Roadha Mihaaru
ޓިކެޓު އޮތަސް، އެހެން މީހުންނަށް ކެމްޕެއިންކުރާ ޝަކުވާ

ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ދީފައި ވަނިކޮށް، ބައެއް ވަޒީރުން އެހެން މީހުންނަށް ކެމްޕެއިންކުރާ ކަމުގެ ޝަކުވާ!

10 ފެބުރުއަރީ 2024

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީން ކެންޑިޑޭޓުން އިންތިހާބު ކޮށްފައި ވަނިކޮށް، ބައެއް ދާއިރާތަކުން އެހެން ކެންޑިޑޭޓުންނަށް ބައެއް ވަޒީރުން ކެމްޕެއިން ކުރައްވާ ކަމުގެ ޝަކުވާ ކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީން ކެންޑިޑޭޓުން އިންތިހާބު ކޮށްފައި ވަނިކޮށް، ބައެއް ދާއިރާތަކުން އެހެން ކެންޑިޑޭޓުންނަށް ބައެއް ވަޒީރުން ކެމްޕެއިން ކުރައްވާ ކަމުގެ ޝަކުވާ ކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ރޭ އާންމުވި ވީޑިއޯއެއްގައި ފެންނަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ގައްދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، މުހައްމަދު އަލީއަށް ތާއީދު ހޯއްދެވުމަށް އެ ދާއިރާ އަށް ވަޑައިގަތް މަންޒަރެވެ.

ގައްދޫ ދާއިރާގައި ހިމެނޭ ވާދޫއަށް މިނިސްޓަރުން ވަޑައިގަތުން.

އެކަަމަކު، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން މިދިޔަ މަހު ބޭއްވި ޕްރައިމަރީގެ ގައްދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ މަހްމޫދު ޝަފީގު (މަހާ) އެވެ. އެހެންވިޔަސް ރަސްމީ ކެންޑިޑޭޓެއް ހުއްޓާ އަމިއްލަ ކެންޑިޑޭޓަކަށް މިނިސްޓަރުން ތާއީދު ކުރައްވަނީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން "މިހާރު" އިން ޑރ. ޝަހީމާ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރި މީހުން ވަނީ ސަރުކާރު ކެންޑިޑޭޓާ ދެކޮޅަށް މިނިސްޓަރުން މަސައްކަތް ކުރައްވާތީ ނުރުހުން ފާޅުކޮށްފަ އެވެ.

ގައްދޫ ދާއިރާގެ ރަސްމީ ކެންޑިޑޭޓަށް ތާއީދުކުރުމުގެ ބަދަލުގައި އަމިއްލަ ކެންޑިޑޭޓަކަށް ބައެއް ވަޒީރުން ތާއީދު ކުރައްވާ ވީޑިއޯއެއް އާންމުވިއިރު، ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އިބްރާހިމް ސަނާހު (ސަންޓޯ) ގެ ބަދަލުގައި މިހާރު ވެސް އެ ދާއިރާ ތަމްސީލުކުރައްވާ އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ސަރުކާރުން ތާއީދުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ދެ މިނިސްޓަރަކު ވިދާޅުވާ ވީޑިއޯ ވެސް މީގެ ދެ ދުވަސް ކުރިން އާންމުވި އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ.

އެކަމަކު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ރަމީޒާއި އަބްދުﷲ ނަސީރު، ސަރުކާރުން ރިޔާޒަށް ތާއީދުކުރަން ނިންމާފައިވާ ކަމަށާއި އެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެއްވާފައިވާ ކަމަށް ވިދާޅުވާ ތަނެވެ.

އެ ވީޑިއޯ އާންމުވެފައިވަނިކޮށް، ޕްރައިމަރީން ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރެއްވި ސަންޓޯގެ ކެމްޕެއިން ޓީމުން ތިމަރަފުށީގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވެސް އާންމުން ވަނީ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އެ ރަށުގެ އާންމުން ބައިވެރިވި އެ ބައްދަލުވުމުގައި ސަންޓޯއާ ސުވާލުކުރީ ޕީޕީއެމް/ ޕީއެންސީގެ ޓިކެޓާ ގުޅިގެން ދެއްކެވޭ ވާހަކަތަކާ ގުޅިގެން ރައީސްގެ ފަރާތުން އޭނާއަށް އެއްވެސް ޖަވާބެއް ލިބިއްޖެތޯ އެވެ. އެ ސުވާލުގައި ސަންޓޯ ވިދާޅުވީ ރައީސް މުއިއްޒުގެ ޖަވާބު ވަރަށް ސާފު ކަމަށާއި ރައީސް ސޮއި ކުރައްވައި ޕީއެންސީގެ ކެންޑިޑޭޓުގެ ގަރާރު އޭނާއާ މާކުރިން ހަވާލުކުރައްވާފައިވާ ކަމަށެވެ. އެ ނިންމުން އަނބުރާ ގެންދެވިކަން މިހާތަނަށް އަންގާފައި ނުވާ ކަމަށް ވެސް ސަންޓޯ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑަކަށް މި އަށް ވުރެ އިތުރު ސާބިތު ހެއްކެއް ނެތް. ލިޔެކިޔުމުން އަޅުގަނޑަށް ޕާޓީން ވެސް އަޅުގަނޑު ފަހަތަށް ޖެހޭށޭ. މި ޓިކެޓް އަޅުގަނޑަށް ދީފީމޭ. މީތި [ޓިކެޓް] އަނބުރާދޭށޭ އެއް ނެތް އަންގައިފައެއް،" އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްކަވަމުން ސަންޓޯ ވިދާޅުވި އެވެ.

އެ މައްސަލަތަކާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. ސުވާލު ކުރުމުން ވެސް ވަކި ޖަވާބެއް ނުދެއްވަ އެވެ.