Roadha Mihaaru
ސްރީ ލަންކަންގެ ހިއްސާ ގަންނާނެ ބަޔަކު އަލުން ހޯދަނީ

ސްރީ ލަންކަންގެ ހިއްސާ ގަންނާނެ ބަޔަކު އަނެއްކާވެސް ހޯދަނީ

25 އޯގަސްޓް 2018

ކޮލަމްބޯ (އޮގަސްޓް 25) - ސްރީ ލަންކާގެ ގައުމީ އެއާލައިންގެ ހިއްސާ ގަންނާނެ ބަޔަކު ހޯދުމުގެ މަސައްކަތް އަނެއްކާ ވެސް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮގަސްޓް 25) - ސްރީ ލަންކާގެ ގައުމީ އެއާލައިންގެ ހިއްސާ ގަންނާނެ ބަޔަކު ހޯދުމުގެ މަސައްކަތް އަނެއްކާ ވެސް ފަށައިފި އެވެ.

ސްރީ ލަންކަން އެއާލައިން އިން ޕާޓްނަރަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ މިހާރު ގެއްލުމާ އެކު ހިންގާ އެއާލައިނުގެ ސަބަބުން ގައުމުގެ އިގްތިސާދު އިތުރަށް ހީނަރުވަމުންދާ ކަމަށް އައިއެމްއެފް އިން އިންޒާރު ދިނުމާ ގުޅިގެންނެވެ.

ސްރީ ލަންކަން އަށް އިންވެސްޓަރަކު ހޯދުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ސްރީ ލަންކަންގެ ހިއްސާ ގަތުމަށް އެއްބަސްވި އެމެރިކާގެ ކުންފުނިން މިދިޔަ މެއި މަހު ވަނީ އެކަން ދޫކޮށްލައިފަ އެވެ. ސެން ފްރެންސިސްކޯގެ ޓީޕީޖީން ކުރިން ވަނީ ސްރީ ލަންކަންގެ 49 ޕަސެންޓް ގަތުމަށް އެއްބަސްވެފަ އެވެ.

"އަންނަ އަހަރުގެ ފުރަތަމަ ތިން މަސްތެރޭ އެއްބަސްވުމަކަަށް އާދެވޭނެ ކަމަށް އުއްމީދު ކުރެވޭ،" ލަންކާގެ ޓްރެޝަރީ ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސްރީ ލަންކަންގެ ދަރަނި ދެ ބިލިއަން ޑޮލަރަށް އަރަ އެވެ.

އެއާ ލަންކާގެ ނަމުގައި 1979 ވަނަ އަހަރު އުފެއްދި އެއާލައިނަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމާ ހަމައަށް ދިޔައީ ފައިދާވަމުންނެވެ. އެމިރޭޓްސްއާ އެކު ގާއިމްކުރި އެއްބަސްވުން އުވާލީ 2005 އިން 2015 އަށް ވެރިކަން ކުރެއްވި ރާޖަޕަކްސާގެ ވެރިކަމުގައި 2008 ވަނަ އަހަރު އެވެ. ދެހާސް އަށް ވަނަ އަހަރު އެ އެއްބަސްވުން އުވާލީ ލަންޑަނުން ކޮލަމްބޯ އަށް ދަތުރު ކުރަން އޮތް ސްރީ ލަންކަންގެ ފްލައިޓުން ރާޖަޕަކްސާގެ އާއިލާ މެންބަރުންތަކަށް ސީޓް ނުދިނުމުން ކަމަށްވެ އެވެ. އެކަމާ ހިތްހަމަޖެހިވަޑައިނުގެން ރާޖަޕަކްސާ ވަނީ އެމިރޭޓްސް އިން އައްޔަންކޮށްފައިވާ ސްރީ ލަންކަންގެ ސީއީއޯ ވަކިކޮށް ރާޖަޕަކްސާގެ ޅިޔަނަކަށް ސީއީއޯކަން ދެއްވައިފަ އެވެ. އޭވިއޭޝަން ދާއިރާގެ އެއްވެސް ތަޖްރިބާއެއް ނެތް ބޭފުކަށް އެއާލައިން ހިންގަން ހަވާލުކުރި ފަހުން ސްރީ ލަންކަން އަށް ވަނީ ގެއްލުން ވާން ފަށައިފަ އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ކޮރަޕްޝަނުގެ މައްސަލަތައް ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން މިހާރު ދަނީ ބަލަމުންނެވެ.