Roadha Mihaaru
ގިނަ ލީޑަރުންތަކެއްގެ ބަސްއަހައިގެން ވެރިކަން ނުކުރެވޭނެ

ބައިވަރު ލީޑަރުންތަކެއް ބުނާ ބަސް އަހައިގެން ވެރިކަމެއް ނުކުރެވޭނެ: ރައީސް ޔާމީން

22 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލު ކުރާނެ ކަމަށާއި އެކަމަކު ބައިވަރު ލީޑަރުންތަކެއް ބުނާ ބަސް އަހައިގެން ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލު ކުރާނެ ކަމަށާއި އެކަމަކު ބައިވަރު ލީޑަރުންތަކެއް ބުނާ ބަސް އަހައިގެން ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަމްފަރުގެ ބަނދަރު ހުޅުއްވައިދެއްވުމަށް އެ ރަށަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯގައިވާ ގޮތުން، ވެރިކަން ލިބުމަށް ފަހު ހިންގާނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. އެ ނިޒާމު ރާއްޖޭގައި ހިންގާނެ ގޮތާ މެދު ސުވާލު އުފައްދަވަމުން އެ މަނިކުފާނު ވިދާޅުވީ އެ ފަދަ ވެރިކަމެއް ކުރާއިރު، އިދިކޮޅުން ކުރިމަތިލާ ކެންޑިޑޭޓުގެ ހައިސިއްޔަތު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގައި އެންމެ 18 މަސް ދުވަހަށް ނަމަވެސް މީހަކު ވެރިކަމަށް އައްޔަންކޮށްފާނެ އެވެ. އެކަމަކު، ބަރުލަމާނީ ނިޒާމަކަށް ބަދަލުވާ ހިސާބުން، މިހާރު އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަށް، ޕާޓީގެ ބޮޑުވަޒީރަކީ ތިމަންނަ ކަމަށް ވިދާޅު ނުވެވޭނެ ކަމަށާއި، އެ ކެންޑިޑޭޓަށް ވުރެ މަތިން އެތައް ނުފޫޒުތަކެއް އުޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ނޮޅިވަރަމްފަރަށް ކުރެއްވި ދަތުރުގައި ބައެއް މީހުންނާ ސަލާމް ކުރައްވަނީ

ރައީސް ޔާމީން މިއަދު ނޮޅިވަރަމްފަރަށް ކުރެއްވި ދަތުރުގައި ބައެއް މީހުންނާ ސަލާމް ކުރައްވަނީ

އަދި ދައުލަތުގެ އެންމެ އިސް މީހާގެ މައްޗަށް ބަސް ކިޔާ، އޭނާގެ މައްޗަށް ބާރު ހިންގައި އެތައް ބަޔަކު ތިބެއްޖެ ނަމަ އޭނާއަށް ދައުލަތެއް ނުހިންގޭނެ ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތް ހިންގޭނީ، އެކަން ކުރަން ރައްޔިތުން އިންތިޚާބު ކުރާ މީހާއާ ހަމައިގައި ހުރިހާ ބާރުތަކެއް އޮތިއްޔާ އެވެ.

"އޭނާ ހަމައެކަނި ތެދުވެރިވާން ޖެހޭނީ އޭނާގެ ކުރިމަތީގައި އޮންނަ ގާނޫނީ ސަރުކާރު ދެމެހެއްޓުމަށް. ގާނޫނީ ނިޒާމު ދެމެހެއްޓުމަށް. އިސްލާމީ އުސޫލު ދަމަހައްޓައި އިންސާފު ގާއިމު ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމު ކުރުމަށް ފަހު، އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ އިދިކޮޅު ކޯލިޝަނަށް ހޯދިދާނެތޯ ސުވާލު ކުރައްވާފަ އެވެ. އަދި މެޖޯރިޓީ ނުލިބި، ޕީޕީއެމުން އެކަން ކާމިޔާބުކޮށްފިނަމަ، ވެރިކަން ނިމިގެން ދިޔައީ ކަމަށާއި އިތުރަށް 18 މަސް ދުވަސް މަޑުކުރަން ނުވެސް ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވެ، އެހާ ސާފުކޮށް ފެންނަން އޮތް، އެހާ ދެކޮޅު ނުޖެހޭ ކަމެއް، ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމެއް ގާއިމު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފުކަމަކަށް ނުވި ނަމަވެސް، އެއީ ގާނޫނު އަސާސީގައި އެކަން އޮތްގޮތާ ހިލާފު ވާހަކަ އެކެވެ. އަދި އޭގެ ސަބަބުން، އަނެއްކާ ވެސް އިންތިހާބީ ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެކަން ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެހެން ބައެއް ކަންތައްތައް

ނޮޅިވަރަމްފަރުގެ ބަނދަރު ރައީސް މިއަދު ހުޅުއްވައިދެއްވަނީ

ނޮޅިވަރަމްފަރުގެ ބަނދަރު ރައީސް މިއަދު ހުޅުއްވައިދެއްވަނީ

- މިހާތަނަށް 70 އަށް ވުރެ ގިނަ ރަށްރަށުގެ ބަނދަރު ހަދާ ނިމިއްޖެ، ބަނދަރުފުން ކުރުމާއެކު، އޭގެ ތެރޭގައި 105 ރަށް ހިމެނޭ. އެމްޑީޕީގެ ސަރުކާރަށް ހެދުނީ 25ހަކަށް ބަނދަރު

- 50 ރަށުގެ ބަނދަރު ހެދީ އެމްޓީސީސީން. މިއިން އެނގެނީ ސަރުކާރު ކުންފުނިތަކުގައި ހަކަތަ ހުރި މިންވަރު. އަވަށްޓެރި ގައުމެއްގެ ކުންފުންޏަކަށް ދިން ނަަމަ މި ސްޕީޑެއްގައި މަސައްކަތެއް ނިންމައެއް ނުލެވޭނެ

- ކުރީގެ ސަރުކާރުތަކުން ނޮޅިވަރަމްފަރުގެ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަ ކުރީ 31 މިލިޔަން ރުފިޔާ. އެއީ ތަރައްގީގެ މަޝްރޫއުތަކަށް އޭރު ކަނޑައަޅާފައިވާ ބަޖެޓުން، އެކަށީގެންވާ އަދަދަކަށް ވެދާނެ. އެކަމަކު ބަޖެޓަށް ފައިސާ ހޯދައި، ރައްޔިތުންނަށް އިތުރަށް ކަންކަން ކޮށްދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް. މި ސަރުކާރުން މިހާތަނަށް 186 މިލިޔަން ރުފިޔާގެ މަޝްރޫއު ވަނީ ހިންގާފައި. ފެނުގެ މަޝްރޫއު ނިމުމުން، 230 މިލިޔަން ރުފިޔާއަށް އެ އަދަދު އަރާނެ.

- ސިޓީ ކައުންސިލްތަކުން ބާރު ނަގައި، ސަރުކާރުން މުނިސިޕަލް ހިދުމަތް ދޭން ފެށީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފަސޭހަކޮށްދިނުމަށް ދަތިތަކެއް ހުރުމުން

- އިދިކޮޅު ފިކުރެއް އޮވެގެން ކައުންސިލްތައް ހިނގަމުން ދިޔުމުން ދަތިތަކެއް އެބަހުރި. ފުޓްސަލްތައް އެޅުމުގައި ވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުން