Roadha Mihaaru
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު

ދައުރުކުރަނީ ފޭކް އޯޑިއޯތައް, އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ: މުއިއްޒު

29 ސެޕްޓެމްބަރ 2023

ފޭކް އޯޑިއޯތަކާއި ވީޑިއޯތައް ހަދައިގެން ދައުރު ކުރަނީ ދެކޮޅަށް ދައްކާނެ އެހެން އެއްޗެއް ނެތުމުން ކަމަށާއި އެއަށް ރައްދު ނުދެއްވަނީ އެއީ ހަގީގަތެއް ނޫންކަން ސާފުވާތީ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފޭކް އޯޑިއޯތަކާއި ވީޑިއޯތައް ހަދައިގެން ދައުރު ކުރަނީ ދެކޮޅަށް ދައްކާނެ އެހެން އެއްޗެއް ނެތުމުން ކަމަށާއި އެއަށް ރައްދު ނުދެއްވަނީ އެއީ ހަގީގަތެއް ނޫންކަން ސާފުވާތީ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެއިން ދިން ގޯތިތައް ކ. ފުށިދިއްގަރު ފަޅަށް ބަދަލުކުރާނެ ކަމަށާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރާނެ ކަމަށް މުއިއްޒުގެ އަޑު ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯތަކެއް ދާދިފަހުން ވަނީ ލީކްވެފަ އެވެ. މުއިއްޒު ވިދާޅުވާ ގޮތުގައި އެއީ އެ އޯޑިއޯތަކަކީ ފޭކެކެވެ.

"މި ހަދާ ގޮތަކީ އެކި ކަހަލަ އޯޑިއޯ ހެދޭ ގޮތް މިހާރު ހުރޭ. އެހެން ހަދާފައިވާ އެއްޗެއް. އަޑު ބޭނުންކޮށްގެން އެކި ގޮތްގޮތަށް މެނުޕްލޭޓް ކުރެވޭ ގޮތަށް މިހާރު ހުރޭ އޯޑިއޯ ހަދާފައި. އެންޓި ކެމްޕެއިން މިއޮތީ އިންތިހާ އަށް މައްޗަށް ގޮސްފައި،" "ރައްޔިތުންގެ ގާތަށް މުއިއްޒު"ގެ ނަމުގައި މިރޭ ބޭއްވި އިވެންޓްގައި އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ތެދު ބަހުން ނޫނީ ވާހަކަ ނުދައްކަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މާޒީން ވެސް ފެންނަން އޮންނާނީ އެކަން ކަމަށާއި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ވިދާޅުވި އެވެ.

މި ފަސް އަހަރު ތެރޭ ފުރިހަމަ ބާރާއި ނުފޫޒު ސަރުކާރަށް އޮތްއިރު ވެސް އޭނާއާ ދެކޮޅަށް ދައްކާނެ ކަމެއް ނުފެނުނު ކަމަށާއި އެފަދަ ކަމެއް އޮތްނަމަ ސަރުކާރުން މަޑު ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ކުރާ ތުހުމަތަކަށް އަޅުގަނޑު ހާހެއްނުވޭ. އެހެން މީހުން ވެއްޓޭ ދަށު ދަރަޖައަށް އަޅުގަނޑު ވެއްޓެން ޖެހޭނެ ކަމަކަށް ނުދެކެން. އަޅުގަނޑާއި ދެކޮޅަށް ދެއްކޭނެ އޯޑިއޯ އެއް ވީޑިއޯ އެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް އިރަކު އެއްވެސް ކަމެއް ކުރި މީހެއް ނޫން. ނުވެސް ކުރާނަން. އަޅުގަނޑު އިންސާފުގެ މަގުން ނޫނީ ކަމެއް ނުކުރާނަން."

މިރޭ ބޭއްވި އިވެންޓްގައި އާންމުންގެ ސުވާލުތަކަށް މުއިއްޒު ޖަވާބު ދެއްވަނީ: އޭނާއާ ދެކޮޅަށް ދެއްކޭނެ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވި

މިރޭ ބޭއްވި އިވެންޓްގައި އާންމުންގެ ސުވާލުތަކަށް މުއިއްޒު ޖަވާބު ދެއްވަނީ: އޭނާއާ ދެކޮޅަށް ދެއްކޭނެ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވި

މުއިއްޒު ވަނީ އޭނާއާ ދެކޮޅަށް ހިންގާ އެންޓި ކެމްޕެއިންގެ ތެރެއިން ކުރީގެ ރައީސް ޔާމީންއާ ގުޅުވާ ދޮގު ވާހަކަތައް ވެސް އިންތިހާއަށް ފަތުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އޭނާ އަބަދުވެސް ޔާމީނަށް ވަފާތެރިވާނެ ކަމަށާއި އެކަން ސާބިތުކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޔާމީނަށް އަޅުގަނޑުގެ ލޯޔަލްޓީ މާޒީގައި ފެންނަން އޮންނާނެ. މި މަސައްކަތުގައި އަޅުގަނޑު ކުރިއަށް ދާނީ ރައީސް ޔާމީންގެ އަރިހުން ދަސްވެފައިވާ ގޮތަށް ބާރު ދުވެލީގައި ގައުމުގެ ކަންކަން ކުރެވޭ ގޮތަށް. ވެރިކަމާއި ހަވާލުވާ އެންމެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ފަށާނަން." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެތައް ގޮތަކަށް މި ސަރުކާރުގައި އެދިފައިވާނެ ކަމަށާއި ވެރިކަން ހަވާލުކޮށްފިނަމަ ފުރަތަމަ ދުވަހު ޔަގީނުން ވެސް ޔާމީން ގެއަށް ބަދަލުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑު ހުވާކުރާ ދުވަހަކީ ޖުޑީޝަރީއަށް ސަރުކާރުގެ ނުފޫޒު ފޯރުވުން ނިމުމަކަށް އަންނާނެ ދުވަސް. ރައީސް ޔާމީން ޖަލުގައި އެ ހުންނަވަނީ ނުހައްގު ހުކުމެއްގައި ސަރުކާރުން ނުފޫޒު ފޯރުވުމުގެ ސަބަބުން. އެ ނުފޫޒު ފޯރުވުން ނިމުމަކަށް އައުމުން ރައީސް ޔާމީން މިނިވަންވާނެ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ ރައްޔިތުންގެ ގާތަށް އަންނަނީ ވަރަށް އިހްލާސްތެރި ތެދުވެރި ނިޔަތެއްގައި ކަމަށާއި ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ކަމަށެވެ. އަދި އަދުލުވެރި ވެރިކަމެއް ގާއިމްކޮށް، އިންސާފުވެރި ކަމާއި ހަމަހަމަކަމާ އެކު ކޮންމެ ރައްޔިތަކަށް ވެސް ހިދުމަތްކުރުމަށް ކަމަށް ވިދާޅުވި އެވެ.