Roadha Mihaaru
ކައުންސިލްތަކުގެ އުމުރު ބަދަލުކުރަން ކޮމެޓީން ފާސްކޮށްފި

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކުރަން ކޮމެޓީން ފާސްކޮށްފި

07 އޯގަސްޓް 2016

ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު، ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު، ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބުކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަަރު ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ އިތުރުން ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ވެސް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. މި ދެ އިސްލާހު ވެސް ފާސްކުރީ މިދިޔަ ހަފްތާގައި ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެއްވެސް ބަދަލެއް ނުގެނެސް އެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގައި ހިމެނޭ މެމްބަރުން ޑިމޮކްރަސީގެ އުސޫލުގެ މަތިން އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ. ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން ކައުންސިލްތަކުގައި ހިމެނޭނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުންނެވެ.

ގާނޫނުއަސާސީއަށް ގެނައި ދެ އިސްލާހަށް ވެސް ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ. ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެއީ 54 މެމްބަރުންގެ ވޯޓެވެ.

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅިއިރު، މިހާރު އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ މުއްދަތު މި އަހަރު ހަމަވާނެ އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.