"ދުމުގެ ސަބަބުން މުވައްޒަފުން މި ހުށަހެޅިގެންދަނީ ބޮޑެތި ބަލިތަކަށް. އެހެންވީމާ މަސައްކަތްތެރިންގެ ހައްގުތަކުގެ ނަޒަރުން ބަލާ އިރު، އެފަދަ މާހައުލެއްގައި މަސައްކަތްކުރުވޭ ގޮތަށް އޮވެގެނެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ޖެހޭ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށްވާ އިރު، ޑރ. އަރޫނާ ފާހަގަކުރެއްވި ގޮތުގައި، ދުންފަތާ ދެކޮޅު ފިޔަވަޅުތައް އަޅައި ގައުމުގައި ބަލިމަޑުކަން ކުޑަކުރުމަކީ ބޮޑެތި ޚަރަދުތަކެއް ސަލާމަތްކުރެއްވި އިގްތިސޯދަށް ވެސް ކުރާނެ ފައިދާ އެކެވެ.
Sign the Petition
Ministry of Health - Maldives: Smoke-free cafes and restaurants - Maldives
Change.org
ހުރިހާ ކެފޭ/ ރެސްޓޯރެންޓްތަކެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން 100 ޕަސެންޓް މަނާކުރަން ގޮވާލާ ޕެޓިޝަން
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!
ފުޑްކޯޓުތަކުގައި ސިނގިރޭޓް ބޮވިގެން ނުވާނެ: ނިހާން
ދުންފަތުގެ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރަނީ
ވޭޕް ބޭނުންކޮށްގެން ހަތަރު މީހަކު ޖޫރިމަނާކޮށްފި
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ކެފޭތަކުގަ ސިނގިރޭޓުބުއިން ޑޮކްޓަރުންގެ ކަންބޮޑުވުމަކަށް
ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފި
ސިނގިރޭޓު ބުއިން ހުއްޓާލާ މީހުންނަށް ބައިސްކަލެއް ދެނީ