Roadha Mihaaru
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!

އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!

03 ފެބުރުއަރީ 2019

"ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކު ވެސް، މިއަދު އަޒުމް ކަނޑައަޅަންވީ، ދުންފަތަށް އަލްވަދާއު ކިޔައި، ފުރިހަމަ ސިއްހަތަކަށް މަރުހަބާ ކިޔުމަށް،" ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހުކުރަން މިދިއަ ބުދަދުވަހު އޮތް ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

"ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކު ވެސް، މިއަދު އަޒުމް ކަނޑައަޅަންވީ، ދުންފަތަށް އަލްވަދާއު ކިޔައި، ފުރިހަމަ ސިއްހަތަކަށް މަރުހަބާ ކިޔުމަށް،" ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހުކުރަން މިދިއަ ބުދަދުވަހު އޮތް ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު އޭރު އެ ހުންނެވީ ކުރީގެ ސަރުކާރުތަކަށް ނުކުރެވުނު ކަމެއް އިފްތިތާހުކުރެއްވުމުގެ ހަފުލާއެއްގަ އެވެ. ދުންފަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު އެކުލަވާލައި، ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވާފައި އޮންނަތާ ހަ އަހަރު ވެއްޖެ އެވެ. އެންމެ ފަހުން އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވުމަކީ، ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެކެވެ. މި ސަރުކާރަށް އެކަމުގައި ލިބުނު ޕްލަސް ޕޮއިންޓެކެވެ.

ރައީސް އެ ވިދާޅުވީ ރަނގަޅު ވާހަކަފުޅެކެވެ. ދުންފަތާ އަލްވަދާއު ކިޔަންވީ އެވެ. އެކަމަކު ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލްކުރާ މީހުންގެ ނިސްބަތަށް ބަލާއިރު އެއީ އެހާ އަވަހަށް ފެނިދާނެ މަންޒަރެއް ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އަދިވެސް އޮތީ ހޭލުންތެރިކަން ބޮޑުކޮށް، އޭގެ މަސައްކަތް އިތުރުކުރުމެވެ.

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ބައެއް މީހުން ދެކޭ ގޮތުގައި ދުންފަތުގެ ގަވާއިދު ގެޒެޓްކުރުމަކީ ސަރުކާރުގެ ޖެހިލުން ކުޑަ ނިންމުމެކެވެ. އެކަމަކު ގަވައިދު އައުމާ އެކު ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލަކީ މިއީ އެވެ؛ ކިތަންމެ މޮޅަށް ގަވައިދެއް ހެދިޔަސް، ކަމާ ބެހޭ ފަރާތްތަކަށް އެ ތަންފީޒު ކުރެވިދާނެ ބާ އެވެ؟

އާ ގަވާއިދުގެ ދަށުން، ވަކިން ދެން ސިނގިރޭޓެއް ނުވިއްކޭނެ އެވެ. ވިއްކަން ޖެހޭނީ ފޮއްޓެވެ. މިއީ ކޮންމެ ފަހަރަކު ސިގިރޭޓް ފޮއްޓެއް ގަތުމުގެ މާލީ ގާބިލްކަން ނެތް މީހުންނަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ. ދެން އެ ގަވާއިދުން ލާޒިމްކުރާ އަނެއް ކަމަކީ ސިނގިރޭޓް ފޮށީގެ ބޭރުގައި، ދުންފަތުން ޖެހޭ ބަލިތައް ދައްކައިދޭ މަންޒަރު ހިމެނުމެވެ. ދުންފަތާ ދެކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ދުންފަތުގެ ސަބަބުން ކެންސަރު ޖެހިފައިވާ މީހުންނަށް ވެފައި ހުންނަ ގޮތުގެ މަންޒަރުތައް ސިނގިރޭޓް ފޮށީގެ ބޭރުގައި ހިމަނައިފި ނަމަ، އެއާ މެދު ކޮންމެވެސް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދޭނެ އެވެ.

