Roadha Mihaaru
މާލޭގައި ނެގި ޖޭޕީގެ ބޮޑު ދިދައެއް ފުލުހުން ބާލައިފި

މާލޭގެ އިމާރާތެއްގައި ނެގި ޖޭޕީގެ ބޮޑު ދިދައެއް ފުލުހުން ބާލައިފި

21 އޯގަސްޓް 2018

ގަލޮޅުގެ ގެއެއްގެ އެންމެ މަތީގައި ނަގާފައި ހުރި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ބޮޑު ދިދައެއް ފުލުހުން މިއަދު ބާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގަލޮޅުގެ ގެއެއްގެ އެންމެ މަތީގައި ނަގާފައި ހުރި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ބޮޑު ދިދައެއް ފުލުހުން މިއަދު ބާލައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު "މިހާރު" އަށް މިރޭ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ކުރިން ހިންގި އިމާރާތުގެ ކުރިމަތީގައި ހުންނަ އަސްދު އަށް ފުލުހުން ވަދެ، އެ ގޭގައި ނަގާފައި ހުރި ބޮޑު ދިދަ ބާލައިގެން ގެންދިޔައީ ކޯޓު އަމުރެއް ވެސް ނެތި ކަމަށެވެ.

"ފުލުހުން ބުނީ މާ މަތީގައި ދިދަ ހުރީމަ ގެންދިޔައީ ކަމަށް. އެކަމަކު، މާ މަތީގައި ހުރި ނަމަ، އެ އަށް ވުރެ ތިރި ކުރަން ނޫންތޯ އަންގަން ޖެހޭނީ؟" އަސްދޫގޭގައި 12 ބުރިއަށް ހަދަމުން ދާ އިމާރާތުގެ އެންމެ މަތީގައި ނަގާފައިވާ ދިދަ ފުލުހުން ގެންދިޔަ މައްސަލާގައި ސަމީރު ވިދާޅުވި އެވެ.

މިދިޔަ މާޗް މަހު އަމަލުކުރަން ފެށި، ގައުމީ ދިދަ ބޭނުންކުރުމާ އުސޫލުގައިވާ ގޮތުން، ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ގަައުމީ ދިދަ އަށް ވުރެ އެހެން ވެސް ދިދައެއް އުސްކޮށް ނުނެގޭނެ އެވެ.

މާލޭގައި އެންމެ އުސްކޮށް ގައުމީ ދިދަ ނަގާފައި ވަނީ ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ޕޯސްޓަށެވެ.

ސަމީރު ވިދާޅުވީ، އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފޯރީގައި ކުރިއަށް ދާއިރު، ފުލުހުން މަސައްކަތް ކުރަނީ ހަމައެކަނި އިދިކޮޅު މީހުންގެ ކެމްޕެއިނަށް ހުރަސް އަޅަން ކަމަށެވެ. އެކަން އޭނާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން މިނިވަންކަމާ އެކު، މާލެ އާއި އެކިއެކި ރަށްރަށުގައި ދިދަ އާއި ފޮތި ދެމެމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. އަނިޔާވެރިކަން ކުރިމަތިވެފައި މިއޮތީ،" ސަމީރު ވިދާޅުވި އެވެ.

ޖޭޕީގެ ދިދަ ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ، އެ ދިދަ ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެން އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ވަނީ ވަނީ ދިދަ ބަދަލުކޮށްފަ އެވެ.