Roadha Mihaaru

ހަމަހަމަ ފުރުސަތެއް ނެތް ކެމްޕެއިންއަކަށް!

ކުޑަ މިސާލެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތަނެއް މާލެއިން ނުދިނުމުން ކޮންގްރެސް ބޭއްވީ އއ. އުކުޅަހުގަ އެވެ. ކޮންގްރެސްގައި ބައިވެރިވާން އެމްޑީޕީގެ މެމްބަރުން ރަސްމީ ފާލަން ކައިރިން ފުރަން އުޅުމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ "ގްރީން ޒޯން" ގައި ސިޔާސީ ހަރަކާތެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން ޖުމްހޫރީ މައިދާން ކައިރިން ފުރަން ސިޔާސީ ވީ އެވެ. އެކަމަކު އޭގެ ދެ ތިން ދުވަސް ފަހުން ފެނުނީ ވެރިކަންކުރާ ޕީޕީއެމްގެ ކެމްޕެއިން ޓީމްތައް އެ ސަރަހައްދުން ފުރިތަނެވެ. ޖުމްހޫރީ މައިދާނުގައި ތިބެ ފޮޓޯތައް ނަގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ފުރާކަން ސޯޝަލް މީޑިއާގައި އާންމުކޮށްލި އެވެ. ވަކި ޕާޓީއެއްގެ މީހުންނަށް ޖުމްހޫރީ މައިދާން ސަރަހައްދުގެ ބަނދަރު ބޭނުންކުރަން ފުރުސަތު ދެނީ ކީއްވެގެންތޯ ކުރި ސުވާލަށް ފުލުހުންގެ ތަރުޖަމާން ޖަވާބެއް ނުދެއްވަ އެވެ.

ހަމަހަމަ ފުރުސަތެއް ނެތް ކެމްޕެއިންއަކަށް!
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

08 ޖުލައި 2018

ކުޑަ މިސާލެކެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތަނެއް މާލެއިން ނުދިނުމުން ކޮންގްރެސް ބޭއްވީ އއ. އުކުޅަހުގަ އެވެ. ކޮންގްރެސްގައި ބައިވެރިވާން އެމްޑީޕީގެ މެމްބަރުން ރަސްމީ ފާލަން ކައިރިން ފުރަން އުޅުމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ "ގްރީން ޒޯން" ގައި ސިޔާސީ ހަރަކާތެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން ޖުމްހޫރީ މައިދާން ކައިރިން ފުރަން ސިޔާސީ ވީ އެވެ. އެކަމަކު އޭގެ ދެ ތިން ދުވަސް ފަހުން ފެނުނީ ވެރިކަންކުރާ ޕީޕީއެމްގެ ކެމްޕެއިން ޓީމްތައް އެ ސަރަހައްދުން ފުރިތަނެވެ. ޖުމްހޫރީ މައިދާނުގައި ތިބެ ފޮޓޯތައް ނަގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ފުރާކަން ސޯޝަލް މީޑިއާގައި އާންމުކޮށްލި އެވެ. ވަކި ޕާޓީއެއްގެ މީހުންނަށް ޖުމްހޫރީ މައިދާން ސަރަހައްދުގެ ބަނދަރު ބޭނުންކުރަން ފުރުސަތު ދެނީ ކީއްވެގެންތޯ ކުރި ސުވާލަށް ފުލުހުންގެ ތަރުޖަމާން ޖަވާބެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބަށް އިދިކޮޅު އިއްތިހާދުން ވެސް މިހާރު ވަނީ ކެމްޕެއިން ފަށައިފަ އެވެ. ކެމްޕެއިންކުރުމުގެ ހައްގު ހަމަހަމަކަމާ އެކު ދޭން ރާއްޖޭގެ ގާނޫނުތައް ބުނެ އެވެ. އެކަމަކު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި ރައީސް ޔާމީންގެ ކެމްޕޭން ޓީމުތައް އުޅެނީ ހުރަހެއް ވެސް ނެތި، މާ ކުރީގަ އެވެ.

އެމްޑީޕީން ޕޯސްޓަރެއް ހިއްޕަން އުޅުމުން، ފުލުހުން އެކަމަށް ހުރަސްއަޅަނީ -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ޕޯސްޓަރެއް ހިއްޕަން އުޅުމުން، ފުލުހުން އެކަމަށް ހުރަސްއަޅަނީ -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދޭތާ ހަތަރު އަހަރު!

ކުރިން ހުއްދައެއް ނެގުމެއް ނެތި އެއްވުންތައް ބޭއްވުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި އޮތަސް މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން 2016 ގައި ކަނޑައެޅި އެވެ. އެކަމަކު އެތަން ވެސް އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް ނުވަތަ އެއްވުމެއް ބާއްވާކަށް ހައުސިން މިނިސްޓްރީން ދުލެއް ނުކުރެ އެވެ. އަބަދުވެސް ސަރުކާރުންނާއި ފުލުހުން ބުނަނީ އިދިކޮޅު ފަރާތްތަކުން ގާނޫނާ ހިލާފު އަމަލެއް ހިންގަން އުޅޭ ކަމަށެވެ.

