Roadha Mihaaru
ބިލާ ދެކޮޅު ހެދުމުން ވައިބަ ގުރޫޕުން މުސްތަފާ ބޭރު

އަބުރުގެ ބިލާ ދެކޮޅު ހެދުމުން ވައިބަ ގުރޫޕުން މުސްތަފާ ބޭރުކޮށްލައިފި

05 އޯގަސްޓް 2016

އަބުރުގެ ބިލާ ބެހޭ ގޮތުން ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވައިބަ ގްރޫޕުގައި ދެއްކި ވާހަކަތަކުގެ ތެރޭގައި އެ ބިލާ ދެކޮޅަށް ޚިޔާލު ފާޅުކުރުމުން، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެ ގުރޫޕުން ބޭރުކޮށްލައިފި އެވެ.

އަބުރުގެ ބިލާ ބެހޭ ގޮތުން ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވައިބަ ގްރޫޕުގައި ދެއްކި ވާހަކަތަކުގެ ތެރޭގައި އެ ބިލާ ދެކޮޅަށް ޚިޔާލު ފާޅުކުރުމުން، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެ ގުރޫޕުން ބޭރުކޮށްލައިފި އެވެ.

މުސްތޮފާ ވިދާޅުވީ ކަންކަމާ މެދު ފެންނަ ޚިޔާލެއް ފާޅުކުރުމުގައި އޭނާގެ ވެސް ފަރުދީ މިނިވަންކަން އޮންނާނެ ކަމަށާއި ބޭނުން އެއްވެސް ބުނެވެންޖެހޭނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ހައްގު ބަސް ބުނުމުގެ ފުރުސަތު ވެސް އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގައި އޭނާއާ މެދު ޚިޔާލު ތަފާތުވުން އުފެދި ވައިބަ ގްރޫޕުން ބޭރު ކުރީ، އަބުރުގެ ބިލް އޮތް ގޮތަށް ފާސްކުރާ ނަމަ، މަޖިލީހުގެ މެންބަރުންނަށް ލިބޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޚިޔާލު ހުށަހެޅުއްވުމުންނެވެ. އޭނާ ހުށަހެޅުއްވި ކަމަށް ވަނީ، މަޖިލީހުގެ މެންބަރެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެއްޖެ ނަމަ، އޭނާ ފުރިހަމަ ކުރަމުންދާ ފަސް އަހަރުގެ މުއްދަތު ފުރިހަމަ ކުރަންދެން، އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރެވޭ ގޮތަށް، މަޖިލީހުގެ މެމްބަރުންގެ އިނާޔަތުގެ ގާނޫނު އިސްލާހު ކުރުމަށް ފަހު، އަބުރުގެ ބިލް ފާސް ކުރުމެވެ.

ކޮމިޓީ މަރުހަލާގައި އޮތް އަބުރުގެ ބިލްގެ ދިރާސާ ނިންމައި މި ފެށޭ ހަފުތާގެ ތެރޭގައި އެ ބިލް މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

އަބުރުގެ ބިލްގެ މައްސަލައިގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. އަންނަ ހަފުތާގައި އަބުރުގެ ބިލް ފާސްކުރާ އިރު، ޕާލަމެންޓްރީ ގުރޫޕުން ނެރޭނީ ތްރީ ލައިން ވިޕެއް ކަމަށް ބައެއް މެމްބަރުންގެ ފަރާތުން ވަނީ މައުލޫމާތު ލިބިފަ އެވެ.

އަންނަ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުން ކުރެ ކޮންމެވެސް ދުވަހެއްގައި މުހިންމު ވޯޓެއް ރައްޔިތުންގެ މަޖިލިހުގައި ނަގާނެތީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ތިން ދުވަހު މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވަނީ މެސެޖަކުން މެމްބަރުންނަށް އަންގަވައިފަ އެވެ.

ނިހާންގެ މެސެޖާ ގުޅިގެން ވައިބަ ގުރޫޕްގައި އަބުރުގެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ހިމެނިވަޑައިގަންނަވަ އެވެ.

މުސްތަފާ ވިދާޅުވެފައި ވަނީ މެމްބަރުންގެ މަސްލަހަތާ ގުޅިފައިވާ މިފަދަ ބިލެއްގައި، މެމްބަރުންނާ މަޝްވަރާ ނުކޮށް، "ތި ގޮތަށް ތްރީލައިން ގްރީން ވިޕެއް ކަނޑައަޅައި މަޖުބޫރެއް ނުކުރެވޭނެ" ކަމަށެވެ.

ސަލީމް ވިދާޅުވެފައި ވަނީ ހިޔާލު ތަފާތުވާ ކޮންމެ މީހަކީ ދުޝްމަނެއް ނޫން ކަމަށާއި އެއީ ދުޝްމަނެއް ކަމަށް ބެލުމަކީ ވަރަށް ނާތަހުޒީބީ ކަމެއް ކަމަށެވެ.

އަބުރުގެ ބިލް ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީން މިހާރު ވަނީ ނޫސްވެރިންނާއި ބައެއް މިނިވަން މުއައްސަސާތައް ހާޒިރު ކޮށް ޚިޔާލު ހޯދައިފަ އެވެ. އަދި އެ ބިލާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ފުރުސަތު ހުޅުވައިލުމަށް ފަހު، ކޮމިޓީން މިއަދު ނިންމާފައިވަނީ އެ ފުރުސަތު ބަންދު ކުރުމަށާއި، އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ، އެ ޚިޔާލެއް ބާތިލު ކުރުމަށެވެ.