Roadha Mihaaru
ރައީސްގެ ދަތުރަށް ކުރެންދޫ އެމްޑީޕީ ހަރުގެ ބަންދުކޮށްފި

ކުރެންދުއަށް ރައީސް ވަޑައިގަންނަވާތީ އެމްޑީޕީ ހަރުގެ ބަންދުކޮށް ދިދަތައް ނަގައިފި

01 ސެޕްޓެމްބަރ 2018

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން މިއަދު ޅ. ކުރެންދޫއަށް ވަޑައިގަންނަވާތީ، އެ ރަށުގައި ހުރި އެމްޑީޕީގެ ހަރުގެ ބަންދުކޮށް، އިދިކޮޅު ކޯލިޝަންގެ ދިދަތައް ފުލުހުން ނަގާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން މިއަދު ޅ. ކުރެންދޫއަށް ވަޑައިގަންނަވާތީ، އެ ރަށުގައި ހުރި އެމްޑީޕީގެ ހަރުގެ ބަންދުކޮށް، އިދިކޮޅު ކޯލިޝަންގެ ދިދަތައް ފުލުހުން ނަގާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބުނީ ރައީސް ޔާމީން މިއަދު ކުރެންދުއަށް ވަޑައިގަތުމުގެ ކުރިން، ހަރުގެ ކުރިމަތީގައި ފުލުހުން ފޯރިމަރައި، އެ ރަށު ބަނދަރުމަތީގައި ހުރިި ދިދަތައް ރޭ ނަގާފައިވާ ކަމަށެވެ.

ކުރެންދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހަމައެކަނި މެމްބަރު، ފަރަހަނާޒް މުހައްމަދު ވިދާޅުވީ އެމްޑީޕީ ހަރުގެ ކުރިމަތިން ޓޭޕް ދަމައި ބަންދު ނުކުރި ނަމަވެސް، މިއަދު ހެނދުނު ދެ ފުލުހުން އެތަނުގައި ފޯރި މެރިކަމަށެވެ. އަދި އެ ރަށުގައި ހުންނަ، އާއްމުކޮށް ބޭނުން ނުކުރާ، ޖުމްހޫރީ ޕާޓީގެ ހަރުގެ ކުރިމަތީގައި ވެސް ފުލުހުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރެންދޫ ކަނޑުތޮށީގައި އިދިކޮޅު ފަރާތްތަކުން ހަރުކުރި ދިދަތައް، ހުއްދަ ނުނަގާ ކަމަށް ބުނެ މީގެ ދެ ދުވަސް ކުރިން ވަނީ ނަގައިފަ އެވެ. އެކަމަކު ރޭ ފުލުހުން ގޮސް ނެގީ، ރަށުގެ ބަނދަރު މަތީގައި ހުރި ދިދަތަކެވެ.

ކުރެންދޫ ކައުންސިލްގެ ޕީޕީއެމް މެމްބަރު އައިޝަތު ވިޝާމާ ވިދާޅުވީ ބަނދަރު މަތީގައި ހުރި ހުރިހާ ޕާޓީތަކެއްގެ ދިދަތައް ވެސް ރޭ ފުލުހުން ނަގާފައިވާ ކަމަށާއި، ދިދަތައް ނެގީ ސެކިއުރިޓީ ކޯޑުގެ ތެރޭގައި ދިދަތައް ޖަހާފައި ހުރުމުން ކަމަށެވެ.

"ރައީސް ވަޑައިގަންނަވާތީ ސަލާމަތީ ސަބަބުތަކަށް، އަދި ވޯކްވޭ ހެދުމަށް އެ ދިދަތައް ނެގީ. އޭގެ ތެރޭގައި ހިމެނޭ ޕީޕީއެމްގެ ދިދަތައް ވެސް،" ވިޝާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިދަތައް ނެގި ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ރައީސް އެ ރަށުން ފައިބައިވަޑައިގެންނެވި އިރު ވެސް، ރަށު ތެރެ އޮތީ އަމާންކޮށް ކަމަށެވެ.

މި މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު، އެ ރަށުގައި އިދިކޮޅު ފަރާތްތަކުން ޖަހާފައި ހުންނަ ދިދަތަކާއި ބެނާތައް ނަގައި އަދި ހަރުގެ ބަންދު ކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެކަމަކު ފުލުހުން ބުނާގޮތުން މިކަން ކުރަނީ ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމުގެ ގޮތުންނެވެ.