Roadha Mihaaru
ފައިސަލްގެ ޗެލެންޖް ޕީޕީއެމަށް!

ފުވައްމުލަކުގެ ރެކޯޑެއް، ފައިސަލްގެ ޗެލެންޖް ޕީޕީއެމްގެ އިސް ބޭފުޅުންނަށް!

20 ސެޕްޓެމްބަރ 2018

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާ އަށް މަރުހަބާ ކިޔަން ފުވައްމުލަކުން ނުކުތް މީހުންގެ އަދަދަކީ މި ރަށުގެ "ރެކޯޑެއް" ކަމަށް ރަނިން މޭޓު، ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފުވައްމުލަކުން ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާ އަށް މަރުހަބާ ކިޔަން ފުވައްމުލަކުން ނުކުތް މީހުންގެ އަދަދަކީ މި ރަށުގެ "ރެކޯޑެއް" ކަމަށް ރަނިން މޭޓު، ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ބޮޑު ޖަލްސާ އަށް އިބޫ އާއި ފައިސަލް ވަޑައިގެންނެވިއިރު މަރުހަބާ ކިޔަން ގިނަ އަދަދެއްގެ މީހުން ޖަމާވެ ތިއްބެވެ. އެ ސަފު، އެއާޕޯޓާ ހަމައިން ފެށިގެން މަގުގެ ވަރަށް ދުރަށް އޮތެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ފައިސަލް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.

"މިއީ، ފުވައްމުލަކުގެ ތާރީޚުގައި އެންމެ ގިނަ އަދަދެއްގެ ރައްޔިތުން އެއް ތަނަކަށް ޖަމާވި ދުވަސް. ޝުކުރިއްޔާ، އަޅުގަނޑުގެ ލޮބުވެތި ރައްޔިތުން،" މަރުހަބާ ކިޔުމަށާއި ޖަލްސާ އަށް ދިޔަ މީހުންގެ އަދަދަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލް އަށް މަރުހަބާ ކިޔަން ނުކުތް ސަޕޯޓަރުންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

އިބޫ އާއި ފައިސަލް އަށް މަރުހަބާ ކިޔަން ނުކުތް ސަޕޯޓަރުންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

"އަޅުގަނޑު ޗެލެންޖްކޮށްފައި މި ދަންނަވަނީ، ލާހިކެއް ނޫނޭ. މި ފުވައްމުލަކުން [ރައީސް ޔާމީނަށް] ކުރި ހޯދާކަށް. ކުޅަދާނަކަމެއް ނޫން، ނިކަން އައިސްބަލާށޭ ޗެލެންޖްކުރަން ކެރެންޏާ،"

ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ފްލައިޓްތަކެއް، ފުވައްމުލަކު އެއާޕޯޓުގައި ޖައްސުމުގެ ހުއްދަ ދޭނަން. --ފައިސަލް

އޭނާ އެދިވަޑައިގަތީ ވޯޓާ ދިމާކޮށް، ފުވައްމުލަކަށް ޕީޕީއެމްގެ އިސް ބޭފުޅުން ވަޑައިގެން މި ރަށުގެ ރައްޔިތުން ބައިބައިކޮށް ސިކުނޑި ދޮވެލުމުގެ ވާހަކަތައް ނުދެއްކުމަށެވެ. އެ ނިޔަތުގައި ތިބި މީހުންނަށް ހިތްދަތިކަން ލިބޭނީ، މި ރަށުން ރޭ ފެނުނު މަންޒަރަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.

ފައިސަލް މިހެން ވިދާޅުވިއިރު، ރައީސް އަބްދުﷲ ޔާމީން ވަރަށް ފަހުން މި ރަށަށް ވަޑައިގަތެވެ. އެ ފަހަރު ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރައްވަން ވަޑައިގަތުމުން ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު ދައްކާލަން ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވައި އިދިކޮޅު ޕާޓީތަކަށް ފާޑުކިއުންތައް ވެސް އަމާޒުކުރި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ސިއްހީ ހިދުމަތް ގޯސްވެ، ޒުވާނުންގެ މެދުގައި ފިތުނައުފައްދަން ގިނަ މަސައްކަތްކޮށް، ވައްކަމާއި ޚިޔާނާތަކީ މާ މޮޅު ކަންތައްތަކެއް ކަމަށް ދައްކަން ވެސް މަސައްކަތް ކޮށްފި އެވެ. އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ނުކުންނަވަނީ ޚިޔާނާތް ވެސް ހުއްޓުވައި އިންސާފުގެ މަގަށް ގައުމު ގެންދަން ކަމަށް ފައިސަލް ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލް އަށް މަރުހަބާ ދަންނަވަން ނުކުތް މީހުން،

އިބޫ އާއި ފައިސަލް އަށް މަރުހަބާ ދަންނަވަން ނުކުތް މީހުން،

އިދިކޮޅުގެ ވެރިކަމެއްގައި ފުވައްމުލަކަށް ކޮށްދެއްވާނެ ކަންކަމާ އެކު ގިނަ ވައުދުތަކެއް ހުށަހަޅުއްވައި އިބޫ ރޭ ވަނީ ރައްޔިތުންގެ އުއްމީދު އާކޮށް ދެއްވައިފަ އެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ފުވައްމުލަކަށް ކުރާ ދަތުރުތަކުގެ ހޭދަ ކުޑަކޮށް، ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ފްލައިޓްތަކެއް ޖައްސުމުގެ ހުއްދަ އިދިކޮޅުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލް އަށް ތާއީދުކޮށް އެ ޖަލްސާގައި ސިވިލް ސާވިސްގެ ގާތްގަނޑަކަށް 150 މީހަކު ބައިވެރިވި އެވެ. އޭގެތެރޭގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި އެ ނޫން ވެސް ދާއިރާތަކުގެ ޚިދުމަތްތެރިން ހިމެނެ އެވެ. އެއީ، ނަމޫނާ އަކަށް ބަލައިގެން، ބިރަށް ނޫނެކޭ ބުނަން ދަސްކުރަން ވެސް ފައިސަލް ގޮވާލެއްވި އެވެ.