Roadha Mihaaru
އިދިކޮޅު ޖަގަހަ ހުރި ގޭގެ ވެރިފަރާތް ޖޫރިމަނާކޮށްފި

ހުޅުމާލޭގައި އިދިކޮޅު ޖަގަހަ ހުރި އިމާރާތުގެ ވެރިފަރާތް ޖޫރިމަނާކޮށްފި

06 އޯގަސްޓް 2018

އެޗްޑީސީގެ ހުއްދަ ނުހޯދައި ހުޅުމާލޭގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހިންގަމުންދާތީ އެ އިމާރާތުގެ ވެރިފަރާތް 10،000ރ. އިން ޖޫރިމަނާ ކުރުމުން އެޗުޑީސީއަށް އެ ފައިސާ ދައްކައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެޗްޑީސީގެ ހުއްދަ ނުހޯދައި ހުޅުމާލޭގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހިންގަމުންދާތީ އެ އިމާރާތުގެ ވެރިފަރާތް 10،000ރ. އިން ޖޫރިމަނާ ކުރުމުން އެޗުޑީސީއަށް އެ ފައިސާ ދައްކައިފި އެވެ.

ހުޅުމާލޭގައި އިދިކޮޅު ކޯލިޝަންގެ ދެ ޖަގަހައެއް ކުރިއަށް ގެންދެ އެވެ. އޭގެ ތެރެއިން ޖޫރިމަނާކުރީ ނިރޮޅުމަގުގައި ހުރި އަމިއްލަ މީހެއްގެ އިމާރާތުގައި، އެޗުޑީސީގެ ހުއްދަ ނެތި އެފަދަ ތަނެއް ހިންގާތީ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން، ރެހެންދި ސްކޫލް ކައިރީގައި އޮތް އަމިއްލަ މީހެއްގެ ބިމެއްގައި ކޯލިޝަންގެ ޖަގަހައެއް ހުޅުވީ ހުއްދަ ނުހޯދައި ކަމަށް ބުނެ، އެ ހުއްދަ ހޯދަން އެގޭގެ ވެރިފަރާތަށް އެޗްޑީސީން ވަނީ ސިޓީ ފޮނުވައިފަ އެވެ. އަދި ހުއްދަ ނުހޯދާ ނަމަ، އެގޭގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ބިންތަކަށް ވަންނަ ނަމަ، އެޗްޑީސީގެ ގަވައިދާ އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އެކަމަކު އަމިއްލަ ބައެއްގެ ބިންތަކެއްގައި އިދިކޮޅު ކޯލިޝަންގެ ޖަގަހަތައް ހެދީ އެ ހުއްދަ ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގޭގެ ވެރިފަރާތްތަށް ނަސޭހަތްތެރިވެ ސިޓީ ފޮނުވާތާ މަހެއް ވީ. އާދޭސްކުރިން ހުއްދަ ހޯދައިގެން ޖަގަހަ ހިންގުމަށް. އެކަމަކު އެ ހުއްދަ ނަގާކަށް އެމީހުން ބޭނުމެއް ނުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

"ހުއްދައަށް އެދި ހުށަހެޅީމަ، މިތިބީ ހުއްދަ ދޭން ތައްޔާރަށް. އެހާ ވެސް ފަސޭހަ ކަމެއް މިއީ."

ހުޅުމާލޭގައި ހުއްދަ ނުހޯދައި އެއްވެސް ފަރާތަކުން ޖަގަހައެއް ހިންގާ ނަމަ، އެ ކުންފުންޏަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލެ އަކީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ގައި މާލެ އިން އެންމެ ބޮޑު ފޯރިއެއް ނަގާ އަވަށެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމްގެ ޖަގަހަތައް ހަދައި، ދިދަ ފަތި ދަމައި، ރައީސް ޔާމީންގެ ބިލްބޯޑުތައް ވަނީ ހަރުކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހުޅުމާލޭގައި ޕީޕީއެމްގެ ޖަގަހަތައް ހިންގަނީ ވެސް އެޗްޑީސީގެ ހުއްދަ ހޯދުމަކާ ނުލަ އެވެ. އެކަމަކު އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ޕީޕީއެމްގެ ހުރިހާ ޖަގަހައެއް ވެސް ހިންގަނީ ހުއްދަ ހޯދައިގެން ކަމަށެވެ.