Roadha Mihaaru
"ޔާމީން ބަލި ކުރުމުގައި އިސްކޮށް ތިބެންވީ ސިފައިން"

ރައީސް ޔާމީން ބަލި ކުރުމުގައި އިސްކޮށް ތިބެންވީ ސިފައިން: އަމީން

11 ސެޕްޓެމްބަރ 2018

މި މަހު 23 ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމުގައި އެންމެ އިސްކޮށް ތިބެންވީ ދިވެހި ސިފައިން ކަމަށް، އިދިކޮޅު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މި މަހު 23 ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމުގައި އެންމެ އިސްކޮށް ތިބެންވީ ދިވެހި ސިފައިން ކަމަށް، އިދިކޮޅު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން ނ. އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު ވެލިދޫގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މި ވަގުތަކީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ދިވެހި ސިފައިން ތެދުވަންވީ ވަގުތު ކަމަށެވެ.

"މިއީ މުއައްސަސާތަކުގެ ބޭފުޅުން ތެދުވާންވީ ވަގުތު. ހާއްސަކޮށް ދިވެހި ސިފައިން ތެދުވާންވީ ވަގުތު. ތި ބޭފުޅުން ތެދުވާންވީ ކަނޑި ބަޑިން ދިވެހި ވެރިކަން ބަދަލު ކުރާކަށް ނޫން. ތިބޭފުޅުން ތެދުވާންވީ ވޯޓުން ވެރިކަން ބަދަލު ކުރަން. ވޯޓުން ރައީސް ޔާމީން ބަލި ކުރުމުގައި އެންމެ އިސްކޮށް ތިބެންވީ ދިވެހި ސިފައިން،" އަމީން ވިދާޅުވި އެވެ.

މިހާރު ރާއްޖެ އަށް ދިމާވެފައިވާ މި ބިރުވެރިކަމުންނާއި ފަސާދަ އިން ސަލާމަތްވެވޭނީ ސިފައިން ނުކުމެ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓު ދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިވެހި ސިފައިންނަށް އަޅުގަނޑުމެން ގޮވާލަނީ ތި ހުރިހާ ބޭފުޅުން ވެސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާށޭ. ތިބޭފުޅުން އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ކުރެއްވުމަކީ ދިވެހި ގައުމު އަމާން ކުރުމަށާއި ދިވެހި ގައުމު މިނިވަން ކުރުމަށާއި ވައްކަމާއި ފަސާދަ އިން ސަލާމަތް ކުރުމަށް ތި ބޭފުޅުންނަށް ކުރެވޭނެ އެންމެ ވަރުގަދަ ޖިހާދު،" އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތަކީ ތަރައްގީ ހޯދަން ރައްޔިތުން މާލެ ދިއުން ކަމަށެވެ.

"މިއަދު ތަރައްގީ ގެންދަނީ މާލެ އަށް. ތިބޭފުޅުން ތަރައްގީ ހޯދަން ދާން ޖެހޭނީ މާލެ އަށް. ތަރައްގީ ރަށަށް އައީމާ ރަށުގައި ތިބެގެން ތި ބޭފުޅުންނަށް މަތީ ތައުލީމް ހާސިލް ކުރެވޭނެ. ރަށުގައި ތިބެގެން ތިބޭފުޅުންނަށް ސިއްހީ ހިދުމަތް ލިބޭނެ. ރަށުގައި ތިބެގެން ސިޔާސީ ހަރަކާތް ހިންގޭނެ. ރަށުގައި ތިބެގެން ފަތުރުވެރިކަމުގެ ނަފާ ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސިޔާސަތާ ހިލާފަށް ޖަޒީރާ ދިރިއުމަކީ އެންމެންނަށް ވެސް އުފާވެެރިކަން ގެނެސްދޭނެ އަދި އެކުވެރިކަން އާލާކޮށްދޭނެ ސިޔާސަތެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކާ ވަރަށް ގިނަ ބަޔަކު ގުޅެމުން އަންނަ ކަމަށް ވިދާޅުވެ، ގައުމު މި ވަގުތު އޮތް "ބިރުވެރިކަމުން" ސަލާމަތްވުމުގެ އުއްމީދަކީ އެއީ ކަން އަމީން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ކުރިމަތީގައި އޮތް ބިރުވެރިކަމާއި ނާމާންކަމުން ގައުމު ސަލާމަތް ވާނެ ކަމުގެ އެންމެ ބޮޑު އުއްމީދަކީ އެކި ދިމާލުގައި އެކި ތަންތަނުގައި ތިބި ބޭފުޅުން މި ހަރަކާތާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.