ދުންފަތުގެ ގަވައިދު އިފްތިތާހު ކުރުމަށް ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުންފަތުގެ ގަވައިދު އިފްތިތާހު ކުރުމަށް ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި ހަށިހެޔޮ، ދުޅަހެޔޮ ސިއްހަތެއްގެ ވެރި ބަޔަކަށް ދިވެހިން ހެދުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ. އެކަމަކު ގަވައިދެއް ގެޒެޓްކޮށްލުމަކުން ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން މަދުވެދާނެ ކަމަށް ރައީސް ގަބޫލުފުޅެއް ނުކުރައްވަ އެވެ. ސިނގިރޭޓް ފޮށީގައި ތަތްކޮށްލާ ލޭބަލަށް ވުރެ، ދުންފަތާ ދެކޮޅަށް ހިތުގައި ތަތްކޮށްލާ ލޭބަލްގެ ބާރު މާ ގަދަވާނެ ކަމަށް ވިދާޅުވި އެވެ.

ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އަދި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ސިނގިރޭޓު ފޮށީގެ ބޭރުގައި މަންޒަރު ހިމެނޭ ގޮތަށް ލޭބަލެއް ޖެހުމުން ދުންފަތާ ދުރަށް ދާ މީހުން ގިނަ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގައި އެއީ ކާމިޔާބު އުކުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އޭނާ ގަބޫލުކުރައްވަނީ ހަގީގީ މަންޒަރު ހުންނަ ފޮޓޯއެއް ސިނގިރޭޓު ފޮށީގެ ބޭރުގައި ތަތްކުރުމުން ދުންފަތާ ދުރަށް ދާ ދިވެހިން ވެސް ގިނަވާނެކަމުގެ ޔަގީން ކަން އޮތް ކަމަށެވެ. އަދި ސްކޫލް ކުދިންނާއި އަލަށް ސިނގިރޭޓު ބޯން ފަށާ ކުދިން ވެސް އެކަން ނުކޮށް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލަށް ފަށަން އުޅޭ މީހުން އެ ފޮށި ގަންނަން ޖެހިލުން ވާނެ. ސިނގިރޭޓު ބޯ މީހުން އާންމުކޮށް މި ފަށަނީ ދެ ރުފިޔާ ދީގެން. ބައެއް ފަހަރު އިންޓަވަލަށް ދޭ ރުފިޔާކޮޅު އެއްކޮށްލައިގެން ވެސް ސިނގިރޭޓު ގަނެގެން ބޮއެ. އެކަމަކު، އާ ގަވައިދަކީ އެފަދަ މީހުންނަށް ވެސް ބޯން އެޅޭ ހުރަހެއް،" އަފްއާލް ވިދާޅުވި އެވެ.

ސިނގިރޭޓް ފޮއްޓެއްގައި ސިއްހަތުގެ އިންޒާރު ދީފައި-- މިހާރު ފޮޓޯ

ސިނގިރޭޓް ފޮއްޓެއްގައި ސިއްހަތުގެ އިންޒާރު ދީފައި-- މިހާރު ފޮޓޯ

ވަކި ސިނގިރޭޓު ވިއްކުން މަނާކުރުން ގިނަ ބަޔަކު ސިފަކުރީ މި އަހަރުގެ އެންމެ އުފާވެރި ހަބަރުގެ ގޮތުގަ އެވެ. އެކަމަކު ބައެއް މީހުންގެ ހިތުގައި އަދިވެސް އުފެދޭ ސުވާލަކީ ގަވައިދު އޮތަސް ފިޔަވަޅު އެޅިދާނެތޯ އެވެ.

ގަވާއިދު ތަންފީޒުކުރުން، އެންމެންގެ ވެސް ޒިންމާއެއް

"ވަކި ސިނގިރޭޓު ދެން ވިއްކާނީއެއް ނޫން. ރައްޓެހިކަމުގެ ގޮތުން ދޭނީ. ފިހާރައިގެ ސޭޓު ވެސް އެ ތަނަށް ވަންނަ ރައްޓެހިންނަށް ދޭނީ. އެމީހުން ނުކުންނަމުން 4ރ. ނޫނީ 5ރ. ދިއްކޮށްލުމަކީ އެހެން ކަމެއް،" "މިހާރު" އޮންލައިނަށް ކިއުންތެރިޔަކު ފޮނުވި ކޮމެންޓެއްގައިވެ އެވެ.

