Roadha Mihaaru
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގެންފި

ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގެންފި

09 އޯގަސްޓް 2016

ސަރުކާރަށް ތާޢީދުކުރާ މެމްބަރުންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ބޮޑު ބިލް ފާސްކުރުމާ އެކު ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، 1980ގެ އަހަރުތަކަށް ވުރެ ވެސް ފަހަތަށް ވައްޓާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރަށް ތާޢީދުކުރާ މެމްބަރުންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ބޮޑު ބިލް ފާސްކުރުމާ އެކު ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، 1980ގެ އަހަރުތަކަށް ވުރެ ވެސް ފަހަތަށް ވައްޓާލައިފި އެވެ.

މި ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލިހުގައި ދެންމެ ނެގި ވޯޓުގައި ބައިވެރިވި 78 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެމްބަރެކެވެ.

އަބުރުގެ ބިލްގެ ނަމުގައި އޮތް ނަމަވެސް، މިއީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ދީފައި އޮތް ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، ގާނޫނުއަސާސީގެ މުޅި ރޫހާ ހިލާފަށް ހަނިކުރާ ބިލެއްގެ ގޮތުގައި ނޫސްވެރިން ދިޔައީ ފާހަގަކުރަމުންނެވެ. އަދި ބިލް ދިރާސާކުރި ކޮމިޓީ އަށް އެކި މީޑިއާތަކުން ދިން ލަފާގައި ހިމެނޭ ރަނގަޅު އެއްވެސް ބަދަލެއް ބިލަށް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކެލާ ދާއިރާގެ އަލީ އާރިފް ބިލަށް ހުށަހެޅުއްވީ ކުރިއަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި އިސްލާހުތަކެކެވެ. އެ ބިލް ފާސްކުރީ އެ އިސްލާހުތަކާ އެކުގަ އެވެ.

ބިލް ފާސްކުރި ވަގުތު، އެ ބިލާ ދެކޮޅަށް ނޫސްވެރިން ދިޔައީ މަޖިލިހުގެ އިދާރާ ކައިރީގައި އަޑުއުފުލަމުންނެވެ.

މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު ބިލު މަޖިލީހުން ފާސްވީ ދިރާސާކުރި 11 މެމްބަރުންގެ ވަގުތީ ކޮމެޓީގައި ތިއްބެވި ސަރުކާރު މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރި ގޮތާ ހިލާފަށް އެންމެ އިސްލާހާ އެކުގަ އެވެ. ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކޮމެޓީ އަށް އިސްލާހުތައް ހުށަހެޅުއްވިއިރު، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ގެނެސްދީފައި ނެތެވެ. މިހާރު ބިލް އޮތީ ދާއޫދު ހުށަހެޅުއްވި އިރަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި ގޮތަކަށެވެ.

ބައެއް ނޫސްވެރިން ބުނާ ގޮތުގައި މި ބިލް ފާސްކުރުމާ އެކު ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، 1980ގެ އަހަރުތަކަށް ވުރެ ވެސް ފަހަތަށް ވެއްޓޭނެ އެވެ.

އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ޖައުފަރު ކޮމެޓީގެ ބައްދަލުވުމެއްގައި.---- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ޖައުފަރު ކޮމެޓީގެ ބައްދަލުވުމެއްގައި.---- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިއީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާގައި އޮތް ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަންނަން، ހަމައެކަނި "އަބުރު"ގެ ނަމުގައި ފާސްކުރި ބިލެކެވެ. އަަބުރު ރައްކާތެރިކުރުމުގެ ބަހަނާ ދައްކާފައި ބިލްގައި މުޅިން ވެސް ހުރީ، ދައުލަތުގެ އެކި މަސްއޫލުވެރިންނަށް ފާޑުނުކިޔޭ ގޮތަށް ބައްޓަންކޮށްފައި ހުރި މާއްދާތަކެވެ. އެއިން މީހަކަށް ނުސީދާ ގޮތަށް ރައްދުވާ ގޮތަށް އެއްޗެއް ބުންޏަސް، ލިޔުނަސް އަބުރުގެ ދައުވާކޮށް، ބޮޑެތި ޖޫރިމަނާތަކެއް އަންނާނެ އެވެ.

