Roadha Mihaaru
އިބޫގެ ކެމްޕޭން މެނޭޖަރަކަށް ނަޝީދު!

އިބޫގެ ކެމްޕޭން މެނޭޖަރަކަށް ނަޝީދު!

19 އޯގަސްޓް 2018

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތްތެރިވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތްތެރިވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.

އަންނަ މަހު 23 ގައި ނަގާ ވޯޓުގައި ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، އިބޫ އަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމުގެ މަސައްކަތްޕުޅު ނަޝީދު ކުރައްވަނީ ސްރީ ލަންކާގައި ހުންނަވައިގެންނެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިބޫ މިދިޔަ ހުކުރު ދުވަހު "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ކުޑައިރުއްސުރެން އެންމެ ގާތް އެކުވެރިޔާ ނަޝީދު، އޭނާގެ ކެމްޕޭންގައި އުޅުއްވަން ޖެހިވަޑައިގަންނަވާ މިންވަރާ ގާތަށް ވެސް ނޫޅުއްވާ ކަމަށް ބައެއް މީހުން ދައްކާ ވާހަކަތަކާއި ކުރާ ތުހުމަތުތަކަށް ވަނީ ޖަވާބު ދެއްވައިފަ އެވެ.

އިބޫ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ކެމްޕޭންގައި މުހިއްމު ދައުރެއް ރައީސް ނަޝީދު އާދަކުރައްވާ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އިބޫ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ކެމްޕޭންގައި މުހިއްމު ދައުރެއް ރައީސް ނަޝީދު އާދަކުރައްވާ ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ނަޝީދު ދިފާއުކުރައްވައި އިބޫ ވިދާޅުވީ، "މި ކެމްޕޭން ތެރޭގައި ރައީސް ނަޝީދު އެބަ ހުންނެވި" ކަމަށެވެ. އިބޫ ގަބޫލުކުރައްވާ ގޮތުގައި، ކެމްޕޭންގައި އެންމެ ހަރަކާތްތެރިކޮށް އުޅުއްވާ އެއް ބޭފުޅަކީ ވެސް ނަޝީދެވެ.

"އަޅުގަނޑުމެންގެ އެތެރޭގައި އޮންނަ ވަޓްސްއެޕް ގްރޫޕްގައި އިއްޔެ [ބުރާސްފަތި ދުވަހު] ލިއުއްވާފައި އޮތް މިވަގުތު ކެމްޕޭން މެނޭޖަރަކީ ތިމަންނައޭ. އެ ދައުރާ މިހާރު ހަވާލުވެވަޑައިގެންނޭ މި ހުންނެވީ،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅުގެ ކެމްޕޭން ހަރަކާތެއްގައި އިބޫ ބައިވެރިވެވަޑައިގަންނަވަނީ.

އިދިކޮޅުގެ ކެމްޕޭން ހަރަކާތެއްގައި އިބޫ ބައިވެރިވެވަޑައިގަންނަވަނީ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސީ ނަޝީދެވެ. އެކަމަކު އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި، އިންތިޚާބަށް ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން، އެމްޑީޕީން ނިންމީ ގުޅިފައިވާ ޕާޓީތަކުން އެންމެ އިތުބާރުކުރާ، ތާއީދު ބޮޑު އިބޫ، ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށެވެ. އެ ނިންމުމަށް ޕާޓީތަކުން ރުހުން ދީ، ރަނިން މޭޓަކަށް ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމެވެ.

އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުންގެ ވެސް އަޒުމާއި މިސްރާބު ހުރީ އެއް ދިމާލަކަށެވެ. އެއީ، މި އިންތިޚާބުގައި ރައްޔިތުންނަށް ކާމިޔާބީ ހޯދައިދިނުމެވެ.