Roadha Mihaaru
ރޮނާލްޑޯ އައުމުން ޓީމުގެ ވާދަވެރިކަން ގެއްލުނު: ބުފޮން

ރޮނާލްޑޯ އައުމުން ޔުވެންޓަސްގެ ވާދަވެރިކަން ގެއްލުނު: ބުފޮން

25 ޑިސެމްބަރ 2021

ޓިއުރިން (ޑިސެމްބަރު 25) - ކްރިސްޓިއާނޯ ރޮނާލްޑޯ 2018 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ފަހުން އެ ޓީމު، ޓީމެއްގެ ގޮތުގައި ނުކުޅެވުނު ކަމަށާއި ޓީމުގެ ވާދަވެރިކަން ގެއްލުނު ކަމަށް ޔުވެންޓަސްގެ ލެޖެންޑް ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (ޑިސެމްބަރު 25) - ކްރިސްޓިއާނޯ ރޮނާލްޑޯ 2018 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ފަހުން އެ ޓީމު، ޓީމެއްގެ ގޮތުގައި ނުކުޅެވުނު ކަމަށާއި ޓީމުގެ ވާދަވެރިކަން ގެއްލުނު ކަމަށް ޔުވެންޓަސްގެ ލެޖެންޑް ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ނުވަ ސީޒަން ހޭދަ ކުރުމަށް ފަހު ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ކުޅުނު 135 މެޗުގައި 101 ލަނޑު ޖަހައި، ދެ ފަހަރު ސެރީ އާ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ޔުވެންޓަސް ވިދިވިދިގެން ނުވަ ފަހަރު ލީގު ކާމިޔާބުކޮށްފައި ވަނިކޮށް ރޮނާލްޑޯއާ އެކު މިދިޔަ ސީޒަން އެ ޓީމަށް ނިންމާލަން ޖެހުނީ ލީގުގެ ހަތަރު ވަނައިގަ އެވެ.

"ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ލިބުނު. އޭނާ އައި ފުރަތަމަ އަހަރު (2018/2019 ސީޒަން)، އެއީ އަހަރެން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ހުރި އަހަރު. އަހަރެންނަކަށް ނޭނގުނު ފަހުން ވީ ގޮތެއް،" ޕާމާ އަށް މިހާރު ކުޅެމުން އަންނަ ބުފޮން، 43، ސްޕެނިޝް ބަހުން ގެނެސްދޭ އެމެރިކާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"އަހަރެން (ޔުވެންޓަސް އަށް) އެނބުރި އައިސް ދެ އަހަރު ވަންދެން ރޮނާލްޑޯއާ އެކު މަސައްކަތް ކުރިން. އަހަރެމެން ދެމީހުން އެކުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު. ނަމަވެސް އަހަރެން ދެކޭ ގޮތުގައި ފަހުން ޓީމެއްގެ ގޮތުގައި އޮތް އޮތުން، ޓީމުގެ "ޑީއެންއޭ" ވީ ގެއްލިފައި."

"2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އަހަރެމެން ދަތުރުކުރީ ތަޖުރިބާ ގިނަ ކުޅުންތެރިންތަކަކާ އެކު، އެކަމަކު އެހުރިހާ ކަމަކަށްވުރެ ބޮޑަށް އަހަރެމެންނަކީ އެއް ބައެއް. ގްރޫޕްގެ ތެރޭގައި ވަރަށް ވަރުގަދަ ވާދަވެރިކަމެއް އޮތް (ފުރަތަމަ 11 އިން ޖާގަ ހޯދަން). އަހަރެމެންނަށް އެކަން ގެއްލުނީ ރޮނާލްޑޯއާ އެކު."

ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ ރެއާލް މެޑްރިޑާ އެކު ޖެހިޖެހިގެން ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ޔުވެންޓަސްގައި އޭނާ ކުޅުނު ފުރަތަމަ ސީޒަނުގައި ކުއާޓާ ފައިނަލުން ކެޓީ ނެދަލެންޑްސްގެ އަޔެކްސް އަތުން ބަލިވެގެންނެވެ. ޖެހިގެން އައި ސީޒަނުގައި ފްރާންސްގެ ލިޔޯން އަތުން ބަލިވެ ގަދަ 16 އިން ކެޓިއިރު މިދިޔަ ސީޒަނުގައި ގަދަ 16 އިން ކެޓީ ޕޯޗުގަލްގެ ޕޯޓޯ އަތްދަށުވުމުންނެވެ.

ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން ރޮނާލްޑޯ ވަނީ ޖެހިޖެހިގެން ހަތް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި 10 ގޯލަށް ވުރެ ގިނަ ގޯލު ޖަހައިފަ އެވެ. ނަމަވެސް ޔުވެންޓަސް އާ އެކު ތިން މުބާރާތުގައި އޭނާއަށް ޖެހުނީ މުޅިއަކު 14 ގޯލެވެ.

ޔުވެންޓަސްގެ ކެޕްޓަން ޖޯޖިއޯ ކިއެލީނީ ވެސް މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއު އެއްގައި ބުނީ، ރޮނާލްޑޯ އައުމަށް ފަހު ޓީމު ފެނުނީ ވަރަށް ބޮޑަށް އޭނާއަށް ބަރޯސާ ވެގެން ކުޅުނު މަންޒަރު ކަމަށެވެ.

ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ މި ސީޒަނުގައި ޔުވެންޓަސް އަށް ލީގުގައި އެއް މެޗު ކުޅުމަށް ފަހު އެވެ.

ޔުވެންޓަސް މިވަގުތު އޮތީ ލީގުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާ 12 ޕޮއިންޓް ފަހަތުން ޓޭބަލްގެ ފަސްވަނައިގަ އެވެ.

ލީގުގައި އެންމެ އަވަހަށް ޔުވެންޓަސް ދެން ނުކުންނާނީ ޖެނުއަރީ 6 ވަނަ ދުވަހުގެ ރޭ، ތިންވަނައިގައި އޮތް، ނަޕޯލީއާ ދެކޮޅަށެވެ. އެއަށް ފަހު ޔުވެންޓަސް އަށް ވުރެ ދެ ޕޮއިންޓް މަދުން ހަވަނައިގައި އޮތް ރޯމާއާ ދެކޮޅަށް ނުކުންނައިރު، ދެން އޮތީ ލީގު ޗެމްޕިއަން އިންޓަ މިލާނާ ދެކޮޅަށް ކުޅޭ އިޓާލިއަން ސުޕަކަޕުގެ މެޗެވެ.