"މަނާ ކިތައް ކަންތައް މި ގައުމުގައި އެބަ ކުރޭތަ؟ ފިޔަވަޅެއް ނޭޅެއޭ. އެއީ މައްސަލައަކީ،" އެހެން ކޮމެންޓެއްގައިވެ އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި ގަވައިދު ތަންފީޒު ކުރުމަކީ ފުލުހުންނާއި ހެލްތު މިނިސްޓްރީ ނުވަތަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހަމައެކަނި ޒިންމާއެއް ނޫނެވެ. ގަވައިދު ތަންފީޒު ކުރުމުގައި ރާއްޖޭގައި އުޅޭ ކޮންމެ މީހެއްގެ ރޯލު ވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.

"ގާނޫނާއި ގަވައިދުތައް ހަދަނީ އެންމެން އެއަށް އަމަލު ކުރަން. ފިހާރައިގައި އިންނަ މީހާ އާއި ފިހާރައިގެ ވެރިމީހާ އާއި ފިހާރަ އަށް ވަންނަ މީހާ ވެސް ގާނޫނާއި ގަވައިދުތަކަށް އަމަލު ކުރަން ޖެހޭ. ގަވައިދު ތަންފީޒު ވާނެތޯ ސުވާލު އުފައްދަނީ ފަރުދީ ޒިންމާ އަދާނުކުރަން ވެގެން،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ މީހެއް ވެސް ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ފަރުދީ ޒިންމާއެކެވެ. އަދި ފުލުހުންނާއި އެޗްޕީއޭ ފަދަ ތަންތަނުން ގަވައިދު ފުރިހަމަ އަށް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޒާރުގެ ފޮޓޯ އާއި މެސެޖް ލިޔެފައިވާ ސިނގިރޭޓު ފޮއްޓެއް: މެއި 31 އިން ފެށިގެން ރާއްޖޭގައި ވެސް ސިނގިރޭޓް ވިއްކޭނީ އެގޮތަށް ފޮޓޯ ޖަހައިގެން

އިންޒާރުގެ ފޮޓޯ އާއި މެސެޖް ލިޔެފައިވާ ސިނގިރޭޓު ފޮއްޓެއް: މެއި 31 އިން ފެށިގެން ރާއްޖޭގައި ވެސް ސިނގިރޭޓް ވިއްކޭނީ އެގޮތަށް ފޮޓޯ ޖަހައިގެން

"ރެސްޓޯރަންޓެއްގައި ސިނގިރޭޓު ބޯން އިންނަ މީހަކު، އޭނާގެ ދަރިފުޅު ވަނީމަ ސިނގިރޭޓުގެ ދުން ދޫކުރާކަށް ބޭނުމެއް ނުވާނެ. އެއީ އޭނާ ހިތްހަމަޖެހޭ ކަމަކަށް ނުވާތީ. އެކަމަކު ދަރިފުޅު ދިޔައީމަ، އެހެން މީހެއްގެ މޫނަށް ދުންތައް މި ބުރުވާލަނީ،" އަފްއާލް ވިދާޅުވި އެވެ.

ދިވެހިންގެ ދިރިއުޅުމުގެ އާދަތައް ހުރި ގޮތުން ރާއްޖޭގައި މިހާރު އެންމެ ގިނަ މީހުން މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގަ އެވެ. އެގޮތުން ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 ޕަސެންޓް މީހުން މަރުވަނީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތަކުގަ އެވެ.

ކަމާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި މިފަދަ ބަލިތައް ޖެހުމުގައި ދުންފަތް މައިގަނޑު ރޯލެއް ކުޅެ އެވެ. ރާއްޖޭގައި ކޮންމެ ދެ ދުވަހުން އެއް ދުވަހު، ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި، ދިވެއްސަކު މަރުވެ އެވެ. އަހަރަށް ބަލާ ނަމަ އެއީ 178 މީހުންނެވެ. އެހެންކަމުން ދުންފަތަކީ ދިވެހިންނަށް ވެސް އޮތް ބޮޑު ބިރެކެވެ.

އެ ބިރުވެރިކަމުން ރައްކާތެރިވާން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެޒެޓްކުރި ގަވާއިދަކީ ލިބުނު އިތުރު އެހީއެކެވެ. އެއީ މީގެ ކުރީގެ ސަރުކާރުތަކަށް ނުކުރެވުނު، ކުރަން ބޭނުންނުވި ކަމެކެވެ. ދެން އޮތީ ގަވައިދު ތަންފީޒު ކުރުމެވެ.