Roadha Mihaaru
ސަރުކާރު ނާގާބިލް، ފެންނަނީ ވީރާނާ މަންޒަރުތަކެއް:ޔާމީން

މިއީ ނާގާބިލް ސަރުކާރެއް، ފެންނަނީ ވީރާނާ މަންޒަރުތަކެއް: ޔާމީން

19 ސެޕްޓެމްބަރ 2019

މިއީ ނާގާބިލް، ސްޕީޑު ލަސް ސަރުކާރެއް ކަމަށާއި އެމަނިކުފާނު ފެއްޓެވި މަޝްރޫއުތައް ވެސް މަޑުޖެހި ހުރިހާ ދިމާލަކުން ވެސް ފެންނަނީ ވީރާނާ މަންޒަރުތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މ. ދިއްގަރުގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިއީ ނާގާބިލް، ސްޕީޑު ލަސް ސަރުކާރެއް ކަމަށާއި އެމަނިކުފާނު ފެއްޓެވި މަޝްރޫއުތައް ވެސް މަޑުޖެހި ހުރިހާ ދިމާލަކުން ވެސް ފެންނަނީ ވީރާނާ މަންޒަރުތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މ. ދިއްގަރުގައި ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު ތަމްސީލް ކުރެއްވި ދާއިރާ އަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ރަށެއްގެ ގޮތުގައި ދިއްގަރަށް ވަޑައިގެން ވިދާޅުވީ މި ސަރުކާރުން އަލަށް ފަށާނެ ކަމެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއުތަކުގެ ހާލަތު ދަށްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ މަސްވެރިންތަކެއް ވަނީ އެމަނިކުފާނު ދިއްގަރަށް ވަޑައިގަތުމުގެ ކުރިން އެ ދާއިރާގައި ހުރި ކަންބޮޑުވުންތަކެއް ހުށަހަޅައިފަ އެވެ. ދިއްގަރަށް ވަޑައިގަތުމުން ފެނިވަޑައިގަތީ 24 ގަޑިއިރު ޔަގީންކޮށް ދެއްވި ކަރަންޓުގެ ހާލަތު އޮން މިންވަރާއި ތަރައްގީގެ އެހެން ކަންކަމަށް ހުރަސްއެޅިފައިވާ ތަން ކަމަށް ވިދާޅުވި އެވެ.

ފަސް އަހަރުގެ ވެރިކަމުގައި މުޅި ރާއްޖެ އަށް ފަތުރާލި ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައި ވަނީ، ރައީސް ޔާމީން ސިފަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާތީ އެވެ. ވެރިކަމަށް އައުމަށް މި ސަރުކާރުގެ ލީޑަރުން ރައްޔިތުންނަށް ދެއްކި ހުވަފެންތަކާ އެއްގޮތަށް ކަންކަން ކުރަމުން ނުދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރާ ކޮންމެ ދަތުރަކުން މި ފެންނަނީ އޭރު ފެށި މަސައްކަތްތައް ވީރާނާވަމުން މިދަނީ. ކަންފަތިވަމުން މިދަނީ. ނޫނިއްޔާ އެކަންކަން ދަމަހައްޓަން، ނަގަހައްޓަން މަސައްކަތެއް ނުކުރާތަން މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފައިސާ އިން ޚަރަދުކޮށްގެން ހިންގި މަޝްރޫއުތައް ހުއްޓި، ވީރާނާވާތަން ބަލަން ރައްޔިތުން ތިބެގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ދިއްގަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ/ޕީޕީއެމް

ރައީސް ޔާމީން ދިއްގަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ/ޕީޕީއެމް

ޔާމީން ވިދާޅުވި ގޮތުގައި އިދިކޮޅުގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ މިހާރު ޕީޕީއެމް އެވެ. އެ ޕާޓީ ދެމިއޮންނާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކަަމަށާއި އެކަމަށް ދިއްގަރާއި އެހެން ރަށްތަކުގެ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގަތެވެ.

އެއް ކަމަކަށް ޔާމީން އެދިވަޑައިގަތީ އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިއްގަރުގެ ތިން ގޮނޑި އެ ޕާޓީ އަށް ހޯދައި ދިނުމެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންނަށް ލިބޭނެ ފަހު ފުރުސަތަކީ އެއީ ކަމަށް ވިދާޅުވި އެވެ. އަނެއް ކަމަކަށް އެދިވަޑައިގަތީ ޕާޓީ ވަރުގަދަކުރަން ފަށާފައިވާ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދިނުމެވެ.

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރުން މިހާރު ކޮބައިތޯ ސުވާލު ކުރައްވައި ޔާމީން ވިދާޅުވީ "މޮޅު ޓުވީޓެއް ކޮށްލުން ފިޔަވައި" ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތެއް ނުފެންނަ ކަމަށެވެ. ރައްޔިތުންނާ ހަމައަށް ވަޑައިގެން މި ސަރުކާރާ މެދު ހުރި ސުވާލުތަކަށް ޖަވާބުދާރީ ވެސް ވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މި ސަރުކާރާ އިދިކޮޅަށް، އަދި ރައްޔިތުންނާ އެއްކޮޅަށް މަސައްކަތް ކުރާ ހަމައެކަނި ޕާޓީ،" ޔާމީން ވިދާޅުވި އެވެ.