Roadha Mihaaru
އެންމެ ރަނގަޅު ގޮތަކީ އަބުރުގެ އާ ބިލެއް ހުށަހެޅުން

މިހާރު އެންމެ ރަނގަޅު ގޮތަކީ އަބުރާ ބެހޭ އާ ބިލެއް ހުށަހެޅުން: ފާރިސް

05 އޯގަސްޓް 2016

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް، އަނބުރާ ގެންގޮސް މުޅިން އާ ބިލެއް ހުށަހެޅުމަކީ، މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ކަމަށް ފެށުނީއްސުރެ އެ ބިލާ ދެކޮޅު ހައްދަވާ، ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް، އަނބުރާ ގެންގޮސް މުޅިން އާ ބިލެއް ހުށަހެޅުމަކީ، މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ކަމަށް ފެށުނީއްސުރެ އެ ބިލާ ދެކޮޅު ހައްދަވާ، ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އިއްޔެ ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ތާއީދު ކުރަނީ މި ބިލް އަނބުރާ ގެންދަވައި، އަލުން ފަރުމާ ކުރައްވައިގެން [ބިލްގެ ބަހުސް] ފައްޓަވަން،" އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލިހަށް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން ފާރިސް "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ބިލް އޮތް ގޮތަށް، "އަކުރުން އަކުރަށް" އަދި "ބަހުން ބަހަށް" މަޖިލިހުން ފާސްކުރާނެ ކަމަށް، ބިލާ އެއްކޮޅު މެމްބަރުން ތަކުރާރުކޮށް ކުރިން ވިދާޅުވި ނަމަވެސް މިހާރު ވަނީ މުޅިން އެ ހިޔާލު ބަދަލުވެ، ބިލް އިސްލާހު ކުރުމާ ދިމާލަށް މިސްރާބު ބަދަލުކޮށްފަ އެވެ.

"އަޅުގަނޑަށް މާނަކުރެވުނީ ބައެއް ބޭފުޅުން ނެންގެވި ޕޮއިންޓްތަކާ މެދު ބައެއް ބޭފުޅުން ވިސްނަވާފައި ނެތް ކަމަށް އެ ހިސާބަށް ދިޔައިރު. އަޅުގަނޑުމެން މިހަދަނީ ގާނޫނު. އެކި ފަރާތްތަކަށް ހަރުކަށި އަދަބުތައް ވެސް ކަނޑައެޅޭ ގާނޫނު. ގާނޫނު ހަދާއިރު، އެއް ދުވަހު އިށީނދެ ތިބެ ހިތަށް އަރާހާ އެއްޗެއް އޭގައި ލިޔެފައި، އަނެއް ދުވަހު ގާނޫނަކަށް ނުހެދޭނެ. އެއަށް ވުރެ އަޅުގަނޑުމެން ވެސް މިތިބީ ކުރިއަރާފައި. އަޅުގަނޑުމެން ބޭނުމެއް ނުވޭ ފެންނާނަކަށް 24 ގަޑިއިރު ތެރޭގައި ނުވަތަ 48 ގަޑިއިރު ތެރޭގައި ގާނޫނުއަސާސީ އިސްލާހު ކުރާތަން. އެއީ އަޅުގަނޑަށް ބަލައިގަންނަން ވަރަށް ދަތިކަމެއް."

އަބުރުގެ ބިލް މަޖިލިހަށް ހުށަހެޅުއްވި މެމްބަރު ޖައުފަރު، އެ ބިލް ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަބުރުގެ ބިލް މަޖިލިހަށް ހުށަހެޅުއްވި މެމްބަރު ޖައުފަރު، އެ ބިލް ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފާރިސް ވިދާޅުވީ އެތައް ބަޔަކަށް އަސަރުކުރާ ގާނޫނެއް ހަދާއިރު، މެމްބަރުންނަށް އެ ބިލް ފެންނަން ޖެހޭނީ، މަޖިލިހުގެ ތަޅުމުގައި ފުރަތަމަ ކިޔުން އިއްވާ ދުވަހު އެކަނި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި މަޖިލިހަށް ފުރަތަމަ ކިޔުން އިއްވުމުގެ ކުރިން ވެސް ބިލާ ގުޅޭ ގޮތުން "ވަރުގަދަ މަސައްކަތްތަކެއް" ކުރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އަބުރުގެ ބިލްގެ ކަންބޮޑުވުން މުޖުތަމައުގައި ހުރި މިންވަރަށް ބަލާއިރު، ގައުމީ ފެންވަރުގައި މަޝްވަރާކޮށް، އެފަދަ އާ ބިލެއް ތައްޔާރުކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ވެސް ބޭނުން އަބުރު ރައްކާތެރިކުރުމުގެ ގާނޫނެއް އޮންނަން. އެއީ ލަސް ކުރެވޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރަން. އެކަމަކު މިހާ އަވަސް އަރުވާލައިގެން، ބަޔަކަށް ނޭނގުމެއްގެ ތެރޭގައި މިހާ ހިސާބަށް ގެނެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބުރުގެ ބިލް މިހާރު އެކުލަވާލާފައިވާ ގޮތުން، ފެށުނީއްސުރެ އެ ބިލާ ދެކޮޅު ހައްދަވަމުން ގެންދަވާ ފާރިސް ވިދާޅުވި އެވެ.

