Roadha Mihaaru
ރައީސް ޔާމީނާ ދެކެވުނު ވާހަކަ އިބޫ ހިއްސާކުރައްވައިފި

އެންމެ ކަމެއް ފިޔަވައި، ރައީސް ޔާމީނާ އެކު ދެކެވުނު ވާހަކަތައް އިބޫ ހިއްސާ ކުރައްވައިފި

25 ސެޕްޓެމްބަރ 2018

ރިޔާސީ އިންތިޚާބަށް ފަހު، ރައީސް އަބްދުﷲ ޔާމީނާ އެކު އިއްޔެ އޮތް ބައްދަލުވުމުގައި ދެއްކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާ ވާހަކަތަކެއް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބަށް ފަހު، ރައީސް އަބްދުﷲ ޔާމީނާ އެކު އިއްޔެ އޮތް ބައްދަލުވުމުގައި ދެއްކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާ ވާހަކަތަކެއް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް އިބޫ އިއްޔެ ރައީސް އޮފީހަށް ވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި، ދެ ބޭފުޅުންގެ ދެމެދު ދެކެވުނު ވާހަކަތައް، އިދިކޮޅު ކޯލިޝަންގެ މަޖިލީސް މެމްބަރުންނާ އިބޫ ހިއްސާ ކުރެއްވީ ކުނޫޒްގައި މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމުގަ އެވެ. މިއީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން، ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާ އެކު އިބޫ ބޭއްވެވި ފުރަތަމަ ބައްދަލުވުމަށް ވާތީ، ވަރަށް ގިނަ މެމްބަރުން ވަޑައިގަތެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބައެއް މެމްބަރުން "މިހާރު" އަށް ވިދާޅުވީ، އިންތިޚާބުގައި ރައީސް ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތުމުން އެމަނިކުފާނު ހުންނެވީ ވަރަށް "މާޔޫސް ވެފައި" ކަން އިބޫއާ އެކު ދެއްކެވި ވާހަކަފުޅުން ޔަގީންވާ ކަމަށެވެ. ރައްޔިތުން ވޯޓު ނުދިނީ ކަމަށް، ރައީސް ޔާމީން އަމިއްލަފުޅަށް ވިދާޅުވެ އިބޫ އަށް މަރުހަބާ ދެންނެވި ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

މެމްބަރަކު ވިދާޅުވި ގޮތުގައި، ދެ ބޭފުޅުންގެ ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެއް ކަމެއް އިބޫ މެމްބަރުންނާ ހިއްސާއެއް ނުކުރެއްވި އެވެ. އެއީ، ރައީސް ޔާމީންގެ އަމިއްލަފުޅު ކަމަކާ ގުޅޭ ވާހަކައަކަށް ވާތީވެ، އިދިކޮޅު ހަތަރު ލީޑަރުންނާ އެކަނި އެކަމާ މެދު މަޝްވަރާ ކުރައްވަން އިބޫ ވަނީ ނިންމަވައިފަ އެވެ. އޭގެ ކުރިން އެ ވާހަކަ މެމްބަރުންނާ ހިއްސާ ކުރައްވަން އިބޫ ބޭނުމެއް ނުވެ އެވެ.

ރައީސް ޔާމީނާއި އިބޫ: ދެ ބޭފުޅުންގެ ދެމެދު ވާހަކަތަކުގެ ތެރެއިން މެމްބަރުންނާ އިބޫ ހިއްސާ ނުކުރައްވަނީ އެންމެ ކަމެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީނާއި އިބޫ: ދެ ބޭފުޅުންގެ ދެމެދު ވާހަކަތަކުގެ ތެރެއިން މެމްބަރުންނާ އިބޫ ހިއްސާ ނުކުރައްވަނީ އެންމެ ކަމެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންތިޚާބުގެ ކެމްޕޭންގައި ރައްޔިތުންނަށް އިބޫ ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯއްދަވައި ދެއްވުމެވެ. މި ވާހަކައާ ގުޅޭގޮތުން ރައީސް ޔާމީން ސުވާލު ކުރެއްވި ކަމަށް އިބޫ މެމްބަރުންގެ ގާތު ވިދާޅުވި އެވެ.

"ރައީސް ޔާމީން އެއްސެވި ކަމަށް ވަނީ އިބޫ އެ ފައިސާ ހޯއްދަވާނީ ކިހިނެއްހޭ؟ ތިމަން މަނިކުފާނަށް ވެސް އެ ފައިސާ ނުހޯއްދެވުނުއިރު އިބޫ ހޯއްދަވާނެ ގޮތަކީ ކޮބައިހޭ؟ އަދި ވިދާޅުވި ކަމަށް ވަނީ [ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު] އަދީބު އެ ފައިސާ ނުދެއްވާނެ ކަަމަށް. އެ ފައިސާ ހޯދަން 10 މީހުންނާ އެކު އަދީބު ބޭރަށް ފޮނުއްވިއަސް ފިއްލަވާފާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވޭ،" މެމްބަރު ވިދާޅުވި އެވެ.

އިބޫ ހުވާކުރެއްވުމާއި ސަރުކާރު ބަދަލުވުމުގެ މަރުހަލާތަކާ ގުޅޭ ގޮތުން ވެސް ރައީސް ޔާމީނާއި އިބޫ ވާހަކަ ދެއްކެވި އެވެ. އެއާ އެކު، ސިޔާސީ ކަންކަމުގައި ދެމިހުންނަވާނެ ކަން ވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް އިބޫ މެމްބަރުންގެ ގާތުގައި ވިދާޅުވި އެވެ.

"މެމްބަރުންނަށް ޔަގީން ކަން ދެއްވި ސިޔާސީ ހުރިހާ ބޭފުޅުން މިނިވަން ވާނެ ކަމަށް. އެއާ އެކު، ލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީސް ވެސް ފެށިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި،" މެމްބަރަކު ވިދާޅުވި އެވެ.

ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ އިބޫ މިއަދު ބައްދަލުކުރައްވާއިރު، އަރިހުގައި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް.---ފޮޓޯ: އެމްޑީޕީ

ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ އިބޫ މިއަދު ބައްދަލުކުރައްވާއިރު، އަރިހުގައި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް.---ފޮޓޯ: އެމްޑީޕީ

މިއަދުގެ ބައްދަލުވުމުގައި، އިބޫ އަށް މަރުހަބާ ދަންނަވައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން އެދިވަޑައިގަތީ، ވެރިކަމަށް ވަޑައިގަތުމަށް އިބޫ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުގެ މަތީގައި ސާބިތުވެ ހުންނެވުމަށެވެ. ތަރައްގީ ގެންނަވާއިރު، ރައްޔިތުންނަށް އަނިޔާވެރި ނުވެ އިންސާފު ގާއިމްކޮށްދެއްވުމަށް ވެސް މެމްބަރުން އެދިވަޑައިގަތެވެ.

"ރައްޔިތުން އެދޭ ގޮތަށް، ހައްގުތައް ކަށަވަރުކޮށްދީގެން ސަރުކާރު ހިންގަވާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ދެއްވި،" މެމްބަަރަކު ވިދާޅުވި އެވެ.

ިސިޔާސީ ހިމާޔަތް ހޯއްދަވައިގެން ޖަރުމަންގައި ދިރިއުޅުއްވާ ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވީޑިއޯ މެދުވެރިކޮށް، އެ ބައްދަލުވުމުގައި މެމްބަރުންނާ ވާހަކަ ދެއްކެވި އެވެ.