Roadha Mihaaru
ޕީޕީއެމް ޖަގަހަ ހަލާކުކޮށްލުމުން 18 މީހަކު ހައްޔަރު

ޕީޕީއެމް ޖަގަހައަށް ގެއްލުން ދީގެން ކޮލަމާފުށިން 18 މީހަކު ހައްޔަރުކޮށްފި

30 އޯގަސްޓް 2018

ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހައަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި އެ ރަށުން މިއަދު 18 މީހަކު ހަައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހައަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި އެ ރަށުން މިއަދު 18 މީހަކު ހަައްޔަރުކޮށްފި އެވެ.

ޕީޕީއެމުން ބުނީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އެ ޕާޓީގެ ޖަގަހައިގައި ހުރި މޮނިއުމެންޓެއް ހަލާކުކޮށް، ދިދަފަތިތައް ބުރިކޮށް، ސާޅީހަކަށް ހޮޅި ދަނޑި ނައްޓާލާފައިވާ ކަމަށެވެ.އެވެ. އަދި ޕީޕިއެމަށް ތާއީދުކުރާ 10 މީހަކަށް އެ ހަމަނުޖެހުމުގައި ގެއްލުންވެ ފަރުވާ ދޭން ވެސް ޖެހުނު ކަމަށް އެ ޕާޓީން ބުނެ އެވެ.

އެ މައްސަލަ ރޭ ޕީޕީއެމުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި މިއަދު ހެނދުނު ހަތަކުން ފެށިގެން މިހާތަނަށް، އެ މައްސަލައިގައި 18 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ޕީޕީއެމްގެ ތުހުމަތުތައް ދޮގުކޮށް، ކޮލަމާފުށީ ކައުންސިލް މެމްބަރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ އެ ހަމަނުޖެހުމުގައި އެންމެ ފުރަތަމަ ހަމަލާދިނީ ޕީޕީއެމްގެ ސަޕޯޓަރުންނެވެ. އޭރު އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރާ މެމްބަރުން ތިބީ، ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، އަންނަ ހޮނިހިރު ދުވަހު ކޮލަމާފުއްޓަށް ވަޑައިގަންނަވާތީ ރަށުތެރޭގައި ބެނާ އާއި ދިދަ ފަތި ދަމަން ކަމަށާއި އެކަމަކު ޕީޕީއެމް ސަޕޯޓަރުން އެކަމަށް ހުރަސް އަޅައި، ބެނާތައް ނައްޓާލި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިދަ ފަތި ދަމަން ހުރި ތަނުގައި ޕީޕީއެމުން ވެސް ބޭނުންވީ އެކަން ކުރަން. އެކަމަކު އެކަމަށް ދެކޮޅުހެދުމުން، އެ މީހުން ދިޔައީ އަޅުގަނޑުމެންގެ ދިދަ ފަތިތަކާއި ބެނާތައް ނައްޓާލާފައި. އެހާ ހިސާބުން، މަސްރަހު ހޫނުވެ، އަޅުގަނޑުމެންގެ ތެރޭން ބަޔަކު ގޮސް ޕީޕީއެމްގެ ދިދަ ފަތިތަކާ އެއްޗެހި ނައްޓާލީ،" ކައުންސިލްގެ އެމްޑީޕީ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ޖެހި ހަމަނުޖެހުން ހިނގީ ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ނަމަވެސް، ފުލުހުން ހައްޔަރުކުރީ ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދި އެ މައްސަލައިގައި ނުހިމެނޭ، އެކަމަކު މަންޒަރު ބަލަން ތިބި މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ކައުންސިލަރު ތުހުމަތުކުރެއްވި އެވެ.

ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ކޮލަމާފުށީގެ ޖަގަހަ އަށް ގެއްލުން ދިނީ އެމްޑީޕީ އަށް ނިސްބަތްވާ ދެބެއިން ކަމަށާއި އޭގެ ތެރެއިން އެކަކީ އެމްޑީޕީގެ ސަރުކާރުގައި ތެލުގެ ނަހަމަ މުއާމަލާތްތަކެއް ހިންގައި މިހާރު ވެސް އެސްޓީއޯ އަށް 1.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ މީހެއް ކަމަށެވެ.

ޕީޕީއެމް ޖަގަހައަށް ގެއްލުން ދިން މައްސަލަ، ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވެސް ވަނީ ކުށްވެރިކުރައްވާފަ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެހެންވެ، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން މި މަހު ކުރީކޮޅު ކޮލަމާފުއްޓަށް ވަޑައިގަންނަވާތީ، އެ ރަށުގައި ހަރުކޮށްފައި ހުރި އެމްޑީޕީގެ ދިދަތަކެއް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ނަގާފަ އެވެ.

އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ ޖަގަހައަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލައި، ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އިދިކޮޅުން ހުޅުމާލޭގައި ހަރު ކުރި ޕޯސްޓަރުތަކެއް، ޕީޕީއެމް ސަޕޯޓަރުންތަކެއް ވަނީ ނައްޓާލައިފަ އެވެ. އަދި ހުޅުމާލޭގައި ބޭއްވި ރެލީއެއްގައި ޕީޕީއެމްގެ ސަޕޯޓަރަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް، ލައުޑްސްޕީކަރަކުން ގޮވާފައިވެ އެވެ.

މި މައްސަލަތައް އެމްޑީޕީން ފުލުހުންނަށް ހުށަހެޅި ނަމަވެސް، މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.