Roadha Mihaaru
ސަމީރު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރަނީ

27 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތްތައް ރޭވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ސަމީރު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ އަށެއް ޖަހާއިރަށެވެ.

ސަމީރު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒު ބަލައި ފާސް ކުރަން ދިޔަ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގަ އެވެ.

އެކަމަކު އެ ތުހުމަތުތައް ސަމީރު ދޮގުކުރައްވަ އެވެ.

ސަމީރު ވިދާޅުވީ ކުނޫޒު ފާސް ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދިން އަމުރު ހިފައިގެން އައުމުން، އެތަން ބަލައި ފާސް ކުރަން ފުރުސަތު ދެއްވާފައިވާނެ ކަމަށެވެ.

ކުނޫޒް ފާސް ކުރުމަށް ފަހު، އެތަނުން އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމުގެ ލިޔުން ދިނުމާއެކު، ކުރީގެ އަމުރު ހިފައިގެން އެތަން ފާސް ކުރަން ފުލުހުންނަށް ދެވޭނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގެ އަމުރަށް ތަން ފާސްކޮށް ނިމުނު ކަމަށް ފުލުހުން ލިޔުން ދީފައި ވާތީ، އާ އަމުރަކަށް ނޫނީ ދެން ފާސްނުކުރެވޭނެ، އެއީ 72 ގަޑިއިރެއް ނޫން، ކޮންމެ ގަޑިއެއް ދިނަސް،" ސަމީރު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގެ 32 ވަނަ މާއްދާގައި އޮންނަ ގޮތުން، ތަނެއް ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގައި އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި އެއްފަހަރަށް ވުރެ ގިނަ ފަހަރު އެތަނަކަށް ވަންނަ ނަމަ އެކަން ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.

ޖުމްހޫރީ ޕާޓީން ބުނީ ކުނޫޒް ފާސްކުރަން ފުރަތަމަ ގެންދިޔަ ކޯޓު އަމުރުގައި ދެ ފަހަރު ބަލައި ފާސްކުރަން ކޯޓުން ހުއްދަ ދީފައި ނުވާ ކަމަށާއި އެ އަމުރަށް ދެ ވަނަ ފަހަރަށް ފުލުހުން ވަދެފި ނަމަ އެކަމުގެ ޒިންމާ ފުލުހުން ނަގަންޖެހޭނެ ކަމަށެވެ.