Roadha Mihaaru
ބޭރުގެ މީޑިއާއަށް ހުރަސްއެޅުމުގެ ޝަކުވާ ލިބޭ: އިބޫ

އިންތިޚާބު ކަވަރު ކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް ހުރަސްއަޅާ ކަމުގެ ޝަކުވާ ލިބޭ: އިބޫ

12 ސެޕްޓެމްބަރ 2018

ރިޔާސީ އިންތިޚާބު ކަވަރު ކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިން ރާއްޖެ އައުމަށް ސަރުކާރުން ހުރަސްއަޅާތީ އެކަމުގެ ކަންބޮޑުވުންތައް އެ މީހުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބު ކަވަރު ކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިން ރާއްޖެ އައުމަށް ސަރުކާރުން ހުރަސްއަޅާތީ އެކަމުގެ ކަންބޮޑުވުންތައް އެ މީހުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އިންތިޚާބު ކަވަރުކުރަން އަންނަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް ސަރުކާރުން ހުރަސް އަޅާކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ނޫސްވެރިންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ސަރުކާރަށް އޭނާ ގޮވައިލެއްވި އެވެ.

ރިޔާސީ އިންތިހާބު ކަވަރުކުރަން ބޭރުގެ ނޫސްވެރިން ވެސް އަންނަން ޖެހެނީ ބިޒްނަސް ވިސާ ނަގައިގެންނެވެ. އިންތިހާބު ކަވަރުކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވައިލި އެވެ. ނަމަވެސް އިންތިހާބު ކަވަރުކުރަން ކުރިމަތިލީ ކިތައް ނޫސްވެރިން ކަމެއް އެ ކޮމިޝަނަކުން އަދިއެއް ނުބުނެ އެވެ.

ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވުމަށް ހުއްދަ ދޭ މުއްދަތު 30 ދުވަހަށް އިތުރުކުރަން އިމިގްރޭޝަނުން މިދިޔަ މަހުގެ 29 ގައި ވަނީ ނިންމައިފަ އެވެ. އިމިގްރޭޝަނުން ބުނެފައި ވަނީ ކުރިން ބިޒްނަސް ވިސާގައި އެތެރެ ވެވޭނީ ހުއްދަ ދޭ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ކަމަށް ވިޔަސް، އޭގެ ބަދަލުގައި 30 ދުވަހަށް މިހާރު އެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.