Roadha Mihaaru
ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ސެކިއުރިޓީ ދެނީ

ރިޔާސީ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފަށައިފި

18 އޯގަސްޓް 2018

އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފަށައިފި އެވެ.

އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފަށައިފި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ރިޔާސީ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ސެކިއުރިޓީ މިއަދު ދޭން ފަށާފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމާ ހަމަޔަށް ސެކިއުރިޓީ އެ ބޭފުޅުންނަށް ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ފިޔަވައި ދެން ވާދަކުރައްވަނީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އަދި ރަނިންމޭޓުންގެ ގޮތުގައި ރައީސް ޔާމީން ހަމަޖައްސަވާފައި ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމެވެ. އިބޫގެ ރަނިންމޭޓަކީ ކާށިދޫ ދާއިރާގެ މަޖްލިސް މެމްބަރު ފައިސަލް ނަސީމެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފެށީ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް މިއަދު ނަންތައް އިއުލާންކުރުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް އިން ސެކިއުރިޓީ ދިނުމުގެ ކުރިން އިބޫ އާއި ފައިސަލް ގެންދަވަނީ އަމިއްލަ ސެކިއުރިޓީ ބޭނުންކުރައްވަމުންނެވެ.