Roadha Mihaaru
ކެމްޕެއިންގެ ފަހު މަންޒިލަކަށް ފުވައްމުލައް، ރައީސަށް ތަފާތު އިހްސާސްތަކެއް

ރައީސް ޔާމީންގެ ކެމްޕެއިންގެ ފަހު މަންޒިލަކަށް ފުވައްމުލައް، އުފާވެރިކަމާއި ހިތްދަތި އިހްސާސްތަކެއް

15 ސެޕްޓެމްބަރ 2018

އަންނަ ހަފުތާގެ އާދީއްތަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށް، ޕީޕީއެމްގެ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތައް ފުވައްމުލަކުން ރޭ ނިންމަވާލައްވައިފި އެވެ.

އަންނަ ހަފުތާގެ އާދީއްތަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށް، ޕީޕީއެމްގެ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތައް ފުވައްމުލަކުން ރޭ ނިންމަވާލައްވައިފި އެވެ.

ރައީސް ޔާމީންގެ ރިޔާސީ ފުރަތަމަ ދައުރުގެ ކެމްޕެއިން ފެއްޓެވީ ވެސް އޭރުގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އުފަން ރަށް ފުވައްމުލަކުންނެވެ. އަދި ރިޔާސީ ދެވަނަ ދައުރުގެ ކެމްޕެއިނާ ދިމާކޮށް، ރައީސް ޔާމީން މި ފަހަރު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކަށް ވެސް ހެއްދެވީ، މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމްގެ ވެސް އުފަން ރަށް ފުވައްމުލަކެވެ.

އެ ސިޓީގައި ރޭ ބޭއްވި ފޯރިގަދަ އަދި ވަރަށް ގިނަ ބަޔަކު ދިޔަ ޖަލްސާގައި ރައީސް ޔާމީން ވެސް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުގެ ރިޔާސީ އިންތިޚާބުގެ މަސައްކަތް ފެށީ ފުވައްމުލަކުން. އަޅުގަނޑުގެ މި ދައުރުގެ މަސައްކަތާއި އާ މަސައްކަތަށް [ރިޔާސީ ދެވަނަ ދައުރުގެ ކެމްޕެއިން] ރަށްރަށަށް ކުރާ ދަތުރު މިހާރު މި އޮތް ވަރުން ވެއްޖިއްޔާ އަޅުގަނޑު މި ނިންމަނީ މި ރަށުގައި. އެހެންވީމާ، ޝައްކެއް ވެސް ފުވައްމުލަކަކީ އަޅުގަނޑަށް ޚާއްސަ ރަށެއް. އަޅުގަނޑުގެ ލޯބި ތިޔަބޭފުޅުންނާ އެކީ ހިމެނޭ ރަށެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ތިން ގޮނޑި އާއި މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް [ޑރ. ޖަމީލް] އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް [އަބްދުﷲ މަސީހް] ފުވައްމުލަކުން "އަޅުގަނޑަށް ދެއްވި" ކަމަށެވެ.

ރައީސް ޔާމީން، ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާއަށް ދިޔަ ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސްފު

ރައީސް ޔާމީން، ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާއަށް ދިޔަ ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސްފު

"އެހެންވީމާ ފުވައްމުލަކުން އަޅުގަނޑަށް ލައްކަ ހަދިޔާ ކުރައްވައިފީމު ނޫންތޯ؟ އެއިން މި ދައްކައި ދެނީ ރައީސާއި ފުވައްމުލަކާ ދޭތެރޭގައި އޮތް ގާތްކަން. އެ ގާތްކަން އަޅުގަނޑަށް ފެނިގެން އައީ މިއަދު [ފުވައްމުލަކުން] އެއާޕޯޓުގައި އަޅުގަނޑުގެ އިސްތިގްބާލުގައި ތިޔަ ހުރިހާ ބޭފުޅުން ތިއްބެވި ތިއްބެވުން. އަޅުގަނޑަށް ދަލީލުވެ ފުދޭ ތިޔަބޭފުޅުންގެ އޮތް ލޯބި އަޅުގަނޑާ ދޭތެރޭގައި. އަޅުގަނޑަށް ވިދާޅުވި ހޫނު މަރުހަބާ އާއި ހޫނު އިސްތިގްބާލަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފުވައްމުލަކުން ކިތަންމެ ބޮޑު އުފަލެއް ލިބިވަޑައިގަތަސް ހިތްދަތިކަން ވެސް އެބައޮތެވެ. ރައީސް ވިދާޅުވީ، ޑރ. ޖަމީލާއި ޕީޕީއެމްގެ މަޖިލީހުގެ ދެ މެމްބަރުން [އަލީ ޝާހާއި އަލީ ފަޒާދު] ވަކި ހިސާބަކުން "އޮޑިން ފުންމާލެއްވީ" ކަމަށެވެ.