ނަމަވެސް ސަރުކާރު ނިސްބަތްވާ ޕީޕީއެމަށް ހުރިހާ ވަސީލަތެއް ވެސް ބަރާބަރަށް ލިބެ އެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމުން ފެށިގެން ގޮސް ސަރުކާރުގެ މުވައްޒަފުންނާއި ތަކެއްޗާއި ތަންތަނާ ވެސް އެކުގަ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި، އަދި ފަހުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު އަމީތު ވިދާޅުވީ ޕީޕީއެމުން ދައުލަތުގެ ބިންތަކުގައި ޖަގަހަ ހަދައިގެން ސިޔާސީ ހަރަކާތްތައް އެ ޕާޓީން ބޭނުން ގޮތަކަށް ހިންގުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އެކަމަކު "ކުނޫޒުގެ ތެރެއަށް ފުލުހުން ވަދެ ކިތައް ދުވަހުގައިތޯ ޕެޕާ ސްޕްރޭ ޖެހީ؟ އެމްޑީޕީ ޖަގަހައަށް ވަދެ އެތަނުގައި ހުރި ތަކެއްޗަކަށް ފުލުހުން ވަނީ ގެއްލުންދީފައި. އެކަމަކު ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް އެގެންދަނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުން ނެރެގެން،" އަމީތު ވިދާޅުވި އެވެ.

"ބައްލަވާ ދައުލަތުގެ ބިންތަކުގައި ރައީސް ޔާމީންގެ ކެމްޕެއިން ޖަގަހަ އެ ހިންގަވަނީ؟ ވެސްޓް ޕާކާއި ކުރީގެ ވަގުތީ [ފުރުގާން] މިސްކިތް ހުރި ބިމުގައި ހެދި ޖަގަހަ [ރުމާލު ދޭއް] ބައްލަވާ. ހޮޓާ ހިންގަން މީހަކަށް ދީފައި އޭނާގެ އަތުން ނަގައިގެން ޖަގަހަ އެ ހިންގަނީ."

ދެން ވެސް ފުރުސަތެއް ނުދޭނެ!

މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުދެނީ ޓްރެފިކަށް ދަތިވެ މާލޭގެ އަމާންކަމަށް ބުރުލެއް އަރާފާނެތީ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެއީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތެއް ހިންގަން އުޅޭ ނަމަ އެވެ. ޕީޕީއެމްގެ ޖަލްސާތައް ބާއްވަން މަގުތައް ބަންދުކޮށްދެ އެވެ. ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ހަރަކާތްތެރިވެ އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫ ދޮރުން ދޮރަށް ވަޑައިގެން ކެމްޕޭންކުރައްވަނީ: ކެމްޕެއިން ފުރުސަތު އޮތީ ކިހާ ވަރަކަށް ބާ؟ --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އިދިކޮޅު ކެންޑިޑޭޓް އިބޫ ދޮރުން ދޮރަށް ވަޑައިގެން ކެމްޕޭންކުރައްވަނީ: ކެމްޕެއިން ފުރުސަތު އޮތީ ކިހާ ވަރަކަށް ބާ؟ --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވެފައިވަނީ އިންތިހާބު ބޯމަތިވެ، ސަރުކާރުން ފޯރިއާ އެކު ކެމްޕޭން ކުރި ނަމަވެސް އެމްޑީޕީއަށް އެ ފުރުސަތު ނެތް ކަމަށެވެ. އަދި އެކަން ކުރަން، އެ ޕާޓީގެ ހަރުގޭގެ ޕޭވްމަންޓާ ހަމައަށް ވެސް ބޭރަށް ނުނިކުމެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަގުމައްޗަށް ނިކުތަސް ޓްރެފިކަށް އުނދަގޫވޭ. ނޫނީ ކޮންމެވެސް ގާނޫނަކާ އެބަ ހިލާފުވޭ. ޖަލްސާއެއް ބޭއްވިޔަސް، އެހެން ކަމެއް ކުރިޔަސް ކުރަން މި ޖެހެނީ މި ހަރުގޭގެ ހަތަރު ފާރުން އެތެރޭގައި،" ނިޔާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭނަށް ރައީސް ޔާމީނާ އެއްފަދަ ފުރުސަތުތަކެއް ލިބޭނެ ކަމާ މެދު ޝައްކެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު މިދިއަ ހަތަރު އަހަރު ލިބިފައިނުވާ އިރު ދެންވެސް އެފުރުސަތު ލިބޭނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އިދިކޮޅުން ވެސް ކެމްޕެއިންތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން. ކެމްޕެއިންގެ ހަރަކާތްތައް ކުރެވުނު ހުރިހާ ގޮތަކުން ކުރިއަށް ގެންގޮސް އިންތިހާބު ކާމިޔާބު ކުރާނަން،" މަހުލޫފް ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ފުލުހުންނާއި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ހަރަކާތަށް އަޅަމުން ދާ ހުރަސްތަކަށް ބަލާއިރު މި ސަރުކާރު އޮވެގެން މިނިވަން، އިންސާފުވެރި އިންތިހާބެއް ނުލިބޭނެ ކަމަށެވެ.

