Roadha Mihaaru
މިނިވަން އިންތިހާބަކަށް އީޔޫ އިން ހުށަހެޅުންތަކެއް

މިނިވަން އިންތިހާބަށް ހުރަސްތައް ނައްތާލައި ހާލަތު ބަދަލުކުރަން އީޔޫ އިން ހުށަހަޅައިފި

19 އެޕްރީލް 2018

ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިހާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިހާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ހުށަހަޅައިފި އެވެ.

އީޔޫ އިން މިގޮތަށް ހުށަހެޅީ، މިދިޔަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު މޮނިޓާކުރުމަށް ފަހު، ރާއްޖެއަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު މިއަދު އާއްމުކުރި ރިޕޯޓުގަ އެވެ. ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެއަށް ފޮނުވި މިޝަނުން ވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ބައްދަލުކޮށްފަ އެވެ.

ރާއްޖޭގެ ހާލަތުގެ މައްޗަށް އީޔޫ އިން ނެރުނު ރިޕޯޓުގައި ބުނީ އިލެކްޝަންސް ކޮމިޝަންގެ އިސް ނެގުމަކަށް އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ގިނަ އަދަދެއްގެ އިސްލާހުތަކެއް އެޓާނީ ޖެނެރަލް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ރާއްޖޭގެ އިންތިޚާބުތަކާ ބެހޭ ކަންކަން ބެލުމަށް އީޔޫ އިން އުފެއްދި އިލެކްޝަންސް ފޮލޯއަޕް މިޝަން (އީއެފްއެމް) އަށް ލިބިފައިވާ ކަމަށެވެ.

އީޔޫގެ ރިޕޯޓުގައި އެ އިޝާރާތްކޮށްފައި ވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށާއި ރިޔާސީ އިންތިޚާބުގެ ގާނޫނަށާއި ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކަށެވެ.

އިންތިހާބުގެ ކަންކަން ބެލުމަށް ފަހު ރިކޮމަންޑޭޝަންގެ ގޮތުގައި ހުށަހެޅި ކަންކަން ތަންފީޒު ކުރަމުން ނުދާ ކަން ފާހަގަކޮށް އީޔޫގެ ރިޕޯޓުގައި ބުނެފައި ވަނީ އަލަށް ގާނޫނުތަކަށް ހުށަހަޅަން އުޅޭ އިސްލާހުތަކުގެ ތެރޭގައި އީޔޫ އިން ހުށަހެޅި ބައެއް ހުށަހެޅުންތައް ހިމެނޭ ކަން އެނގިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް (ރިޔާސީ) އިންތިހާބާ ގުޅިގެން އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ބަދަލު ގެންނަން ވާނީ މަޖިލީހުގައި ތިއްބެވި ހުރިހާ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހު،" އީޔޫގެ ބަޔާނުގައި ވެ އެވެ.

އިންތިޚާބާ ބެހޭ ކަންކަން މޮނިޓާ ކުރުމަށް އީއެފްއެމްގެ ވަފުދެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައިސްފައިވެ އެވެ. އީޔޫ އިން ބުނި ގޮތުގައި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ނުލިބޭ މައްސަލަ އަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ސަމާލުކަން ހޯދާފައިވާ ކަންކަމެވެ. އެކަމަކު، އިންތިހާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަކީ، އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިގަނެ ހައްލުތަކެއް ހޯދަން މަސައްކަތްތަކެއް ކޮށްފައި ނުވާ ކަން އީޔޫގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އީޔޫ އިން ހުށަހެޅި މުހިންމު ބައެއް ހުށަހެޅުންތައް:

- ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތަށް، މިނިވަން މުއައްސަސާތައް ނުފޫޒެއް ނެތި ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުން.

- ވޯޓު ގަންނަ މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އެޅުން.

- ސިޔާސީ މިނިވަންކަން ހަނިކޮށްފައި އޮތް އޮތުން ބަދަލުކޮށް، ހުުރިހާ ޕާޓީތަކަށް އެއް ހަމައެއްގައި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދިނުން.

- ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއެކު ކެމްޕެއިން ކުރެވޭނެ މަގު ފަހިކޮށްދިނުން.

- ވޯޓުލާން ތިބި މީހުންގެ ހައްގުތައް ހިމާޔަތްކޮށްދިނުން.

- މީޑިއާތަކުން ނުފޫޒެއް ނެތި މަސައްކަތް ކުރުމުގެ ޖާގަދީ، ނޫސްވެރިން ކުރިއެރުވަން މަސައްކަތެއް ކުރުން.

- އަންހެނުންނަށް ސިޔާސީ މައިދާނުގައި ހަމަހަމަ ފުރުސަތެއް އޮތުން.

- މިނިވަން އިންތިހާބަކަށް މަގުފަހިކުރަން މަސައްކަތްކޮށް، ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުން.

- ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވުން ލާޒިމް ނުކުރަން، ގާނޫނީ އިސްލާހުތައް ގެނައުން.

އީޔޫ އިން ބުނި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުން އިސްލާހީ ބަދަލުތަކެއް ފެންނަމުން ނުދާ ކަމަށާއި ކުރިއަށް އޮތް އިންތިޚާބުތަކުގެ ކުރިން ރާއްޖޭގެ ހާލަތު ބަދަލު ކުރަން ޖެހެ އެވެ. ސިޔާސީ ބޭފުޅުންނަށް މިނިވަންކަމާ އެކު ކެމްޕެއިން ކޮށް، މީޑިއާތައް މިނިވަންކަމާ އެކު ހަރަކާތްތެރިވެވެން ޖެހޭނެ ކަމަށް އީޔޫ އިން ބުންޏެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް ފަހު، އީއެފްއެމް އިން އެކުލަވާލި ރިޕޯޓުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކަށް ގިނަ އަދަދެއްގެ ހުށަހެޅުންތަކެއް ހުށަހަޅާފައިވެ އެވެ. އަދި އެކަންކަން، ތަންފީޒު ކުރަން ވެސް އެ ރިޕޯޓުގައި ގޮވާލާފައިވެ އެވެ.

އީޔޫގެ ބަޔާނުގައި ބުނީ 2014 ވަނަ އަހަރުން ފެށިގެން އިންތިހާބާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާ ނިޒާމެއް ގާއިމް ކުރުމުގެ ބަދަލުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ބޮޑަށް ސަމާލުކަން ދީފައި ވަނީ ރާއްޖޭގައި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ކަށަވަރު ކުރަން ކަމަށެވެ. އަދި މިއަދާ ހަމައަށް ދިވެހި ސަރުކާރާއި މަޖިލީހާއި އިދިކޮޅު ފަރާތްތަކުން ވެސް އިންތިހާބާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތައް ސަމާލުކަން ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ރިޔާސީ އިންތިހާބެއް ބޭއްވުމަށް މިހާރުގެ ހާލަތު ބަދަލުވާން ޖެހޭ. އިންތިހާބު ވާދަކުރާ ހުރިހާ ބޭފުޅުންނަށް އެއް ވަރަކަށް އެއްހަމައަކުން ތަފާތުކުރުމެއް ނެތި ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަ މާހައުލެއް ފަހިވާން ޖެހޭ. އަދި މަދަނީ ޖަމްއިއްޔާތަކާއި މީޑިއާގެ ފަރާތްތަކަށް ހުރަހެއް ނެތި އެ މީހުން މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ހޯދައިދޭން ޖެހޭ،" އީއެފްއެމްގައި އިސްކޮށް ހުންނެވި، އެޑުއާޑް ކުކާން އީޔޫގެ ބަޔާނުގައި ވިދާޅުވި އެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރިޔާސީ އިންތިހާބަކީ ހާމަކަން ބޮޑު، މިނިވަން އިންސާފުވެރި އަދި ރައްޔިތުންގެ ބައިވެރިވުން ބޮޑު އިންތިޚާބަކަށް ވާނެ ކަމަށް އެ ކޮމިޝަނުން އަންނަނީ ބުނަމުންނެވެ.