"މި ފުންމައިލި މީހުންނާ އެކީ އަޅުގަނޑުމެންގެ ތެރެއިން 13، 14 މެމްބަރުން ގެއްލިގެން ދިޔައީ. ރައްޔިތުން ކައިރީ ކޯޗެއް ވިއްކައިގެން ތޯ އައީ؟ ރައްޔިތުން ކައިރީގައި ވިއްކީ ރައީސް ޔާމީންގެ 2013 ވަނަ އަހަރުގެ ތަސައްވުރު. ރައްޔިތުން ކައިރީގައި ވިއްކީ ރަށްރަށަށް ކޮށްދޭން ހުރި ކަންތައްތައްތައް. ރައްޔިތުން ކައިރީ އަޅުގަނޑުމެން ދެއްކީ ދުވަހަކު ވެސް އިސްލާމްދީނަށް ކުޑައީމީސް ވާ ކަމެއް މި ސަރުކާރުގައި، ރައީސް ޔާމީންގެ ސަރުކާރުގައި ދުވަހަކު ވެސް ނުހިނގާނެއޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމަށް އައިސްފައި އޮތް "އަނަރޫފަކަން" ފުވައްމުލަކުން އެކަނިވެސް އިހްސާސް ކުރައްވަން މަޖޫބުރު ކަމަށެވެ. އެހެންވެ، އާދަޔާ ޚިލާފު ހިތްވަރެއްގައި ފުވައްމުލަކުން މި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް މަސައްކަތް ކޮށްދިނުމަށް ހާލަތު ނިޔާކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ، ފުވައްމުލަކުގެ ތަރައްގީ އަށް އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް 1.1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި އަދިވެސް އެ ސިޓީގެ ތަރައްގީ އަށް ކަންކަން ކުރަން އޮތީ ކަމަށެވެ. އެކަމަކު މިދިޔަ ސަރުކާރުން ފުވައްމުލަކަށް ހޭދަކޮށްފައި ވަނީ އެންމެ 26 މިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ފުވައްމުލަކުން ތާއީދުކުރާ ޒުވާނުންތަކަކާ އެކު އެމަނިކުފާނު ރޭ ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނަށް ފުވައްމުލަކުން ތާއީދުކުރާ ޒުވާނުންތަކަކާ އެކު އެމަނިކުފާނު ރޭ ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ފުވައްމުކަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ހިންގި ތަރައްގީގެ މަޝްރޫއުތައް ނިންމުމުގެ ހަފުލާގެ އިތުރުން، ޕީޕީއެމާ އަލަށް ގުޅުނު ޒުވާނުންނާއި ކެމްޕެއިންގެ ކޯ ގުރޫޕަކާ ވަކިން ބައްދަލުކުރެއްވި އެވެ. ރައީސް ރޭ ވަނީ ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް ފައްޓަވައި ދެއްވައި، އެ ސިޓީގައި ގާއިމް ކޮށްފައިވާ ހައުސިންް ޔުނިޓް ތަކާއި ނޭޗާ ޕާކް ހުޅުއްވައި ދެއްވައިފަ އެވެ. އަދި ފުވައްމުލަކު ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވި އެވެ.

ރައީސް ޔާމީންގެ ކެމްޕެއިންގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް ފުވައްމުލަކާ ހިސާބުން ނިންމައިލެއްވި ނަމަވެސް، މާލެ ސަރަހައްދުގައި ކެމްޕެއިން ކުރިއަށް ގެންދަވާނެ ކަމަށް ބެލެވެ. އަދި އަންނަ ހޯމަ ދުވަހު މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމުން އަންނަނީ ތައްޔާރުވަމުންނެވެ.

ރައީސް ޔާމީނަށް ފުވައްމުލަކުން ތާއީދުކުރާ ބަޔަކާ ރޭ ވަކިން ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނަށް ފުވައްމުލަކުން ތާއީދުކުރާ ބަޔަކާ ރޭ ވަކިން ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމާއި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ރައީސް ޔާމީން ގިނަ ރަށްރަށުގައި ކުރިއަށް ގެންދެވީ އެއްކޮށް ކަހަލަ ގޮތަކަށެވެ. ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ފަހު، ޕީޕީއެމްގެ މެމްބަރުންނާއި އިންތިޚާބުގެ ކޯ ގުރޫޕްތަކާ ވަކިވަކިން ބައްދަލުކުރައްވައި އެމަނިކުފާނު މަޝްވަރާ ކުރައްވަ އެވެ. އަދި ބައެއް ރަށްރަށުގައި އާންމުކޮށް ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ބަދަލުގައި ކޯ ގުރޫޕްތަކާ އެކަނި ބައްދަލުކުރައްވައި ކެމްޕެއިނާ ގުޅޭ މައުލޫމާތު އޮޅުން ފިލުއްވަ އެވެ.