Roadha Mihaaru
ފުވައްމުލަކަށް 1.1 ބިލިއަން ހަރަދުކޮށްފިން: ރައީސް

ފުވައްމުލަކަށް 1.1 ބިލިއަން ޚަރަދު ކޮށްފިން: ރައީސް ޔާމީން

15 ސެޕްޓެމްބަރ 2018

މި ސަރުކާރުން ފުވައްމުލަކުގެ ތަރައްގީ އަށް މިހާތަނަށް 1.1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި އަދިވެސް އެ ސިޓީގެ ތަރައްގީ އަށް ކަންކަން ކުރަން އޮތީ އެމަނިކުފާނުގެ ސަރުކާރު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ސަރުކާރުން ފުވައްމުލަކުގެ ތަރައްގީ އަށް މިހާތަނަށް 1.1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި އަދިވެސް އެ ސިޓީގެ ތަރައްގީ އަށް ކަންކަން ކުރަން އޮތީ އެމަނިކުފާނުގެ ސަރުކާރު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހަމައެކަނި އެއް އަތޮޅުގެ ގޮތުން، އެއް ރަށް އޮންނަ ފުވައްމުލަކުގައި ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރުމަށްޓަކައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިދިޔަ ސަރުކާރުން ފުވައްމުލަކަށް ހޭދަކޮށްފައި ވަނީ އެންމެ 26 މިލިއަން ރުފިޔާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިޓީގެ ދަރަޖަ ދީފައިވާތީ "އާބަން ސިޓީ" އެއްގެ ގޮތުގައި ފުވައްމުލައް ތަރައްގީކޮށް "ލިވަބަލް ސިޓީ" އަކަށް ހެދުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެކެވެ. އެގޮތުން، ފުވައްމުލަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ކުނީގެ މައްސަލަތައް ފަދަ ނާޒުކު އަދި ގޮންޖެހުންތައް ބޮޑު މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ނަމޫނާ ސިޓީއަކަށް ދެން އަންނަ ދައުރެއްގައި އަޅުގަނޑު ފުވައްމުލައް ހަދާނަން،" މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ.

ފުވައްމުލަކު ޖަލްސާގެ ތެރެއިން.

ރައީސް ވިދާޅުވީ، ފުވައްމުލައް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ލިބޭނީ މި ރިޔާސީ އިންތިޚާބުގައި އެ ސިޓީގެ ރައްޔިތުން އިހުލާސްތެރިކަމާ އެކު އެ މަނިކުފާނަށް ވޯޓު ދީގެން ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި، ތަރައްގީ ބޭނުންވާ ކަމަށްވާ ނަމަ އެއީ ރައްޔިތުން އަދާ ކުރަން ޖެހޭ ހައްގެކެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ފުވައްމުލަކަކީ ޕީޕީއެމާއި ސީދާ އެ މަނިކުފާނާ ވަރަށް ގާތް ސިޓީއެކެވެ. އެގޮތުން، އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސާއި މަޖިލީހުގެ ރައީސަކީ ވެސް ފުވައްމުލަކުގެ ބޭފުޅުން ކަމަށް ވިދާޅުވި އެވެ. އަދި ފުވައްމުލަކުން މަޖިލީހުގެ ތިން ގޮނޑި ވެސް ޕީޕީއެމަށް ދިން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ފުވައްމުލަކުން އަޅުގަނޑަށް ލައްކަ ހަދިޔާ ކުރައްވައިފީމު ނޫންތޯ؟ އެ އިން މި ދައްކައި ދެނީ ރައީސާއި ފުވައްމުލަކާ އޮތް ގާތްކަން. އެ ގާތްކަން މިއަދު [މި ސިޓީ] އަށް އައިމަ ރައްޔިތުން ދައްކުވައި ދީފި،" ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަތުމުން އެ ސިޓީން އެތައް ސަތޭކަ ބަޔަކު ނުކުމެ އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.

"...އެހެންވީމާ ކީއްވެގެންތޯ ފުވައްމުލަކުން އެއް ނަމްބަރު ކެންޑިޑޭޓަށް 23 ވަނަ ދުވަހު ވޯޓް ނުދޭންވީ؟ ދޭން ޖެހޭ ނޫންތޯ؟"

ފުވައްމުލަކު ޖަލްސާގެ ތެރެއިން.

ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް ތަރައްގީ އާއި ކުރިއެރުމުގެ ވާހަކަ ދެއްކެވެނީ ހަރުދަނާ ސިޔާސަތުކަކާއި ލިޔެފައިވާ މެނިފެސްޓޯއެއް އޮތުމުން ކަމަށެވެ. އަދި މެނިފެސްޓޯއަކީ އާދައިގެ ކުދިކުދި ކަންކަމަށް ވުރެ ބޮޑެތި ކަންކަން ހާސިލް ކުރަން އަމާޒު ހިފައިގެން އެކުލަވައިލާ އެއްޗެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ، އަންނަ ހޯމަ ދުވަހު ޕީޕީއެމުން ބާއްވާ ބޮޑު ޖަލްސާގައި މެނިފެސްޓޯ ރަސްމީކޮށް އިއުލާން ކުރުމުން އެކަން ރައްޔިތުންނަށް އިތުރަށް ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނާ ވާދަކުރައްވާ، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ މެނިފެސްޓޯއެއް ނެތެވެ.

ފުވައްމުލަކު ޖަކްސާގެ ތެރެއިން.

އެހެންވެ އެއީ އަމާޒެއް، މިސްރާބެއް ނެތް ބައެއް ކަމަށް ވިދާޅުވި އެވެ. އަދި ބަޔަކަށް ތަރައްގީ ގެނެވޭނީ ތަރައްގީ ކުރަން ބޭނުން ވެގެން ކަމަށް ވިދާޅުވެ، ރައީސް ވަނީ އިބޫ ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތަކަށް މިރޭ ވެސް ޖޯކު ޖައްސަވައިފަ އެވެ.

"...އިބޫގެ މެނިފެސްޓޯއެއް ނެތް. އެހެންވީމާ ވެލް ރިސާޗްޑް ތަރޯ މެނިފެސްޓޯއެއް، މަންހަޖެއް ނެރުމަކީ ނެތް ގޮތެއް. ދެން ނެރެންޏާ ނެރެން ޖެހޭނީ ޑައުންލޯޑް ކޮށްގެން ފަރަންޖީން ގެންގުޅޭ ކަހަލަ އެއްޗެއް،" ރައީސް ވިދާޅުވި އެވެ.