Roadha Mihaaru
ކެފޭތަކުގަ ސިނގިރޭޓުބުއިން ޑޮކްޓަރުންގެ ކަންބޮޑުވުމަކަށް

ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމާއެކު ކަންބޮޑުވެއްޖެ

06 ޖުލައި 2020

ކޮވިޑް-19 ފެތުރޭތީ ކެފޭ/ރެސްޓޯރެންޓުތައް ބަންދުކުރުމަށް ފަހު ދިން ލުޔާއެކު، އަލުން ހުޅުވި އިރު، އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ނުކުރުމުން ބައެއް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 ފެތުރޭތީ ކެފޭ/ރެސްޓޯރެންޓުތައް ބަންދުކުރުމަށް ފަހު ދިން ލުޔާއެކު، އަލުން ހުޅުވި އިރު، އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ނުކުރުމުން ބައެއް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ކޮވިޑް-19އާ ހެދި ބަންދުކުރި ކެފޭ/ރެސްޓޯރަންޓުތައް އަލުން ހުޅުވަން ތައްޔާރުވެ، އެންމެ ފުރަތަމަ ނިންމާފައިވަނީ އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުުރެވޭ ގޮތަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިދިޔަ މަހުގެ 20 ގައި އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ އާއި ވޭޕާއި އީ-ސިނގިރެޓު ވެސް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލުކުރުން "ނިއު ނޯމަލް"ގެ ދުވަސްވަރު މަނާ ކަމަށެވެ. އެކަމަކު އެ އުސޫލު އިސްލާހުކޮށް މިދިޔަ މަހުގެ 27 ގައި އާންމުކުރީ، ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށެވެ.

އެޗްޕީއޭގެ މި ބަދަލާ ގުޅިގެން ވާހަކަ ދެއްކެވި ބައެއް ޑޮކްޓަރުންގެ ކަންބޮޑުވުމަކީ، ކޮވިޑް-19އަކީ ފުއްޕާމެއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާ ބައްޔަކަށް ވެފައި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ބަލި ބޮޑުވުމުގެ ފުރުސަތު އޮތުމެވެ.

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅޭގޮތުން ޗައިނާ އިން ހެދި ދިރާސާތަކުން ދައްކާ ގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް، ބަލީގެ އަސަރު ބޮޑުވާ ކަމަށެވެ. އެ ބަލީގައި މަރުވާ މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް މަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވި ގޮތުގައި ކެފޭ/ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ އަސަރު، އެ ތަނުގައި ތިބޭ ސިނގިރޭޓް ނުބޯ މީހުންނަށް ވެސް ކުރާނެ ކަމަކަށް ވުމުން އޭގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތެވެ.

އެޗްޕީއޭން ބަދަލު ގެނައި އުސޫލުގައިވާ ގޮތުން ކެފޭ/ރެސްޓޯރަންޓްތަކުގައި ސިނގިރޭޓް ބޯން ޖެހޭނީ އެހެން މީހުންނަށް ދުން ނުފޯރާވަރުގެ ދުރުމިނެއްގައި ތިބެގެންނެވެ. އެކަމަކު، ބައެއް ތަންތަނުގައި އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ގިނަ ބަޔަކު އެއްވެ ތިބެ ދުންފަތުގެ އިސްތިއުމާލު ކޮށް އުޅޭތަން ވަރަށް ގިނައިން ފެނެ އެވެ. ބައެއް ތަންތަނުގައި ގޮނޑިތައް އަތުރާފައި ވަނީ ރާއްޖެ އިން ކޮވިޑް-19 ފެނުމުގެ ކުރިން ވެސް ހުރި ގޮތަށް މޭޒުތައް ވަރަށް ކައިރީގަ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލުން ހުއްދަ ދިނުމާ ގުޅޭގޮތުން "މިހާރު"ން ސުވާލު ކުރުމުން ކޮވިޑް-19 އާ ދެކޮޅު މަސައްކަތުގެ ތަރުޖަމާނު، އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އުސޫލު ބަދަލުކުރީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. "ވަރަށް ގިނަ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ފަހު ހުއްދަ ދޭން ނިންމީ،" ސިއްހަތަށް ގެއްލުން ހުރި ކަމެއް ކުރަން ހުއްދަ ދިނީ ކީއްވެގެންތޯ ސުވާލު ކުރުމުން ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި 85 ޕަސެންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާބަލިތަކުގަ އެވެ. އޭގެ ތެރެއިން 50 ޕަސެންޓު ހިއްސާ ކުރަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުން ހުރި ބަލިތައްކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިއީ އަވަށްޓެރި އެހެން ގައުމުތަކުގައި މި ބަލިތައް ޖެހޭ ނިސްބަތަށް ވުރެ މަތީ އަދަދެއްކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން އާއްމުކޮށް ހާޓްއެޓޭކް ޖެހުން ފަދަ ކަންކަން ދިމާވަނީ އުމުރުން 50-60 އަހަރުގެ މީހުން ނަމަވެސް މިހާރު، 27-30 އަހަރުގެ ޒުވާނުންނަށް ވެސް އެކަން ކުރިމަތިވާ ކަމަށެވެ. އަދި 22-23 އަހަރުގެ ޒުވާނުންނަށް އަނގައިގެ ކެންސަރު ޖެހުން އިތުރުވެފައިވާ ކަމަށް ވެސް ނަޒީމް ވިދާޅުވި އެވެ.

އެޗުއީއޯސީގެ މީޑިއާ ބްރީފިންއެއްގައި ޑރ. އަލީ ނަޒީމް އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އެޗުއީއޯސީގެ މީޑިއާ ބްރީފިންއެއްގައި ޑރ. އަލީ ނަޒީމް އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

"މިހާރު ސިއްހީ ނިޒާމު ރަނގަޅުވުމުގެ ސަބަބުން ފަރުވާ ދީގެން މި ބަލިތަކުން އެބަ ރަނގަޅުވޭ. އެކަމަކު ރަނގަޅުވި ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މި ވަނީ ވަރަށް ވީކް ބަޔަކަށް. ފުއްޕާމެއަށް، ހިތަށް މާބޮޑަށް އަސަރުކުރުމުގެ ސަބަބުން ކަސްރަތުކޮށްލުން ފަދަ ކަންކަން ވެސް ނުކުރެވޭ،" ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް އަޅައިފި ނަމަ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިދާނެ ކަމަށެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް އުޅެނީ 42 ޕަސެންޓުގަ އެވެ. އެހެންވެ، ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަކީ މެޖޯރިޓީއަށް އޭގައި ފައިދާ ކުރާނެ ގޮތެވެ. އަދި މި ފަދަ ދަނޑިވަޅެއްގައި، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހެދުމަކީ އެ މީހުންގެ އިލްތިމާސެކެވެ.

ކެފޭ/ރެސްޓޯރެންޓތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން އެޗްޕީއޭ އިން ފުރަތަމަ ނިންމުމުން ގިނަ ބަޔަކު އެކަމަށް ތާއީދުކުރި އެވެ. ނަމަވެސް އުސޫލު ބަދަލުކޮށް، އަލުން ހުއްދަ ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް ބޮޑުވެފަ އެވެ.

ނަޒީމް ވިދާޅުވި ގޮތުގައި ކެފޭ/ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ އަސަރު، އެ ތަނުގައި ތިބޭ ސިނގިރޭޓް ނުބޯ މީހުންނަށް ވެސް ކުރާނެ ކަމަކަށް ވުމުން އޭގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތެވެ.

"މި ހުންނަނީ ސިއްހަތަށް ވުރެ ސިޔާސީ ނުފޫޒަށް އިސްކަންދޭން ޖެހުމުން ދެން ވާނެ ގޮތް. ރާއްޖެ އަށް އެންމެ ގިނައިން ދުންފަތުގެ ބާވަތްތައް އެތެރެކުރާ އެކަކީ މިހާރު އެންމެ "ބާރުގަދަ" ޕާޓީ އަށް ޚަރަދުކުރާ އެކެއް. ދެން ސިޔާސަތުތައް ކަނޑައަޅާ ގާނޫނުތައް ހަދާއިރު ތިލަފަތް ވަކި އަތަކަށް ބުރަވުމަކީ ނުވެ ނުދާނެ ގޮތެއް،" ނިއު ނޯމަލްގައި ކެފޭ/ރެސްޓޯރަންތުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް ހުއްދަ ކުރުމުން "މިހާރު" ގައި އިއްޔެ ޖެހި ޚަބަރަށް މީހަކު ފޮނުވި ކޮމެންޓެއްގައި ވެ އެވެ.

އެހެން ކޮމެންޓެއްގައި ބުނެފައި ވަނީ އެޗުޕީއޭ އެއްވެސް ގޮތަކަށް އިޚުލާސްތެރި ނޫން ކަމަށާއި ބައެއްގެ ސިޔާސީ ނުފޫޒު އޮތްކަން ވަރަށް ސާފު ކަމަށެވެ.

"މި ދުވަސްވަރު އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަދީގެން ނުވާނެ. ހުއްދަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ޢެޗް.ޕީ.އޭ އަށް އެއްވެސް އިތުބާރެއް ނެތް،" ކޮމެންޓު ކުރި މީހާ ލިޔެފައި ވެ އެވެ.