Roadha Mihaaru
ވާރޭގައި ރައްޔިތުންނަށް ރައީސް އާދޭސް ދަންނަވައިފި

ދެރަ ގޮތެއް ނުހެދުމަށް ރައީސް އާދޭސް ދަންނަވައިފި

21 ސެޕްޓެމްބަރ 2018

ހދ. ކުޅުދުއްފުށީ އެއާޕޯޓް ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވި އިރު މޫސުން ގޯހެވެ. އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރުރަކަށް ވާދަކުރައްވާ ރައީސް ޔާމީން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު ބޯކޮށް ވާރޭ ވެހެން ފެށި އެވެ. ނަމަވެސް ވާހަކަ ގެންދެވީ ކުރިއަށެވެ.

އަހުމަދު ސާއިލް އަލީ ހދ. ކުޅުދުއްފުށިން އަހުމަދު ސާއިލް އަލީ

ހދ. ކުޅުދުއްފުށީ އެއާޕޯޓް ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވި އިރު މޫސުން ގޯހެވެ. އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރުރަކަށް ވާދަކުރައްވާ ރައީސް ޔާމީން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު ބޯކޮށް ވާރޭ ވެހެން ފެށި އެވެ. ނަމަވެސް ވާހަކަ ގެންދެވީ ކުރިއަށެވެ.

ހަމައެކަނި ރަންވޭ ނިންމާފައި އޮތް، އެއާޕޯޓް ތަރައްގީކުރާ ބިމުގައި އެއްވެސް އިމާރާތެއް ނެތެވެ. ވަގުތީ ޓެންޓެއް ޖަހާފައި ހުއްޓަސް އެތަނުގައި ވެސް މާބޮޑު ހިޔާކަމެއް ނެތެވެ.

ބޯ ވާރޭގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ފަޑިޔާރުގޭގެ އިތުރުން އެމަނިކުފާނު ނިސްބަތްވާ ޕާޓީ އާއި ގާތް މީހުން ވެސް ގާނޫނާ ހިލާފަށް މިވެރިކަން ނިމުމަކަށް ގެންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންވެ އެމަނިކުފާނާއެކު ރައްޔިތުން ތިބުމަށް އެދިވަޑައިގެންނެވި އެވެ.

ބޯވާރޭގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ބޯވާރޭގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

"ވަކިވަކި ސިޔާސީ ލީޑަރުން އަޅުގަނޑަށް ގެއްލުން ދިން ނަމަވެސް އަޅުގަނޑު މަސައްކަތް ކޮށްފިން. އަޅުގަނޑަކީ އިހުލާސްތެރިއަކީން. އަޅުގަނޑު ވަރަށް ގިނަ ކަންކަން ކުރެވޭތޯ ބަލައިފިން. ވަރަށް ގިނަ އުނދަގުލާ އެކީ އަޅުގަނޑު ސަރުކާރު ކުރިއަށް މި ގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރީގައި މަސައްކަތް ކުރި މީހުންނާ. އަޅުގަނޑުގެ ގާތް ތިމާގެ މީހުން އަޅުގަނޑުގެ ވެރިކަން ނިންމަން މަސައްކަތް ކޮށްފި. ހަންޖަރު ހަރަން މަސައްކަތްކޮށްފި. [ފިނިފެންމާ ލޯންޗް] ގޮއްވާލަން މަސައްކަތްކޮށްފި. ރައްޔިތުން އަޅުގަނޑަށް އެހެން ނުހައްދަވާ،"

"ރައްޔިތުން އަޅުގަނޑަށް އެހެން ހައްދަވައިފިނަމަ ކީއްކުރަންތޯ މީހަކު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވަން އުޅެންވީ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ތިބީ އެމަނިކުފާނުގެ ވެރިކަން ނިންމަންތޯ ކުރެވޭ ސުވާލަށް ދެ ދުވަސް ފަހުން ޖަވާބު ލިބޭނެ ކަމަށާއި ރައްޔިތުން އެމަނިކުފާނާ އެކުގައި ތިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ޔާމީން އަޑުހަރުކޮށް ވިދާޅުވި އެވެ.

"ﷲގެ ހަމްދަރުދީ އާއި ރަހުމް ވީ އަޅުގަނޑާއެކީގައި. އެހެންވީމަ މިއަދު އައިސް ކުޅުދުއްފުށީގައި މިއަދު މިވާހަކަ މި ދައްކަނީ. ދެ ދުވަސް ފަހުން މިއޮތީ މުޅި ރައްޔިތުން އަޅުގަނޑާމެދު ކަންތައް ކުރާނީ އަޅުގަނޑު މިދެންނެވި މީހުން ކަންތައްތައް ކުރެއްވިގޮތަށްތޯ ބަލަން ނަގާ ވޯޓް."

ރައީސް ޔާމީނުގެ ސަޕޯޓަރުން މިއަދުގެ ޖަލްސާގައި-- ފޮޓޯ: މިހާރު

ރައީސް ޔާމީނުގެ ސަޕޯޓަރުން މިއަދުގެ ޖަލްސާގައި-- ފޮޓޯ: މިހާރު

މިސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޖަލުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަދި ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ އަނބިކަނބަލުންނާއި އާއިލާ މެމްބަރުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަށް ވޯޓް ދިނުމަށް އާދޭސް ދަންނަވަމުންނެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ އާއިލާތަކުން ރައްޔިތުންނަށް ގުޅައި އާދޭސް ކުރާއިރު އަދަބު ލިބޭ ބަޔަކަށް އެ އަދަބު ލިބެނީ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ. އަދި މިއީ ސިޔާސީ ލީޑަރުންނަށްޓަކައި ރައްޔިތުން ގުރުބާންވުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި އެބޭފުޅުން ގުރުބާންވީ ވަގުތު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާ ކަމަށް ރައީސް ވިދާޅުވި އެވެ. މައްސަލައަށްވާ ހިސާބަކީ ކުށެއް ނެތް މީހުންގެ އަބުރު ކަތިލާ ހިސާބަށް ކަންކަން ދިއުމުން އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އަބުރާ ބެހޭނެ ވަރަކަށް ބެހޭ. މިއަދުވެސް މި ހުޅުވާލަނީ ދައުވަތު. ރައީސް ޔާމީން ނޫޅެ އެއްގޮތަކަށްވެސް ރައީސް ޔާމީންގެ އަބުރާ ބެހިގެން އުނދަގޫވެގެންނެއް. އަޅުގަނޑުގެ އަބުރަށްވުރެ ބޮޑަށް އަރައިގަނެވުނު އެހެން މީހެއްގެ އަބުރެއް ނޯންނާނެ،"

އެމަނިކުފާނަކީ ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އިދިކޮޅުން މުޅިންވެސް ދައްކަވާނީ ޑިމޮކްރަސީގެ ވާހަކަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން އިސްލާމް ދީނާ ހިލާފް ކަންކަން ރާއްޖެއަށް ތައާރަފު ކުރުމަށް އަޑުއުފުލަމުން ގެންދިޔަ ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވި އެވެ.

އަދި ވިދާޅުވީ ހައްގު ބަސް ވިދާޅުވާން ނުކެރޭ އިލްމުވެރިން އެބަ ތިބި ކަމަށެވެ. އަދި ބައެއް ސިޔާސީ ބޭފުޅުންވެސް އަރާނެ ކޮޅެއް ނޭނގިފައި ތިބިކަމަށާއި މިއަދުގެ ހާލަތަކީ އެއީ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގައި ކޮންމެ ވެރިޔަކު ހުއްޓަސް ހިދުމަތްތައް ލިބޭނެ ކަމަށް ގަބޫލުކުރާ ނަމަ އެއީ ގޯހެއް ކަމަށެވެ. ރައީސް އެދިވަޑައިގަތީ ގައުމަށްޓަކައި ކަމެއް ކޮށްދިނުމަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދިނުމަށެވެ.

ޖަލްސާއަށް ފަހު ފަހު ރަށު ތެރެއަށް ވަޑައިނުގަންނަވައި ރައީސް ވަނީ އެއާޕޯޓުން މާލެއަށް ފުރާވަޑައިގެންފަ އެވެ. މި ރަށުގައި ރަންވޭ އެޅުމުގެ އިތުރުން އެހެން ކަމެއް އަދި ކޮށްފައިނުވާތީ ރޭގަނޑު އެތަން އަދި ބޭނުމެއް ނުކުރެވޭނެ އެވެ.