Roadha Mihaaru
އަޅުގަނޑުގެ ހުވަފެނުގައި ދަނީ ކުލަޖެހެމުން: ރައީސް

އަޅުގަނޑުގެ ހުވަފެނުގައި ދަނީ ކުލަޖެހެމުން: ރައީސް ޔާމީން

23 އޯގަސްޓް 2018

ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ހުވަފެންތަކާ އެކު ކަމަށާއި އެކަންކަން ހަގީގަތަށް ވަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ހުވަފެންތަކާ އެކު ކަމަށާއި އެކަންކަން ހަގީގަތަށް ވަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށާއި ތަރައްގީ ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރަކީ ހަމައެކަނި ހުވަފެނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔާ ކަމަށް ވިދާޅުވެ، އެ އަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ފުރިހަމަ އިންސާނެއްކަން ކަށަވަރުވަނީ ވެސް ހުވަފެން ފެނިވަޑައިގަންނަވާތީ ކަމަށެވެ.

"ހުވަފެނެއް ނުފެނޭ. ރީތި ހުވަފެނެއް ނުފެނޭ. ކުރިއަށް ގެންދަންވީ ގޮތެއް ނޭނގޭ، ހުވަފެނެއް ނެތިއްޔާ ކޮބައިތޯ މަރުވެފައި އޮތް މީހަކާ ތަފާތަކީ،" އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުވަފެން ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކީގައި ދެކެވަޑައިގަންނަވަނީ. އަޅުގަނޑުގެ ހުވަފެނުގައި ކުލަޖެހެމުންދާ ތަން ތިޔަ ފެންނަނީ. އަޅުގަނޑުގެ ހުވަފެނުގައި މި ކަހަލަ ކޮންމެ ޖަލްސާއަކުން ފިޔާތޮށި ކުލަ ގިނަވަމުންދާ ތަން. އެހެންވީމާ އަޅުގަނޑުގެ ހުވަފެނުގައި ކުލަޖެހޭ އެބަ."

ކުޅުދުއްފުށީގެ 16 މަގެއްގައި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ 10 ވަރަކަށް ހާސް މީހުންގެ އާބާދީއެއް އޮތް ކުޅުދުއްފުއްޓަކަށް އެ މަނިކުފާނުގެ ވެރިކަމުގައި 540 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

ރައީސް ޔާމީން ކުޅުދުއްފުށީގެ ރައްޔިތުންނާ މުހާތަބު ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ކުޅުދުއްފުށީގެ ރައްޔިތުންނާ މުހާތަބު ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެކަމަކު އެމްޑީޕީގެ ވެރިކަމުގައި އެ ރަށަށް ހޭދަ ކުރީ އެންމެ 290 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގެ ކުނީގެ މައްސަލަ އަށް ވެސް ހައްލު ހޯދައި ދެއްވާނެ އެވެ.

އެގޮތުން އެ ވެމްކޯއާ ހަވާލުކޮށްގެން، މާލޭގައި ކުނި މެނޭޖް ކުރާ އުސޫލުން ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ތަރައްގީގެ މަސައްކަތެއް އެ މަނިކުފާނުގެ ސަރުކާރުން ފަށާފައިވާ ނަމަ، އެ މަސައްކަތެއް ގެންދަނީ ނިންމަމުންނެވެ. އެގޮތުން، މިހާތަނަށް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށްރަށުގެ ބަނދަރު ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާ އަށް ދިޔަ ބައެއް މީހުން: ރައީސަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީގެ ވަރަށް ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނުކުމެ ތިބި.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާ އަށް ދިޔަ ބައެއް މީހުން: ރައީސަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީގެ ވަރަށް ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނުކުމެ ތިބި.---ފޮޓޯ: ރައީސް އޮފީސް

"...މިއަދު ދައުލަތުން ފައިސާ ހޯދާ ގޮތާއި އަދި ދަރަންޏަށް ފައިސާ ނަގައިގެން ވެސް އެބަ ހޯދޭ. އަދި އަލަށް ރާއްޖޭން ފުރަތަމަ ފަހަރު ސަރުކާރުގެ ދަރަނި ވިއްކައިގެން އިސްވެ ފައިސާ ނަގަނީ ބޮންޑުގެ އުސޫލުން. މިއީ އަލަށް ކުރާ ކަމެއް،" ވަރަށް ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

"އަދިވެސް ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ އިގުތިސާދަށް ތާއީދު ކުރޭ. ތާއީދު ކުރާތީ އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިން ރަނގަޅު ހިސާބެއްގައި އުޅެނީ. ވޯލްޑް ބޭނުން ރިޕޯޓެއް ނުކުތަސް އެހެން ތަނަކުން ރިޕޯޓެއް ނުކުތަސް އިރާދަކުރެއްވިއްޔާ އިގުތިސާދާ ބެހޭ ގޮތުން އަޅުގަނޑުމެންނާ ދޭތެރޭ މިހާރު ސުވާލެއް ނުއުފައްދާ."

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާންގެ ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒަކީ ވެސް ރާއްޖެ އިގުތިސާދީ ގޮތުން ވަރުގަދަ ކުރުމެވެ.