Roadha Mihaaru
"ނޮވެމްބާ" ގެ ޕޯސްޓަރު ދައްކާލައިފި

ޑާކް ރެއިންގެ "ނޮވެމްބާ" ގެ ޕޯސްޓަރު ދައްކާލައިފި

11 ފެބުރުއަރީ 2020

ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭން ނިންމާފައިވާ ލޯބީގެ ފިލްމު "ނޮވެމްބާ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭން ނިންމާފައިވާ ލޯބީގެ ފިލްމު "ނޮވެމްބާ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޕޯސްޓަރު ދައްކައިލި ނަމަވެސް، ފިލްމުގެ ސިނަމާ އަށް ގެންނާނެ ތާރީހެއް އަދިވެސް އިއުލާނެއްނުކުރެ އެވެ. ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ނޮވެމްބާ" ގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ސިނަމާގެ މިހާރުގެ އެންމެ މަގުބޫލު އެއް ޖޯޑް ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

މި ދެ ތަރިންނާ އެކު މި ފިލްމުން ބޮޑު ކާސްޓެއް ވެސް ފެނިގެންދާ އިރު، ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހު ވެސް ފެނިގެން ދާނެ އެވެ.

"ނޮވެމްބާ" އަކީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު "މާމުއި" ގެ ސްކްރީންރައިޓަރުން ކަމަށްވާ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ޕޯސްޓަރުގައި ފިލްމުގެ ޓެގް ލައިނަކަށް ހިމަނާފައި ވަނީ "އަ ޖާނީ ޓު ޝޯ ދެޓް ލަވް އިޒް ބިޔޯންޑް ލޮޖިކް" އެވެ.

"ނޮވެމްބާ" ގެ މަންޒަރުތައް މާލެ އާއި މާލެ ކައިރި ރަށްރަށުގަ އާއި ލ. އަތޮޅާއި އައްޑު އާއި ސިންގަޕޫރްގައި ވެސް ނަގާފައިވެ އެވެ. މި ފިލްމުގެ ލަވަތަކުގެ ތެރެއިން "މޫސުން" ކިޔާ ލަވައެއްގެ އޯޑިއޯ ވެސް ވަނީ ކުރިން އާންމުންނަށް ދޫކޮށްލައިފަ އެވެ.

ބެލެވޭ ގޮތުން "ނޮވެމްބާ" ބެލުންތެރިންނާ ހަމައަށް އަންނާނީ މި އަހަރުގެ ޖުލައި ހިސާބުގަ އެވެ. ޑާކް ރެއިނުން ބުނެފައިވާ ގޮތުގައި މި ފިލްމުވެގެން ދާނީ އެ ސްޓޫޑިއޯގެ ފިލްމަކުން ޖުމަލް އާއި މަޖޫގެ ޖޯޑު ފެންނާނެ ފަހު ފިލްމެވެ.

ދެ ތަރިން އެކީގައި ކުޅެފައިވާ ޑާކް ރެއިންގެ ފިލްމުތަކުގެ ތެރޭގައި "އެންމެ ފަހު ވިންދާޖެހެންދެން" އާއި "ވާށޭ މަށާއެކީ" އަދި "ވަކިން ލޯބިން" ހިމެނެ އެވެ.