Roadha Mihaaru
ފުވައްމުލަކުގެ ބަދަލު، ވޯޓުން ދައްކަން ތައްޔާރަށް!

ފުވައްމުލަކުގެ ބަދަލު، ވޯޓުން ދައްކަން ތައްޔާރަށް!

19 ސެޕްޓެމްބަރ 2018

ރިޔާސީ އިންތިޚާބުތަކުގައި، ތާއީދު އޮންނަ ކެންޑިޑޭޓަކަށް މި ރަށުން ނަތީޖާ ނެރެދެ އެވެ. ރައީސް އަބްދުﷲ ޔާމީން، 2013 ގައި ވެރިކަމަށް ވަޑައިގަތުމަށް އަދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ގޮތުން ލިބިވަޑައިގަތް ބާރުވެރިކަމުގައި ވެސް މި ރަށުގެ ހިއްސާ ބޮޑެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބުތަކުގައި، ތާއީދު އޮންނަ ކެންޑިޑޭޓަކަށް މި ރަށުން ނަތީޖާ ނެރެދެ އެވެ. ރައީސް އަބްދުﷲ ޔާމީން، 2013 ގައި ވެރިކަމަށް ވަޑައިގަތުމަށް އަދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ގޮތުން ލިބިވަޑައިގަތް ބާރުވެރިކަމުގައި ވެސް މި ރަށުގެ ހިއްސާ ބޮޑެވެ.

އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް، ތިން ގޮނޑި ރައްޔިތުން "ހަދިޔާކުރި" އެވެ. ރައީސް ޔާމީނަށް، މި ރަށް އެހާ ޚާއްސަވަނީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ.

ރާއްޖޭގެ ތިން ވަނަ އަށް އެންމެ އާބާދީ ބޮޑު، ގާތްގަނޑަކަށް 14،000 މީހުން ހިމެނޭ މި ރަށުން، މި އިންތިޚާބުގައި ވެސް ބޮޑު އަޣުލަބިއްޔަތަކަށް ރައީސް ޔާމީން އުއްމީދުކުރައްވަ އެވެ. ރަށްތަކަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު މި ރަށުން ނިންމާލެއްވީ އެ ޔަގީންކަމާ އެކުގަ އެވެ. އެ ޖަލްސާގައި މި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވެސް އެވެ.

އެކަމަކު، މި ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުން މިކަން ގަބޫލެއް ނުކުރެ އެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފަޒާދު އިދިކޮޅާ ގުޅިވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން އޭނާ އަށް މަރުހަބާ ދަންނަވަނީ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފަޒާދު އިދިކޮޅާ ގުޅިވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން އޭނާ އަށް މަރުހަބާ ދަންނަވަނީ.

އެ މީހުން ބުނަނީ ސިޔާސީ ގޮތުން އައި ބޮޑެތި ބަދަލުތަކާ އެކު ރައްޔިތުންގެ "ތާއީދުގެ ތިލަފަތް ބަރުވެފައި" ވަނީ އިދިކޮޅު ޕާޓީތަކަށް ކަމަށެވެ. މި ރަށުން ވޯޓުލުމުގެ ހައްގު ލިބިގެންވާ ގާތްގަނޑަކަށް 8،900 މީހުން އެބަތިއްބެވެ. އޭގެތެރެއިން 70 ޕަސެންޓް އިދިކޮޅު ޕާޓީތަކަށް ލިބޭނެ ކަމަށް އެ މީހުން ތިބީ ހިސާބު ވެސް ޖަހައިގެންނެވެ.

މި ރަށަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ޖަމީލް، ނައިބު ރައީސް ކަމުން ދުރުކުރި ގޮތާ މެދު ހިތްހަމަނުޖެހޭ ބަޔަކު އެބަތިއްބެވެ. އެމަނިކުފާނު މިހާރު ހުންނެވީ ރައީސް ޔާމީނާ ދެކޮޅަށެވެ.

ވެރިކަން ކުރާ ޕީޕީއެމަށް މި ރަށުން އިންތިޚާބުކޮށްދިން ތިން މެމްބަރުންގެ ތެރެއިން ރައީސް ޔާމީނާ އެކެ މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެކަންޏެވެ. މި ރަށު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވެސް މިހާރު އިދިކޮޅެވެ. ޕީޕީއެމާ ފެއަށް ޖެހި، އިދިކޮޅާ ގުޅިވަޑައިގަތުމާ އެކު ދެ ބޭފުޅުންގެ ވެސް ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އިދިކޮޅު ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ވޯޓުގެ ނަތީޖާ އިދިކޮޅަށް ބުރަވުމުގައި މި ކަންކަން ވެސް ހިމެނެ އެވެ.

"ދަޑިމަގު ފިޔަވައި، މި ރަށުގެ ހުރިހާ އަވަށަކުން ވެސް މެޖޯރިޓީ ނަގާނީ އިިދިކޮޅު. އެ އަވަށުގައި ޕީޕީއެމް ކުރީގައި އުޅެނީ ގާތްގަނޑަކަށް 50 ވޯޓުގެ ތަފާތުން،" އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މުހައްމަދު އަލީ ބުންޏެވެ.

މެމްބަރު އަލީ ޝާހް ރައީސް ޔާމީނާއި ޕީޕީއެމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މެމްބަރު އަލީ ޝާހް ރައީސް ޔާމީނާއި ޕީޕީއެމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދެން އޮތީ، ރައީސް ޔާމީން ފުއްދަވައި ނުދެއްވި ކަމަށް ބުނާ ވައުދުތަކުގެ މައްސަލަ އެވެ. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވައި ދެއްވި ރައީސް ޔާމީން، މި ރަށަށް 1 ބިލިއަން ހޭދަކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ މަޝްރޫއުތަކުގެ ތަފްސީލްތައް ވެސް ދެއްވެވި އެވެ.

"ކޮބައިތޯ ރައީސް ޔާމީން އެ ވިދާޅުވި އެއް ބިލިއަންގެ މަޝްރޫއު. މި ރަށަކުން ފެންނާކަށް ނެތް. ތި ބޭފުޅުން ތި ތިއްބެވީ މި ރަށުގައި ސްޕޯޓްސް ތިން އެރީނާ ގާއިމްކޮށްދެއްވަން ވައުދުވެވަޑައިގަތް އިރު، އެއް އެރީނާ [ފުވައްމުލަކު މެދު ދާއިރާގެ އެރީނާ] ހަދަން ކަނޑައެޅި ތަނެއްގައި. އަމިއްލަ އަށް ބައްލަވާ، ކޮބައިތޯ މިތަނަށް އައި ތަރައްގީ،" ނޫސްވެރިންނަށް އިޝާރާތް ކުރައްވައި، މި ސިޓީގެ ޑެޕިއުޓީ މޭޔަރު (އެމްޑީޕީ) މުހައްމަދު ލިރާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން މި ރަށުން ފުރާވަޑައިގަތީ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހުކޮށްދެއްވުމަށް ފަހު އެވެ. އެކަމަކު އެ ޚިދުމަތް ލިބޭ ރައްޔިތަކު މި ރަށަކު ނެތް ކަމަށް ވިދާޅުވި އެވެ.

ލިރާރު ގަބޫލުކުރައްވާ ގޮތުގައި، ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް މި ދޭތެރެއަކުން، މިރަށަށް ފޮނުއްވައި މަސައްކަތްތަކެއް ކުރެއްވީ ވެސް މެޖޯރިޓީ ނުލިބޭނެ ކަން ޔަގީންވާތީ އެވެ.

"މި ރަށުގެ އުއްމީދު މިހާރު ގުޅިފައި ވަނީ، [އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް] އިބޫ އާއި [ރަނިން މޭޓު] ފައިސަލްއާ. މިއަދު ވެސް ރައްޔިތުން ދައްކާނީ އެ މަންޒަރު،" އެ ދެ ބޭފުޅުން މިއަދު މި ރަށަށް ކުރައްވާ ދަތުރަށް އިޝާރާތް ކުރައްވައި ލިރާރު ވިދާޅުވި އެވެ.

އެ މީހުންގެ އުއްމީދަކީ، ނައިބު ރައީސްގެ ޝަރަފް ފުވައްމުލަކަށް ލިބުމެވެ. އެހެންވެ މި ރަށަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް ހޮވުމުގެ އަޒުމް ވަރުގަދަ އެވެ.

އެއާއެކު، މި އިންތިޚާބުގައި ރައީސް ޔާމީނަށް، ސާފު ޖަވާބެއް ދޭނެ ކަމަށް ވެސް އިދިކޮޅު ސަޕޯޓަރުން ބުނެ އެވެ.