Roadha Mihaaru
ފައިސަލްގެ ކުޅުމަށް ކޯޗު ތައުރީފްކޮށްފި

ފައިސަލްގެ ކުޅުމަށް ކޯޗު ތައުރީފްކޮށްފި

08 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި އިއްޔެ ރާއްޖެ އާއި ސްރީ ލަންކާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ދެއްކި މޮޅު ކުޅުމަށް ކޯޗު ޕީޓާ ސެގާޓް ތައުރީފްކޮށްފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި އިއްޔެ ރާއްޖެ އާއި ސްރީ ލަންކާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ދެއްކި މޮޅު ކުޅުމަށް ކޯޗު ޕީޓާ ސެގާޓް ތައުރީފްކޮށްފި އެވެ.

އިއްޔެގެ މެޗުގެ ދެ ވަނަ ހާފުގައި ލަންކާ އިން ފޮނުވާލި ނުރައްކާތެރި ގިނަ ބޯޅަތަކެއް ފައިސަލް ހުއްޓުވި އެވެ. ސެގާޓް ރާއްޖެ ލައްވައި ކުޅުވަން ބޭނުންވާ އެޓޭކިން ގޭމްގެ ސަބަބުން ރާއްޖޭގެ ޑިފެންސް ލައިން ކުޅެނީ ވަރަށް ކުރިއަށް ޖެހިގެން ހައި ލައިނުގަ އެވެ. އޭގެ ސަބަބުން ފައިސަލަށް އޮތް ޒިންމާ ބޮޑެވެ. އެކަމަކު އިއްޔެގެ މެޗުގައި އޭނާ ވަނީ ހުރިހާ ޒިންމާއެއް ފުރިހަމަ އަށް އަދާކޮށްފަ އެވެ. ނަތީޖާ އަކަށްވީ މެޗުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ފައިސަލަށް ލިބުމެވެ.

"އަހަރެމެން މިއަދު މި ނަތީޖާއާ އެކު ދަނޑުން ފޭބުމުގައި ފައިސަލްގެ ދައުރު ވަރަށް ބޮޑު. މި މެޗުގައި އޭނާ ވަރަށް މޮޅަށް ކުޅެފި. އޭނަ ދައްކުވައިދީފި އޭނަކަށް ގޯލުގައި ބަހައްޓަން ޖެހެނީ،" އިއްޔެގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުންޏެވެ.

އުމުރުން 30 އަހަރުގެ ފައިސަލް ބުނީ މިއީ ރަނގަޅު ކުޅުމެއް ދެއްކުނު މެޗެއް ކަމަށާއި މޮޅުނުވީ ނަސީބު ވެސް އެހީނުވެގެން ކަމަށެވެ.

"އެޓޭކަށް ވިސްނައިގެން އަހަރެމެން ކުޅުނީ. އެހާ ބޮޑަށް ޑިފެންސަށް ނުވިސްނާ. މިއީ ރަނގަޅު މެޗެއް. މޮޅުނުވެވުނީ ނަސީބު އެހީ ނުވެގެން،" ފައިސަލް ބުންޏެވެ.

މިއީ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން ރާއްޖެ ކުޅޭ ފުރަތަމަ ސާފް މުބާރާތެވެ. ގައުމީ ކޯޗު ސެގާޓް މީގެ ކުރިން "މިހާރަ"ށް ބުނެފައިވަނީ ކްލަބް ލެވެލްގައި ފައިސަލް އަށް މެެޗެއް ކުޅެލަން ނުލިބެނީ އިމްރާނާ ވާދަކުރަން ޖެހޭތީ ކަމަށާއި އޭނާ އަކީ އަދިވެސް އެންމެ މޮޅު ކީޕަރު ކަމަށެވެ.

"އިމްރާން ހުރީމަ ފައިސަލް ކްލަބްގައި ނުކުޅެނީ. އެކަމަކު އޭގެ މާނަ އަކީ ފައިސަލް ދަށެކޭ ނޫން. އޭނާ އަކީ މި ވަގުތު ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު. އެކަން އޭނަ ސާބިތުކޮށްދޭނެ،" އިއްޔެގެ މެޗުގެ ކުރިން ސެގާޓް ބުންޏެވެ.

ރޭގެ ނަތީޖާއާ އެކު ގްރޫޕް ބީ އިން އިންޑިއާ އަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އިންޑިއާ އެވެ. ދެ ވަނައިގައި އޮތް ރާއްޖެ އާއި ތިން ވަނައިގައި އޮތް ލަންކާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕުގެ ފަހު މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީ އަށް ދެވޭނެ އެވެ. އެކަމަކު އެ މެޗުން ރާއްޖެ ދެ ލަނޑަށް ވުރެ ތަފާތު ބޮޑުކޮށް ބަލިވެއްޖެނަމަ ސެމީގެ އަނެއް ޖާގަ ލިބޭނީ ލަންކާ އަށެވެ.