މިހާރު އަމަލްކުރަމުން އަންނަ އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގާދިނުމުގެ ގަވާއިދުގެ ބެލެނިވެރި ގާނޫނަކީ މިއަދު ފާސްކުރި ބިލް ކަމަށް ހަމަޖަައްސަން ގެމަނަަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި އިސްލާހު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެގޮތަށް ހަމަޖެއްސުމުން ނުކުންނާނެ ގާނޫނީ މައްސަލަތައް އަދި ނޭނގެ އެވެ.

ބިލްގައި ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ހިޔާލުފާޅުކުރުމާއި، އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކުރުން ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އެކަމަކު އެ ދެ ދާއިރާ އިން ކުށްވެރިވާނީ ކޮން ގޮތަކަށް ހިޔާލުފާޅުކޮށްގެން ކަމެއް ބުނެފައެއް ނުވެ އެވެ. އެހެންކަމުން އެއީ ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އަޅާ ހުރަހެއް ކަމާއި ބިރުދެއްކުމެއް ކަމަށް ނޫސްވެރިން ގަބޫލުކުރެ އެވެ.

ބިލުގައި އޮތް ގޮތުން އަބުރާ ބެހުމަކީ ދައްކާ ވާހަކައެއް، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް، ތަސްވީރެއް، އިޝާރާތެއް، ދައްކާ ހަރަކާތެއް، އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ އިއްޒަތަށް އުނިކަން ލިބޭނެ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން ނުވަތަ އިހްސާސް ކުރެވޭ ކޮންމެ ބަހެކެވެ.

ހިޔާލުފާޅުކުރުން ހަނިކުރާ ބިލު ދިރާސާކުރި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ 11 މެމްބަރުން: ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލް ފާސްކުރީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ގިނަ މެމްބަރުންގެ ހިތްވަރާއެކު.--- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ހިޔާލުފާޅުކުރުން ހަނިކުރާ ބިލު ދިރާސާކުރި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ 11 މެމްބަރުން: ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލް ފާސްކުރީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ގިނަ މެމްބަރުންގެ ހިތްވަރާއެކު.--- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ހަމައެއާއެކު ތިން ވަނަ ފަރާތެއްގެ ނަޒަރުގައި ނުވަތަ މުޖުތަމައުގެ ކުރިމަތީގައި މީހެއްގެ އިއްޒަތަށް އުނިކަން ލިބޭނެ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން، ސިފަކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް، ތަސްވީރެއް، ހަރަކާތެއް އަޑަކީ ވެސް އަބުރާ ބެހުން ކަމުގައިވާނެ އެވެ.

މި ބިލު މިހާރު އޮތް ގޮތުން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އުފެއްދުންތަކަށް ފުރުސަތު ލިބޭނެ އެވެ. އެކަމަކު ފިލްމު، ޑްރާމާ، ލަވަ، ވާހަކަ އަދި އެ ނޫން ވެސް އުފެއްދުމެއް ދައްކަން ޖެހޭނީ އެއިން ފެންނަ، އިވޭ، ކިޔޭ، ވިސްނައިގަނެވޭ، ދޭހަކުރެވޭ، އިހްސާސް ކުރެވޭ ކަންތައްތަކަކީ ވަކި މީހަކަށް ދައްކުވައިދޭ ކަމެއް ނޫންކަމާއި އެގޮތަށް މީހަކަށް ނިސްބަތް ކުރެވޭނަމަ، އެއީ އިއްތިފާގެއް ކަން ދައްކުވައިދޭ އެންގުމެއް އިއުލާން ކުރުމަށް ފަހު އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ބަޔާންކުރާ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ހިމެނޭ ވަރަށް މުހިއްމު ބައެއް ވެސް މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ ނެތިގެން ދާނެ އެވެ. ބިލުގައި އޮތް ގޮތުން ނޫސްވެރިޔާ ދިފާއުވުމަށް ލިބޭ އިހްތިޔާރުތަކުގެ ތެރޭގައި ނޫސްވެރިޔަކު އޭނާ އެ ހަބަރު ހޯދި މަސްދަރު ހާމަކުރަން ޖެހިއްޖެ ނަމަ، އެ މަސްދަރު ހާމަކުރަން ވާނީ ސިއްރު މައުލޫމާތެއްގެ ގޮތުގަ އެވެ.