މިހާރު މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވާ އަބުރުގެ ބިލް މަޖިލިހަށް ބަލައިގަނެ ވަނީ އެ ބިލް ދިރާސާ ކުރުމަށް 11 މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފަ އެވެ. ބިލަށް މީޑިއާތަކާއި އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމާ ގުޅިގެން، މީޑިއާތަކާއި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާއި ފިލްމް އެސޯސިއޭޝަނާއި ފިގުހު އެކަޑެމީގެ ހިޔާލު ކޮމިޓީއަށް މިހާރު ވަނީ ހޯދައިފަ އެވެ. އަދި އާންމުންގެ ހިޔާލަށް ވެސް މަޖިލިހުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އަބުރުގެ ބިލްގައި ހުރި ކަންބޮޑުވުންތައް މީޑިއާ ކައުންސިލުން، އެ ބިލް ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅަނީ: މިހާރު އޮތް ގޮތުން ބިލް ބަލައިނުގަންނަ ކަމަށް މީޑީއާ ކައުންސިލުން ކޮމިޓީގައި ބުނެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަބުރުގެ ބިލްގައި ހުރި ކަންބޮޑުވުންތައް މީޑިއާ ކައުންސިލުން، އެ ބިލް ދިރާސާކުރާ ކޮމިޓީއަށް ހުށަހަޅަނީ: މިހާރު އޮތް ގޮތުން ބިލް ބަލައިނުގަންނަ ކަމަށް މީޑީއާ ކައުންސިލުން ކޮމިޓީގައި ބުނެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ކޮމިޓީއަށް މިހާތަނަށް ހާޒިރުކުރި ހުރިހާ މީޑިއާތަކާއި މީޑިއާ ކައުންސިލުން ދެކޮޅު ހަދާފައިވީ ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބިލްގައި ހިމެނޭ ގިނަ ބައިތަކަށް ތާއީދުކުރިކަން ފާހަގަކުރެވެ އެވެ. އަދި ފިގުހު އެކަޑެމީން ވަނީ ބިލް އެކުލަވާލާފައިވާ އުސޫލަށް ތާއީދުކޮށްފަ އެވެ.

ފާރިސް ވިދާޅުވީ އަބުރުގެ ބިލް ތައްޔާރުކޮށްފައި ވަނީ ރާއްޖެއަށް ގެނައި ޒަމާނީ ޑިމޮކްރެސީ އާއި އިސްލާހުތަކާ ހިލާފަށް ކަމަށެވެ. ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ، އާންމުންނާއި ނޫސްވެރިންނަށް ވެސް ހިޔާލުފާޅު ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑުމެން މިހާރު ދެކެން ބޭނުންވާ ކުރިއެރުމެއް، ޑިމޮކްރެސީއެއް، ޓްރާންސްޕޭރެންސީއެއް މިތާނގައި ނޯންނާނެ. ކޮންމެ ރައްޔިތަކު ވެސް އެމީހަކު ބޭނުންވާ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކަށް ވުރެ މާ ބޮޑަށް ހަނިކުރެވިގެންދާތަން ފެންނާނީ،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލް އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާނެ އެވެ. ހާއްސަކޮށް ބިލް ފާސްވުމަށް ފަހު، މީޑިއާތަކުގައި ބައެއް ވާހަކަތައް ރިޕޯޓް ކުރެވޭނީ ޝަރީއަތަކަށް ސާބިތުކުރެވޭ ވަރުގެ ހެކި ހުރެގެން ކަމަށް ވާންޖެހޭކަން ފާރިސް ފާހަގަ ކުރެއްވި އެވެ.

