Roadha Mihaaru
ހަސަންގެ މައްސަލަ ހުށަހެޅީ ކޮމްޕްލެއިންޓްސް ބިއުރޯއިން

ފުލުހަށް ހާޒިރުކުރީ ކޮމްޕްލެއިންޓްސް ބިއުރޯ އިން މައްސަލަ ހުށަހެޅުމުން: ހަސަން

21 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތެއް ކޮށް، އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްއަކާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ފުލުހަށް ހާޒިރުކުރީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތެއް ކޮށް، އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްއަކާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ފުލުހަށް ހާޒިރުކުރީ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން ފުލުސް އޮފީހަށް ހާޒިރުކުރީ ރައީސް ޔާމީންގެ މައްޗަށް ތެލުގެ ވަގު ވިޔަފާރިއެއްގެ ތުހުމަތުތަކެއް ކޮށް، އެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ފަހު އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެކަމުގެ ސަބަބުން ރައީސް ޔާމީންގެ އިންތިޚާބީ ހައްގަށް ހުރަސް އެޅޭ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގައި އޮންނަ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ކަމަށެވެ. އަދި އެ މައްސަލާގައި މިއަދު ހާޒިރުވީ ވަކީލަކު ނެތި ކަމަށް ވާތީ، ވަކީލަކު އައްޔަން ކޮށްގެން މާދަމާ ހަވީރު ފުލުހަށް ހާޒިރުވާން ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އެ މައްސަލާގައިވާ ކަންކަން ރައްޔިތުންނަށް ކިޔައި ދިނީމަ އެއީ ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށް ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ފާހަގަކުރެވިގެން އެ ބިއުރޯ އިން ޕޮލިހަށް ހުށަހެޅި މައްސަލައެއް މިއީ. އެހެންވީމަ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯ އިން މި މައްސަލަ ހުށަހަޅާފައި މި އޮތީ. އެއީ އިލެކްޝަންސް ކޮމިޝަނުން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީއަށް އެފަދަ މައްސަލަތައް ހުށަހެޅުމަށް ފަހު އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ދިނުމަކީ އެމްޑީޕީން އަބަދުވެސް އަމަލުކުރާ އުސޫލު ކަމަށާއި ގިނަ ރައްޔިތުންނަށް އެފަދަ މައުލޫމާތުތައް ބޭނުންވާ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ މިނިވަން މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމުން މައްސަލަ ހުށަހަޅާ ފަރާތުގެ މައްޗަށް ޖިނާއީ ތުހުމަތު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގައި ކުރައްވަން ވާނެ ކަމަކީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެއްލެވުން. މައްސަލަ ބައްލަވާފައި އޭގައި ހިމެނޭ ފަރާތްތަކާ ދޭތެރޭގައި ދައުވާ ކުރެވެން އޮތިއްޔާ އެކަން ކުރުން. ނުވަތަ އެ ބޭފުޅުންގެ އަމަލެއް ނެތް ކަމަށް ވަންޏާ ބަލާފައި އެގޮތަށް ނިންމާފައި އެކަން ސާފުކޮށް ދިނުން," ހަސަން ވިދާޅުވި އެވެ.

އެ މައްސަލާގައި ހަސަންގެ އިތުރުން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވަނީ އެމްޑީޕީއާ ދެކޮޅަށް ސިވިލް ކޯޓުގައި އަބުރުގެ ދައުވާ ވެސް ކުރައްވައިފަ އެވެ.