Roadha Mihaaru
ނަތީޖާ ސައްހަ، ސުވާލެއް ނޫފެއްދޭނެ: އެމްޑީޕީ

ޕްރައިމަރީގެ ނަތީޖާ ސައްހަ، ސުވާލެއް ނުއުފެއްދޭނެ: އެމްޑީޕީ

31 މެއި 2018

ރިޔާސީ އިންތިހާބަށް އެމްޑީޕީން އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގައި 40،000 މީހުން ވޯޓުލީތޯ އުފައްދާ ސުވާލަށް އެ ޕާޓީން މިއަދު ރައްދު ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިހާބަށް އެމްޑީޕީން އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގައި 40،000 މީހުން ވޯޓުލީތޯ އުފައްދާ ސުވާލަށް އެ ޕާޓީން މިއަދު ރައްދު ދީފި އެވެ.

ފުލުހުންގެ ހުރަސްއެޅުންތަކާ އެކު ވެސް ޕްރައިމަރީ ބާއްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ކެންޑިޑޭޓު ކަން ކަށަވަރު ކުރެއްވީ 43،922 ވޯޓުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެކަމަކު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަތުލި ވޯޓު ފޮށިތަކަށް ލާފައި ހުރި ވޯޓުތަކުގެ އަދަދުންނާއި ވޯޓުލާން ނުކުތް މީހުންގެ އަދަދަށް ބަލާއިރު 40،000 މީހުން ވޯޓުލީތޯ ސުވާލު އުފައްދައި އެމްޑީޕީ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ނަތީޖާގައި އޮޅުވާލުންތައް ހިމެނޭ ކަމުގެ ތުހުމަތު ވެސް ވެރިކަން ކުރާ ޕީޕީއެމުން، ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެކި ރަށްތަކުގައި ވޯޓުލީ އަދަދުތަކާ އެކު ނަތީޖާ އޮތީ ސާފުކޮށް ފެންނަން ކަމަށެވެ. ވަގުތީ ނަތީޖާގެ ގޮތުގައި އިއުލާންކުރީ ވޯޓުލީ މަރުކަޒުތަކުގައި ގުނާފައި ލިބުނު ނަތީޖާތަކުގެ ޖުމްލަ ކަމަށާއި އެއީ ސައްހަ އަދަދުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދަދުތައް އެހެރީ ފެންނަން. ރަށްރަށުގައި ވެސް ވޯޓުލީ މަރުކަޒުން ނަތީޖާ އިއުލާންކުރީ. އަޅުގަނޑުމެން ވޯޓު ފޮށިތައް މާލެ ގެނެސް ވަކި ސެންޓަރަކަށް ވައްދައިގެން، ގުނައިގެން ނޫން ނަތީޖާ އިއުލާންކުރަނީ. ވޯޓުލާ މަރުކަޒެއްގައި އޭރު ތިބި ބަޔަކާ އެކުގައި ނަތީޖާ އިއުލާންކުރަނީ،" ހަސަން ވިދާޅުވި އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮއްޓެއް ހިފައިގެން ދެ ފުލުހަކު ސައިކަލްގައި ދަނީ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮއްޓެއް ހިފައިގެން ދެ ފުލުހަކު ސައިކަލްގައި ދަނީ.

ނަތީޖާ އިއުލާންކުރީ ފުލުހުން ގެންދިޔަ ވޯޓު ފޮށިތަކުގައި ހުރި ވޯޓާ ވެސް އެކުގައިތޯ އެހުމުން ހަސަން ވިދާޅުވީ އެ ފޮށިތައް ނުގުނާ ކަމަށެވެ.

"ފުލުހުން ގެންދިޔަ ފޮށި ދެއްތޯ ފެނުނީ. އެ ފޮށީގެ އެތެރޭގައި ހުރީ ކޯއްޗެއް ކަން ފުލުހުންނަށް މާ ސާފުކޮށް އެނގޭނެ. ދެން ވޯޓުލާ މަރުކަޒުތަކުގައި ތިއްބެވި ބޭފުޅުންނަށް ދެން އެނގޭނީ އޭގެ އެތެރޭގައި ހުރީ ކޯއްޗެއްސެއް ކަން. އެހެންވީމަ އަދި ބަލައިގެން ނުވާނެ ފުލުހުން އެ ގެންދިޔައީ ބައިވަރު މީހުން ވޯޓުލާފައި ހުރި ވޯޓު ކަރުދާސްތައް ހިމެނޭ ވޯޓު ފޮށި ކަމަކަށް،" ހަސަން ވިދާޅުވި އެވެ.

މާލެ އާއި އައްޑު އަކީ އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ދެ ސަރަހައްދެއް ކަމަށްވާ އިރު، ނަތީޖާ ދެއްކި ގޮތުން މާލެ އާއި އައްޑޫން ވެސް ލިބުނު ވޯޓުގެ އަދަދު މަދެވެ. މާލެ އިން 5،000 މީހުން ވޯޓުލާން ނުކުތް އިރު އައްޑޫން ވޯޓުލީ 3،000 މީހުންނެވެ.

ހަސަން ވިދާޅުވި ގޮތުގައި މާލެ އާއި އައްޑޫގެ ވޯޓު އުއްމީދުކުރި ވަރަށް ވުރެ މަދެވެ. ސަބަބަކީ، ވޯޓަށް ފުލުހުން ހުރަސްއެޅުން ކަމަށާއި ވޯޓުދިޔަ ގޮތަށް ބަލާއިރު، މާލެ އާއި އައްޑޫން ލިބުނު ވޯޓު މަދޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރީއްޗަށް ކުރިއަށް ގެންދިޔަ ވޯޓެއް ނަމަ އެ އަދަދު މަދު. ނަމަވެސް އިއްޔެ ކަންތައް ވީ ގޮތުން ވަރަށް ރަނގަޅު އަދަދެއް އެއީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމުގައި ފުލުހުން ހަރަކާތްތެރިވަނީ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމުގައި ފުލުހުން ހަރަކާތްތެރިވަނީ.

އޭނާ ވިދާޅުވީ އެ ޕާޓީގެ ޕްރައިމަރީ ބޭއްވީ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށާއި ޕްރައިމަރީއާ ގުޅިގެން ޕާޓީއާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ. އެ ގޮތަށް އަޅައިފި ނަމަ އެ ވާނީ، އަނެއްކާވެސް އެ ކޮމިޝަނުން ހިންގާ ގާނޫނާ ޚިލާފު އަމަލަކަށް ކަމަށް ވިދާޅުވި އެވެ.

އެމްޑީީގެ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ބައެއް ވޯޓު ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ހުއްޓާނުލައި ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. ފޮށިތަކުގެ ބަދަލުގައި ކޮންކްރީޓް ގަށާ މެޝިންތަކާއި ޑަބިޔާތަކާއި ބޮޑެތި ފޮށި ފޮއްޓާއި ވަޅުބުރިތަކާއި ބޮޑެތި ކަޅުހަމަށް ވެސް ވޯޓުލާފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް (މ) އެ ޕާޓީގެ އޮފީސް ކައިރީގައި. ---ފޮޓޯ: މިހާރު

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް (މ) އެ ޕާޓީގެ އޮފީސް ކައިރީގައި. ---ފޮޓޯ: މިހާރު

ހަސަން ވިދާޅުވި ގޮތުގައި އީސީން އަންގައިގެން ފުލުހުން ވޯޓަށް ހުރަސްއަޅާފާނެ ކަން އެ ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް އެނގެ އެވެ. ބައެއް ފޮށިތައް ގެންދިއުމުން، އެ ޕާޓީގެ މެމްބަރުން ބެލީ ފުލުހުންނަށް ނުގެންދެވޭނެ އެއްޗިއްސަށް ވޯޓުލައި ޕްރިމަރީ ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީން އެ ދައްކުވައި ދިނީ، މި ސަރުކާރުގެ ބޭފުޅުން ގާނޫނާ ޚިލާފަށް ކުރާ ކަންކަމަށް ދެއްވަން އޮތް އެންމެ ރަނގަޅު ރައްދު. ފަހަތަށް ނުޖެހޭނެ ކަން، އެ ދައްކައިދިނީ. އެއީ ވަރަށް އެމްޑީޕީ ކަމެއް،" ހަސަން ވިދާޅުވި އެވެ.

އެމްޑީޕީ މެމްބަރުން ދައްކުވައިދިނީ، ހަސަން ވިދާޅުވި ގޮތުގައި، ގާނޫނާ ޚިލާފު އަމުރުތަކަށް ބޯލަނބައި، ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެ، އަނިޔާވެރިވާން ރުހިގެން ނުތިބޭނެ ކަމެވެ.

މާލޭގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި ވޯޓުލުން ކުރިއަށް ގެންދަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި ވޯޓުލުން ކުރިއަށް ގެންދަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ ނަޝީދުގެ ކެމްޕޭނާއި އިލެކްޝަންސް އިން ޕާޓީ އުވާލުމުގެ އިންޒާރާއި ފުލުހުން ފޮނުވައިގެން ވޯޓު ފޮށިތައް ގެންދިއުމާއި ވޯޓުގެ ހައްގު ބޭނުންކުރި ބަޔަކު ހައްޔަރުކުރުމުން ވެސް ދޫދިނުމެއް ނެތި އެމްޑީޕީގެ އެތައް ހާސް ބަޔަކު ވޯޓު ދިނުމުން ކަށަވަރުވާ ކަމަކީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިފި ނަމަ ރައީސް އަބްދުﷲ ޔާމީން ބަލިވާނެ ކަން ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ ރޫހު ހުރި ގޮތް ވެސް އެމްޑީޕީ ޕްރައިމަރީން ބައިނަލްއަގުވާމީ މުޖުތަމައަށް ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ ފުލުހުން ނުހުއްޓުވީ އެވެ. އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ގެންދާ ހަވީރު ސައި ވެސް ޕެޕަ ސްޕްރޭ ޖަަހައި ހުއްޓުވައި ހަރުގެ ތަޅުއަޅުވާ ކަމަށާއި އިއްޔެ ފުލުހުންގެ ފަރާތުން އެ ވަރެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާޓު ދައްކަންވެގެން ދޭތެރެއަކުން ފޮއްޓެއް ހިފައިގެން ދޭ. އެ މީހުންނަށް ވެސް އެނގޭނެ އެ ގެންދަނީ ވޯޓުލާ ފޮށި ނޫން ކަން ވެސް. ރައީސް ޔާމީން އެދިވަޑައިގަތީމަ ވެސް ފުލުހުން އެކަން ނުކުރީ ޕްރައިމަރީ [ނުހުއްޓުވީ]،" ހަސަން ވިދާޅުވި އެވެ.