Roadha Mihaaru
ކައުންސިލް އިންތިހާބު ވެސް ޕީޕީއެމްގެ ބޮޑު އަރާރުމަކަށް

ކައުންސިލް އިންތިހާބާ ބެހޭ ގޮތުން ވެސް ޕީޕީއެމްގެ ދެ ފެކްޝަން އަރާރުމަކަށް

13 އޮކްޓޯބަރ 2016

ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ހޯދަން ޕީޕީއެމްގެ ނަމުގައި ކޮށްފައިވާ އިއުލާނަށް އަމަލުކުރަން ނުޖެހޭނެ ކަމަށާއި އިންތިހާބަށް ކުރިމަތިލުމަށް އާ ފުރުސަތެއް ހުޅުވާލާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ އެ ޕާޓީގެ ކައުންސިލްގެ ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ހޯދަން ޕީޕީއެމްގެ ނަމުގައި ކޮށްފައިވާ އިއުލާނަށް އަމަލުކުރަން ނުޖެހޭނެ ކަމަށާއި އިންތިހާބަށް ކުރިމަތިލުމަށް އާ ފުރުސަތެއް ހުޅުވާލާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ އެ ޕާޓީގެ ކައުންސިލްގެ ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ މީހުން އަންނަ އާދިއްތަ ދުވަހުގެ ކުރިން ފޯމު ލުމަށް، މިދިޔަ ހުކުރު ދުވަހު ކުރި އިއުލާނެއްގައި ވަނީ ބުނެފަ އެވެ. އެ އިއުލާނު ކޮށްފައި ވަނީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ފެކްޝަނުން ކަމަށް ވެފައި އެ ފެކްޝަނާއި ރައީސް ޔާމީންގެ ފެކްޝަނާ ދެމެދު މައްސަލަ ޖެހިފައި ވާތީ އެއް ބަޔަކު ކުރާ ކަމެއް އަނެއް ބަޔަކު ބަލައެއް ނުގަނެ އެވެ.

ޕީޕީއެމްގެ ކައުންސިލް އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް އިން މިހާރު ނެރެފައިވާ އިއުލާނާ އެއްގޮތަށް އަމަލުކުރަން ނުޖެހޭނެ ކަމަށާއި ކައުންސިލް އިންތިހާބުގައި ވާދަކުރަން ފަހި ފުރުސަތުތަކެއް ދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިން މިހާރު ނެރެފައިވާ އިއުލާނުގައިވާ ގޮތުން އެ ފޯމާ އެކު 150ރ.ގެ ފީއެއް ވެސް ދައްކަންޖެހޭ ކަމަށާއި ނަމަވެސް އެއީ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް މުއްދަތު ހަމަވުމުގެ ކުރިން ހުޅުވާލާނެކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުގެ މަސައްކަތްތައް ކުރަމުން އަންނަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް އެކުލަވާލާފައިވާ ކޮމެޓީއަކުން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އިންތިހާބު ކޮމެޓީއެއް އެކުލަވާލަން، ޕާޓީގެ ކައުންސިލުން ނިންމާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ފަރާތްތަކުން ހުށަހަޅަމުން އަންނަކަމަށާއި ފައިސާ ދައްކާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނާ ކަމަށެވެ. އެހެންކަމުން އެ ފައިސާ އަނބުރާ ހޯދުމަށް އޭނާ އެދިވަޑައިގަތެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެމްޑީއޭއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށްގެންދަން ޖެހޭނީ ދެ ޕާޓީ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު ނެރެފައިވާ އިއުލާނުގެ ސަބަބުން އެމްޑީއޭ އަށް ވެސް ފުރުސަތު ގެއްލި އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްއަކީ އިންތިހާބުތައް ބޮޑުު އަގުލަބިއްޔަތަކުން ކާމިޔާބުކުރަމުން އަންނަ ޕާޓީއެއް ކަމަށާއި އެގޮތުން ދެން ބާއްވާ ކައުންސިލް އިންތިހާބެއްގައި ވެސް ސާފު އަގުބަލިއްޔަތުން ކުރި ހޯދާނެ ކަމަށެވެ.