މީޑިއާތަކަށް ބިރެއް!

ދައުލަތުގެ މީޑިއާ ޕީއެސްއެމަކީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ޕީއެސްއެމްގެ ޗެނަލްތަކުން މުޅިން ވެސް ގެނެސްދެނީ ސަރުކާރުގެ ހަބަރުތަކާއި ޕީޕީއެމްގެ ހަބަރުތަކެވެ. ޕީޕީއެމުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ލައިވްކޮށް ގެނެސްދެ އެވެ. ވަކި ފަރާތަކަށް ނުޖެހި ހަމަހަމަ ފުރުސަތެއް ދޭން ގާނޫނުން ލާޒިމު ކުރި ނަމަވެސް ޕީއެސްއެމްގެ އަމަލްތައް ހުރީ ތަފާތުކޮށެވެ.

އެކަމަކު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ހަމަހަމަ ފުރުސަތެއް އިދިކޮޅު ހަރަކާތަށް ވެސް ދެމުން އަންނަ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން އިލެކްޝަންސް އިން އިއުލާންކުރުމާ އެކު ހުރިހާ ކެންޑިޑޭޓުންނަށް ވެސް އެ ފުރުސަތެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ސަރުކާރުން ހެދި ގާނޫނުގެ ސަބަބުން މީޑިއާތަކަށް ވަރަށް ބޮޑު ބިރެއް ވަނީ ކުރިމަތިވެފަ އެވެ. ވާނުވާއެއް ނޭނގި އަމިއްލަ ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެ އެވެ. ކަން އެގޮތަށް އޮއްވާ ދާދި ފަހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގެ ސަބަބުން ވެސް އަމިއްލަ މީޑިއާތަކަށް ވަނީ ހުރަސްއެޅިފަ އެވެ. އެ އިސްލާހުގައި ބުނަނީ ވަކި ކެންޑިޑޭޓަކަށް ޓީވީތަކުން އިތުރަށް ވަގުތު ނުވިއްކޭނެ ކަމަށެވެ.

އަމިއްލަ މީޑިއާތަކުގެ އިސް ވެރިން ބުނާ ގޮތުގައި ހަމަހަމައަށް ވަގުތު ވިއްކަން އެންގޭނީ ދައުލަތުން ހަރަދު ކުރާ މީޑިއާތަކަށެވެ . ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ވިޔަފާރި ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ދީފައިވާ އިރު، ވިޔަފާރި އުސޫލުން ދޭ ހިދުމަތެއް ހިލޭ ދޭން ގާނޫނަކުން ލާޒިމް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އެ އިސްލާހަކީ ބައެއްގެ މުދާ ފޭރެން ނުވަތަ ހިލޭ ހޯދަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނަނީ ފުރުސަތު ދޭނެ ކަމަށް

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ފުލުހުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެކަމަކު ފުލުހުން އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ވޯޓް ލާން މާލޭގައި ބެހެއްޓި ވޯޓު ފޮށިތަކެއް ފުލުހުން ގެންދަނީ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްޑީޕީގެ ޕްރައިމަރީއަށް ވޯޓް ލާން މާލޭގައި ބެހެއްޓި ވޯޓު ފޮށިތަކެއް ފުލުހުން ގެންދަނީ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ފުލުހުންގެ ފަރާތުން ވެސް ލިބޭނެ ކަމަށެވެ. އެކަމަކު އެ ފުރުސަތު ދޭނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށާއި ގާނޫނުގެ ތެރެއިން ކަންކަން ކުރިއަށް ދާ ނަމަ، ފުލުހުން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނާ ހިލާފު ނުވެ، އޮންނަ ހުދޫދުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މިންގަނޑުގެ ތެރެއިން ކަންކަން ކުރިއަށްދާ ކަމުގައިވާ ނަމަ، ފުލުހުންގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެމުން ދާނެ،" ނަވާޒް ވިދާޅުވި އެވެ.

އެކަމަކު ގާނޫނާ ހިލާފޭ ބުނެ ފުލުހުން ނުކުމެ ކޮންމެ ހަރަކާތެއް ވެސް ހުއްޓުވާފާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި ހަމަހަމަ ފުރުސަތެއް ލިބޭނެކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެންނަ ކަމަށް ވެސް އިދިކޮޅު ހަރަކާތުން ބުނަނީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ.