Roadha Mihaaru
ފައިސަލް އޮޕަރޭޝަން ކޮށްފި، ކުޅެވޭނީ ނުވަމަހަށްފަހު

ފައިސަލް އޮޕަރޭޝަން ކޮށްފި، އަލުން ކުޅެން ނުކުމެވޭނީ ނުވަ މަސް ފަހުން

21 ސެޕްޓެމްބަރ 2023

ގައުމީ ޓީމާއި މާޒިޔާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް، ކަކުލުގެ އޮޕަރޭޝަން މިއަދު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގައުމީ ޓީމާއި މާޒިޔާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް، ކަކުލުގެ އޮޕަރޭޝަން މިއަދު ކޮށްފި އެވެ.

ފައިސަލްގެ ކަނާތު ކަކުލަށް އަނިޔާވީ، މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު، ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ދަނޑު މަތީގައި ކުރިއަށް ގެންދިޔަ މެޗް ވޯމްއަޕް ތެރޭގަ އެވެ.

ކަނާތު ކަކުލުގެ ޕީސީއެލް އާއި މިނިސްކަސް އަށް ލިބުނު ގެއްލުމާ ގުޅިގެން އޭނާ އޮޕަރޭޝަން ކުރީ މިއަދު ހެނދުނު، އިންޑިއާގެ ކޮއިމްޕަތޫރުގެ ގަންގާ ހޮސްޕިޓަލްގަ އެވެ. ކާމިޔާބު އޮޕަރޭޝަނަކަށް ފަހު 8-9 މަސް ތެރޭ އޭނާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފައިސަލް ބުންޏެވެ.

ފައިސަލް ވަނީ ކުރިން ވާތު ކަކުލުގެ ސާޖަރީއެއް ކޮށް އަލުން ކުޅުމުގެ ތެރެއަށް އައިސް، ގައުމީ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕް ނަގައި، ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ފައިސަލް މާޒިޔާ އަށް ބަދަލުވީ މިދިޔަ ސީޒަންގައި ވެލެންސިއާ އަށް ކުޅެފަ އެވެ. ކްލަބް އޭވައިއެލް އާއެކު ތިންވަނަ ޑިވިޝަނުން ފެށި ފައިސަލް ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިތުރުން ކްލަބް އީގަލްސް އާއި ދަ ގްރާންޑޭޭ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފަ އެވެ.