Roadha Mihaaru
ޔުވެންޓަސް އިން ރޮނާލްޑޯ އަށް ހިމާޔަތްދޭނެ: އަލެގްރީ

ޔުވެންޓަސް އިން ރޮނާލްޑޯ އަށް ހިމާޔަތްދޭނެ: އަލެގްރީ

21 ސެޕްޓެމްބަރ 2018

ވެލެންސިއާ (ސެޕްޓެމްބަރު 21) - ޗެމްޕިއަންސް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކުމަކީ އެ މެޗުގެ ރެފްރީ ނިންމި އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި ރޮނާލްޑޯގެ ހިމާޔަތުގައި ޔުވެންޓަސް އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވެލެންސިއާ (ސެޕްޓެމްބަރު 21) - ޗެމްޕިއަންސް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކުމަކީ އެ މެޗުގެ ރެފްރީ ނިންމި އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި ރޮނާލްޑޯގެ ހިމާޔަތުގައި ޔުވެންޓަސް އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.

ބުދަ ދުވަހުގެރޭގެ މެޗުގެ 29 ވަނަ މިނިޓްގައި ރޮނާލްޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކީ ބޯޅަ ނެތީސް ވެލެންސިއާގެ ޑިފެންޑަރު ޖެއިސަން މުރީއޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އޭރިއާ ތެރެއިން މުރީއޯ އާއި ރޮނާލްޑޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މުރީއޯ ވެއްޓުނު ވަގުތު އޭނާ ބޮލުގައި ރޮނާލްޑޯ އަތްލަ އެވެ. ރޮނާލްޑޯ އަށް ރަތް ކާޑު ދައްކަން މެޗުގެ ރެފްރީ ނިންމީ ގޯލުގެ ރޮނގު ކައިރީގައި ހުންނަ އޮފިޝަލުގެ ލަފާ ހޯދުމަށް ފަހު އެވެ. ރަތް ކާޑު ދެއްުކުމުން ރޮނާލްޑޯ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށްކުޅެ ވެސް ޔުވެންޓަސް ވަނީ 2-0 އިން އެ މެޗު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު މެޗަށް ފަހު އަލެގްރީ ބުނީ ރޮނާލްޑޯ ފަދަ ކުޅުންތެރިއަކަށް ރެފްރީން ވެސް ހިމާޔަތްދޭން ޖެހޭނެ ކަމަށެވެ.

"މި މެޗުން އަހަރެމެން މޮޅުވެއްޖެ. އެކަމަކު އަހަރެމެންގެ ކުޅުންތެރިއަކާ މެދު ވަރަށް ބޭއިންސާފުން ކަންތައްތައްކޮށްފި. އެކަން ބަލައެއް ނުގަނެވޭނެ. އަހަރެންގެ ނަޒަރުގައި ރެފްރީން ވެސް ވިސްނަން ޖެހޭނެ ކަމެއް އެއީ ނިންމުން ނިންމާއިރު ހުރިހާ ގޮތަކަށް ބެލުމަކީ. މިއީ ޗެމްޕިއަންސް ލީގަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންވާނެ ކަމުގެ ހެއްކެއް،" ހިތްހަމަ ނުޖެހިފައި ހުރެ އަލެގްރީ ބުންޏެވެ.

މި ރަތް ކާޑާ އެކު ރޮނާލްޑޯ އަށް ރަސްމީކޮށް އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ. އެއާ އެކު ދެން ޔުވެންޓަސް މި މުބާރާތުގައި ސްވިޒަލެންޑުގެ ޔަންގްބޯއީސްއާ ކުޅޭ މެޗު ރޮނާލްޑޯ އަށް ގެއްލޭނެ އެވެ. އެކަމަކު ޔުއެފާގެ ޑިސިޕްލިނަރީ ޕެނަލުން އެ މައްސަލަ ބެލުމަށް ފަހު ތިން މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. އެހެންވެއްޖެނަމަ ރޮނާލްޑޯގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް އޭނާ އަށް ގެއްލޭނެ އެވެ.

"ރޮނާލްޑޯގެ ސަސްޕެންޝަން ބޮޑުވެއްޖެނަމަ ޔުވެންޓަސް އިން އެޕީލްކުރާނެ،" އަލެގްރީ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އާއި ވެލެންސިއާ ކުޅުނު މެޗުގެ ރެފްރީކަން ކުރި ޖަރުމަނުގެ ރެފްރީ ފެލިކްސް ބްރީޗް ވަނީ އޭނާގެ މެޗު ރިޕޯޓުގައި ރޮނާލްޑޯގެ ސަސްޕެންޝަން އިތުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހިމަނައިފަ އެވެ.