Roadha Mihaaru
މިއީ ވަރަށް ބޮޑު ލަދެއް: ރެޑްވޭވް ސަލީމް

މިއީ ވަރަށް ބޮޑު ލަދެއް، ޕީޕީއެމްގެ ލީޑަޝިޕް އިސްތިއުފާދީ: ރެޑްވޭވް ސަލީމް

24 ސެޕްޓެމްބަރ 2018

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަކީ ވަރަށް ބޮޑު ލަދެއް ކަމަށާއި އެހެންވެ، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވަގުތުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ދަންނަވަމުން ސަލީމް "މިހާރު" އަށް ވިދާޅުވީ، ރައީސް ޔާމީނަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތީ، ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެހެންވެ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

"މިއީ ގާބިލް ބަޔަކާ ޕާޓީ ހަވާލުކުރަން ޖެހޭ ވަގުތު. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ވަރުގެ ނަތީޖާއެއް ނޫން މިއީ، މި ޕާޓީގެ އެންމެން ލަދުގަންނަ ވަރުގެ ނަތީޖާއެއް މިއީ. މި ނަތީޖާ އަކީ ޕީޕީއެމްގެ ލީޑަޝިޕް ފެއިލްވެ، ގެންގުޅުނު ސިޔާސަތުތަކާއި ދައްކަވަމުން އައި ވާހަކަތަކާ ގުޅިގެން ނުކުތް ގޯސް ނަތީޖާއެއް،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ހިތްވަރު ކުރުމަށާއި އާ ލީޑަޝިޕެއްގެ އިންތިޒާރުގައި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ރިޔާސީ އިންތިޚާބުގައި، އޭދަފުށިން ޕީޕީއެމަށް އަޣުލަބިއްޔަތު ނުލިބުނު ނަމަވެސް ކުރީގެ އިންތިޚާބުތަކާ ބަލާއިރު ފަރަގު ވަރަށް ބޮޑަށް ކުޑަ އެވެ.