މައުމޫން ފައުންޑޭޝަނުން ބޭއްވި ހަފުލާއެއްގައި ޕީޕީއެމްގެ ރައީސް މައުމޫނާއި ފާރިސް ބައިވެރިވެވަޑައިގަންނަވަނީ: އަބުރުގެ ބިލް މިހާރު އޮތް ގޮތުން ދެބޭފުޅުން ވެސް ކަންބޮޑުވެވަޑައިގަންނަވާ.---ފޮޓޯ/މިހާރު

މައުމޫން ފައުންޑޭޝަނުން ބޭއްވި ހަފުލާއެއްގައި ޕީޕީއެމްގެ ރައީސް މައުމޫނާއި ފާރިސް ބައިވެރިވެވަޑައިގަންނަވަނީ: އަބުރުގެ ބިލް މިހާރު އޮތް ގޮތުން ދެބޭފުޅުން ވެސް ކަންބޮޑުވެވަޑައިގަންނަވާ.---ފޮޓޯ/މިހާރު

ފާރިސް ވިދާޅުވީ ބިލް ތައްޔާރުކޮށްފައި ވަނީ ދައުލަތުގެ އެކިއެކި ބޭފުޅުންނާ "ސުވާލެއް ކުރުމުން ވެސް ކުށްވެރިވާ ގޮތަށް" ކަމަށެވެ.

"އެހެންވީމާ މީޑިއާގެ މަސައްކަތްތަކުގައި ކުރިއަށް ނުދެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ބިލްގައި "މީޑިއާ" މާނަކޮށްފައިވާއިރު އޭގެ ތެރޭގައި ބްލޮގްތަކާއި ވެބްސައިޓްތަކާއި ޓީވީ ފަދަ ބްރޯޑްކާސްޓް ކުރާ ކޮންމެ ވަސީލަތެއް ހިމަނާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާރިސް ފާޅުކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުކުރާ އެއްޗަކާ ގުޅޭ އޭގެ ލައިބިލިޓީ ނަގާނެ ފަރާތެއް ބިލުން ސާފުނުވާ ކަމަށެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ ބައެއް މެމްބަރުން އެ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: އަބުރުގެ ބިލަށް ފުޅާދާއިރާއެއްގައި ހިޔާލު ހޯދުމަށް ވަނީ ނިންމާފައި.--- ފޮޓޯ: ނިޝާން އަލީ /މިހާރު

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ ބައެއް މެމްބަރުން އެ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: އަބުރުގެ ބިލަށް ފުޅާދާއިރާއެއްގައި ހިޔާލު ހޯދުމަށް ވަނީ ނިންމާފައި.--- ފޮޓޯ: ނިޝާން އަލީ /މިހާރު

"އިންޓަނެޓް ސާވިސް ޕްރޮވައިޑާއަކަށް މި އޮންނަނީ އެކަނި ޕެސިވް ރޯލެއް ކަމަށް މިބެލެވެނީ. މިސާލަކަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާއެއް ބަލައި ފާސްކޮށްފައެއް ނޫން އެ ހިދުމަތެއް ލިބޭ ފަރާތަކަށް ފޯރުކޮށްދޭނީ. އެކަމަކު އަބުރާ ބެހޭ އެއްޗެއް ޝާއިއުކޮށްފައި އޮތްކަން، އެ ސާވިސް ޕްރޮވައިޑާ އަށް އެންގީމާ ދެން އޭނަގެ މަސްއޫލިއްޔަތެއް އެބައޮތްތޯ އެ ކޮންޓެންޓެއް ސެންސަރުކުރުން ނުވަތަ ހިދުމަތް ނުދިނުމުގައި؟ އެހެންވީމާ ސުވާލަކީ އިންޓަނެޓް ސާވިސް ޕްރޮވައިޑާ ވެސް [ބިލުން] މިހެދެނީ ކޮންޓެންޓް ސެންސަރުކުރާ ބަޔަކަށް ތޯއޭ؟" ފާރިސް ސުވާލު ކުރެއްވި އެވެ.