މީޑިއާތަކުގެ ޒިންމާ އަދި އެ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުން

ބިލުގައި އޮތް ގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ ޝަކުވާ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާއިން ބަލައި ތަހުގީގުކުރަން ޖެހޭނެ އެވެ. އެގޮތުން ޖޫރިމަނާ ކުރުމާއި އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު މުއައްސަސާއަށް ލިބިގެންވެ އެވެ. އަދި އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްޗެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ރިޕޯޓަރާ މެދު ފިޔަވަޅު އަޅާނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ބިލުގައި މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެކަމަކު، ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައި، ކޯޓުގައި މައްސަލަ އިސްތިއުނާފެއް ނުކުރެވެ އެވެ.

މި ބިލުގައި ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން، މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރު ވެ އެވެ.

އަބުރާ ބެހުމުގެ ދައުވާގެ ބައެއް ދިފާއުތައް

- ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓުކުރަން ޖެހޭނީ ހަމަހަމަކަމާ އެކު

- ރައްދުވާ މީހެއްގެ ބަހެއް ހޯދަން އެކަށީގެންވާ މަސައްކަތެއް ކުރަން ޖެހޭ

- ރައްދުވާ މީހެއްގެ ފޯނަން ގުޅައި، މެސެޖަކުން ބަސް ހޯދަން މަސައްކަތް ކުރަން ޖެހޭ

ބިލު ފަރުމާކޮށްފައި އޮތީ ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓެއް ހިމެނިއްްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލާނޑާލަން ޖެހޭ ގޮތަށެވެ. އަދި ބުނެފައި ވަނީ އަބުރާ ބެހޭ ޒާތުގެ ކޮންޓެންޓެއް، ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ، އެ އިވެންޓެއް ބްރޯޑްކާސްޓްކުރާ މީޑިއާ އަށް ހުށަހަޅައި، ލައިވް ފީޑް ހުއްޓާލަން އެދުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ބިލްގައި ބުނެފައިވާ ގޮތުން، އެ ހާލަތުގައި އެފަދަ ކޮންޓެންޓެއް ހިމެނޭ ލައިވް ފީޑް މެދުކަނޑާލަން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާއަކުން އަންގާ އެންގުމަކަށް އެ މީޑިއާއަކުން ވަގުތުން އަމަލުކުރަން ޖެހެ އެވެ. އަދި ލައިވް ފީޑް މެދުކަނޑާނުލައިފި ނަމަ، ކަމާ ބެހޭ ގާނޫނާއި ގަވައިދުގައިވާ ގޮތުގެ މަތިން އެ މީޑިއާއަކާ މެދު ފިޔަވަޅު އަޅަންވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.

ވިސިލް ބްލޮވިންގެ ދިފާއު

- މުއައްސަސާއެއްގައި ހިނގާ ގާނޫނާ ހިލާފު ކަމެއް ރިޕޯޓުކުރެވޭ

- މީހެއްގެ ފުރާނައަށް ނުރައްކާވާ ކަމެއް ހިނގާކަން ހާމަކުރުން

- މުއައްސަސާއަކުން ކުރާ ކަމެއްގެ ސަބަބުން ތިމާވެއްޓަށް ނުރައްކަލެއް ހާމަކުރުން

- ގާނޫނާ ހިލާފުކަމެއް ފޮރުވުމަށް ކުރާ މަސައްކަތެއް ހާމަކުރުން

އާންމު ރައްޔިތުންނާ މެދު ފިޔަވަޅު އެޅުން

މީޑިއާ ފިޔަވައި އެހެނިހެން މީހުންގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ޖެހޭނެ އެވެ. އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކޮށްގެން 25،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

މީގެ އިތުރުން އަބުރާ ބެހިގެންނާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހިޔާލުފާޅުކޮށްގެން 25،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ޖިނާއީ ދައުވާއެއްކޮށް ތިން މަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފު ހިޔާލުފާޅުކުރި މީހަކާ މެދު ފިޔަވަޅު އަޅާނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

މި ބިލަށް އަމަލު ކުރަން ފާށާނީ ބިލު ފާސްވެ، ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.