Roadha Mihaaru
ރަޖިސްޓްރާއާ ބައްދަލުކުރަން ސަލީމްގެ ސިޓީއެއް

އިދިކޮޅުން މިއަދު ވެސް ހައި ކޯޓަށް، އެންމެ ފަހުން ރަޖިސްޓްރާގެ އަރިހަށް ސަލީމް

14 މެއި 2023

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ލަސްވާ ސަބަބު ސާފުކުރުމަށް ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލު ކުރައްވަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ވެސް މިހާރު އެދިވަޑައިގެންފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ލަސްވާ ސަބަބު ސާފުކުރުމަށް ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލު ކުރައްވަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ވެސް މިހާރު އެދިވަޑައިގެންފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

އެ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެހެން ވިދާޅުވީ، ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ލަސްވާ ސަބަބު ސާފުކޮށްދިނުމަށް އެދި ހައި ކޯޓަށް މިއަދު ކުރެއްވި ޒިޔާރަތަށް ފަހު އެވެ.

"...އެއީ ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވާތީ އެކަމުގެ ކަންބޮޑުވުން ހުރީމާ އެ ވާ ގޮތެއް އޮޅުން ފިލުވުމަށްޓަކައި ރަޖިސްޓްރާއާ ބައްދަލު ކުރުމަށް. އަޅުގަނޑު އުންމީދު ކުރަން އެ ސިޓީއާ ގުޅިގެން އެޓްލީސްޓް ސަލީމާ ނަމަވެސް ބައްދަލު ކޮށްދެއްވާނެ ކަމަށް،" ހައި ކޯޓްގެ ރަޖިސްޓްރާ އަށް ޕީޕީއެމްގެ ޕީޖީ ލީޑަރު މިއަދު ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އަވަސް ކޮށްދިނުމަށް އެދި ހައި ކޯޓަށް މިހާތަނަށް މުޅިން ވެސް ވަޑައިގެންފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުންނެވެ. ޔާމީންގެ އެއްވެސް ގާނޫނީ ވަކީލެއްގެ ސިޓީއެއް ހައި ކޯޓަށް ނުފޮނުއްވާއިރު ވަކީލަކު ވެސް އެ މައްސަލަ އަވަސް ކޮށްދިނުމަށް އެދި ހައި ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ލަސްވާ ސަބަބު ބެލުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބައެއް އިސްވެރިން މިހާތަނަށް 20-30 ފަހަރު ހައި ކޯޓަށް ޒިