Roadha Mihaaru
"މާމުއި" ގެ ފުރަތަމަ ލަވަ އިއްވާލައިފި

"މާމުއި" ގެ ފުރަތަމަ ލަވަ "އަރައިގެން އައި އިރާއޭ" އިއްވާލައިފި

26 އޯގަސްޓް 2018

ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭ "މާމުއި" ރިލީޒް ކުރަން އަދި ވަރަށް ދުވަސް އޮތް ނަމަވެސް، މީގެ ޕްރޮމޯޝަނަލް ހަރަކާތްތައް މިހާރު ވެސް މަދެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭ "މާމުއި" ރިލީޒް ކުރަން އަދި ވަރަށް ދުވަސް އޮތް ނަމަވެސް، މީގެ ޕްރޮމޯޝަނަލް ހަރަކާތްތައް މިހާރު ވެސް މަދެއް ނޫނެވެ.

ފިލްމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން އެއް ލަވައިގެ އޯޑިއޯ މިހާރު ވަނީ ފޭނުންނަށް އިއްވާލައިފަ އެވެ. ސައުންޑްކްލައުޑުން އަޑު އަހައިލެވޭ ގޮތަށް ދޫކޮށްލި ލަވައިގެ ނަމަކީ "އަރައިގެން އައި އިރާއޭ" އެވެ. ލަވައިގެ އަޑުގެ ވެރިންނަކީ "މާމުއި" ގެ ކާސްޓުންގެ ތެރޭގައި ވެސް ހިމެނޭ ފުބޫ އާއި މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އަޝްރާ އެވެ.

ލަވައިގެ މެލޮޑީ އާއި ޅެން ވެސް ހަދާފައި ވަނީ ހަމަ ކާސްޓުންގެ ތެރެއިން މެމްބަރެކެވެ. އެއީ އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އެވެ.

ކޮމެޑީ ފިލްމް "މާމުއި" ރިލީޒް ކުރާނީ އެޕްރީލް، 1، 2019 ގަ އެވެ. މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމަކީ އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ ފިލްމެކެވެ.

ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލެވެ.

އެއާ އެކު މިހާރު މި ވަނީ ފިލްމްގެ މައިގަނޑު ކާސްޓުން ބެލުންތެރިންނަށް ތައާރަފުކޮށް ދީފަ އެވެ. އެއީ ތަރިން ކުޅޭ ކެރެކްޓާތަކަށް ކިޔާ ނަންތަކާ ވެސް އެކުގަ އެވެ. "މާމުއި" ގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް، ނުޒުހަތު (ނުޒޫ) ޝުއައިބް، ފުބޫ، އިސްމާއިލް (ޖުމާ) ޖުމައިހް، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް (ރެކްސް) ރިޒްވީ އަދި ޝާއްކޮގެ އިތުރުން ޑައިރެކްޓަރު ޗިއްޕެ އަންހެނުން އައިޝަތު ޔާދާ އެވެ.