Roadha Mihaaru
ޝަހީމްގެ ވާހަކަ އަށް ޝައިޚް އިލްޔާސްގެ ރައްދު

ޝަހީމްގެ ވާހަކަ އަށް ޝައިޚް އިލްޔާސްގެ ރައްދު

25 އޯގަސްޓް 2018

ދީނީ ފަތުވާއެއް ދީގެން މި ސަރުކާރުން އެއްވެސް އިލްމުވެރިއަކަށް ގޯނާ ކޮށްފައި ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމުން، ޝައިޚް އިލްޔާސް ހުސައިން، ޝަހީމްގެ އެ ވާހަކަ އަށް ރައްދު ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީނީ ފަތުވާއެއް ދީގެން މި ސަރުކާރުން އެއްވެސް އިލްމުވެރިއަކަށް ގޯނާ ކޮށްފައި ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމުން، ޝައިޚް އިލްޔާސް ހުސައިން، ޝަހީމްގެ އެ ވާހަކަ އަށް ރައްދު ދެއްވައިފި އެވެ.

ލ، އަތޮޅަށް ކުރަމުން ގެންދަވާ ކެމްޕޭން ދަތުރުގައި މިއަދު ކަލައިދޫގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވެފައިވަނީ ދީނީ އިލްމުވެރިންނަށް ވެސް މިނިވަންކަން ހޯދައިދިނީ މި ސަރުކާރުން ކަމަށާއި ފަތުވާއެއް ދީގެން އެއްވެސް އިލްމުވެރިއަކަށް ސަރުކާރުން ގޯނާއެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

އެ ވާހަކަ އަށް އިލްޔާސް ރައްދު ދެއްވީ ވަކި ބޭފުޅަކަށް ނިސްބަތް ކުރެއްވުމެއް ނެތި، އޭނާ މި ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އިލްޔާސްގެ ދީނީ ފަތުވާ ދިނުމުގެ ހުއްދަ 2016 ބާތިލްކުރި ކަން އެންގި ސިޓީގެ ފޮޓޯއެއް ހިމަނައި، އޭނާ ލިޔުއްވާފައިވަނީ މި ސަރުކާރުން އިލްމުވެރިންނަށް އަނިޔާ ނުކުރާ ކަމަށް ބުނާ ވާހަކައިގެ ތެދު ހަގީގަތް ރައްޔިތުން ބަލައި، ގޮތެއް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ހުކުރު ޚުތުބާ ކިޔައިގެން އިސްލާމިކް މިނިސްޓްރީން އަޅުގަނޑަށް ލިބުނު ސިޓީ،" އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ރައީސް ކަން ކުރައްވާ އިލްޔާސް އެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ހުކުރު ނަމާދާއި އީދު ނަމާދު އިމާމުވެ ކުރުމުގެ ހުއްދަ ސަރުކާރުން 2016 ގައި ބާތިލްކުރީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދާ ޚިލާފަށް އައްޑޫގައި ޚުތުބާއެއް ދެއްވި ކަމަށް ބުނެ އެވެ. އެ ޚުތުބާގައި އޭނާ ވިދާޅުވެފައިވަނީ ކާޑުގެ އަގު ބޮޑުވަނީ ވެރިންނާ ހިސާބުން ވައްކަން ބޮޑުވުމުން ކަމަށާއި އެފަދަ އަމަލުތައް ފެންނަ ނަމަ، ރައްޔިތުންނަށް އޭގެ ދަތިތައް ފޯރާނެ ކަމަށެވެ.

ހުއްދަ ބާތިލް ކުރުމުން އޭރު ވެސް އިލްޔާސް ވިދާޅުވެފައިވަނީ ހުއްދަ ބާތިލު ކުރަންޖެހޭ ވަރުގެ ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށާއި ހުތުބާ ދެނީ ތެދުވެރިކަމާ އެކު ކަމަށެވެ.