Roadha Mihaaru
އިންޑިއާ މެޗުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑު:ފައިސަލް

އިންޑިއާ މެޗުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑު: ފައިސަލް

11 އޮކްޓޯބަރ 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ އިއްޔެ ކުޅުނު މެޗުގައި އަނިޔާވެގެން ބާލަންޖެހުނު ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އަނިޔާ ވަރަށް ބޮޑުތަން މިހާރު ރަނގަޅު ކަމަށާއި ކުރިއަށް އޮތް އިންޑިއާ މެޗުގައި ކުޅެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ އިއްޔެ ކުޅުނު މެޗުގައި އަނިޔާވެގެން ބާލަންޖެހުނު ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އަނިޔާ ވަރަށް ބޮޑުތަން މިހާރު ރަނގަޅު ކަމަށާއި ކުރިއަށް އޮތް އިންޑިއާ މެޗުގައި ކުޅެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ބުނެފި އެވެ.

"އެންމެންގެ ހެޔޮ ދުއާއާ އެކު ޓެސްޓުތަކުގެ ނަތީޖާ ލިބުނީ ރަނގަޅަށް،" ފޭސްބުކްގައި ފައިސަލް މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުންޏެވެ. "އިރާދަ ކުރެއްވިއްޔާ އަދި ވަރުގަދަކޮށް އަންނާނަން."

ފައިސަލް އަށް އަނިޔާވީ މެޗުގެ 27 ވަނަ މިނިޓުގަ އެވެ. ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު މެޗުގައި އިތުރަށް ކުޅެވޭނެތޯ ބެލި ނަމަވެސް މެޑިކަލް ޓީމުން ފައިސަލް ބަދަލުކުރަން އެންގުމުން ބަދަލުގައި ކުޅެން އެރީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ޝަފީއު ގައުމީ ޖޯޒީގައި ރަސްމީކޮށް ކުޅެން ނުކުތް ފުރަތަމަ މެޗެވެ.

މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު އަލީ ސުޒޭން ބުނީ، އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ފައިސަލް އަކީ މުހިއްމު ކުޅުންތެރިއެއް ކަމަށާއި، މެޑިކަލް ޓީމުން ދަނީ ފައިސަލްގެ އަނިޔާ ވަރަށް ގާތުން މޮނިޓާ ކުރަމުން ކަމަށެވެ. އަދި މިއަދުގެ ވަގުތެއަގައި އަނިޔާއާ ގުޅޭގޮތުން ރަސްމީ ބަހެއް ލިބިގެންދާނެ ކަމަށެވެ.

ޕްރެޝަރު މެޗެއްގައި އަލަށް ގައުމީ ޖޯޒީގައި ކުޅެން އަރައި ޝަފީއު ދެއްކި ކުޅުމަށް ވެސް ސުޒޭން ވަނީ ތައުރީފްކޮށްފަ އެވެ. ނިމިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގައި ވެސް ޝަފީއު ވަނީ ފައިސަލް އަނިޔާގައި ހުރުމުން ގިނަ މެޗުތަކެއްގައި ކުޅެން އަރައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.