"މި ކަންކަމަށް ޖަވާބު ލިބޭނީ މިކަހަލަ މައްސަލަތައް ޝަރީއަތާ ހިސާބަށް ދިޔައީމާ. ޝަރީއަތާ ހިސާބަށް ދާއިރު ބޮޑެތި ކަންބޮޑުވުންތައް އަންނާނެ. ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކުންފުނިތައް މިތަނުގައި އޮޕަރޭޓްކުރޭ. އެބޭފުޅުންގެ ބިޒްނަސް ޕްލޭންތަކަށް އަސަރުކުރާނެ ކަންކަން މި ހުންނަނީ. އަދި އަޅުގަނޑުމެންގެ ޒުވާނުންނަށް ލިބެނީ ވަރަށް ބޮޑަށް ލިމިޓް ކޮށްފައިވާ އިންޓަނެޓްގެ ހިދުމަތަކަށް ވެސް ފަހަރެއްގައި ވެދާނެ."

ފާރިސް ދެކެވަޑައިގަންނަވާ ގޮތުގައި އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށް ފަހު، ޖިނާއީ ކުށަކަށް ބަދަލުކުރުމަކީ ފަހަތަށް އަޅާ ފިޔަވަޅެކެވެ. އެކަމަކު ދުނިޔޭގެ ތަހުޒީބީ ބައެއް ގައުމުތަކުގައި އެއީ ޖިނާއީ ކުށެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމަކު އަޅުގަނޑު ދަންނަވާނީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައިގެން ކުރިއަށް ގެންދަން އަޅުގަނޑުމެންގެ ހާލަތު އަދި ތަނެއް ނުދެއޭ. ހަގީގަތަކީ އެހެން ގައުމުތަކުގައި ރައްޔިތުން ވަރަށް އިތުބާރުކުރާ، މައްސަލަ ބަލާ މުއައްސަސާތަކާއި އަދުލު އިންސާފު ގާއިމްކުރާ މުއައްސަސާތަކަކީ ވަރަށް ޒަމާނުއްސުރެ ފެށިގެން ތަރައްގީވަމުން އައި ތަންތަން،" ފާރިސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން "27ގެ ދިފާއުގައި" ހަރަކާތުގެ އިސް ފަރާތްތަކާ ބައްދަލުކުރަނީ: ގާސިމް ވިދާޅުވަނީ އަބުރުގެ ބިލަކީ ކޮރަޕްޝަން ހިންގަން ހުޅުވައިލާ ދޮރެއް ކަމަށް.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން "27ގެ ދިފާއުގައި" ހަރަކާތުގެ އިސް ފަރާތްތަކާ ބައްދަލުކުރަނީ: ގާސިމް ވިދާޅުވަނީ އަބުރުގެ ބިލަކީ ކޮރަޕްޝަން ހިންގަން ހުޅުވައިލާ ދޮރެއް ކަމަށް.

"އަޅުގަނޑުމެން އާ ގާނޫނުއަސާސީއަށް ފަރިތަވުމުގެ ތެރޭގައި އެކިއެކި މުއައްސަސާތައް ބައެއް ފަހަރަށް ތަންކޮޅެއް ތަސައްރަފު ފުދިފައި، މިހާރު އަނެއްކާ ތަންކޮޅެއް ފަހަތަށް ފިޔަވަޅު އަޅައި މިކަހަލަ ގޮތަކަށް މިއުޅެނީ. އަޅުގަނޑުމެންގެ މުޅި މުޖުތަމައު އަދި ބަލައެއް ނުގަނޭ ހުރިހާ ކަމެއް ހަމަޖެހިއްޖެ ކަމަކަށް. މި ސިޔާސީ ކަންކަން ހަލަބޮލިކޮށްދާ އެއް ސަބަބު އެއީ ވެސް. މިފަދަ ދަނޑިވަޅެއްގައި ހަރުކަށި ބާރުތައް، ނޫނިއްޔާ ހަރުކަށި ފިޔަވަޅުތައް އެޅޭ ގޮތަށް ބިލެއް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން."

ފާރިސް ވިދާޅުވީ އަބުރުގެ ބިލަށް އިތުރު މަޝްވަރާތައް ހޯދަން، ބިލް ދިރާސާކުރާ ވަގުތީ ކޮމިޓީން ނިންމުމުން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.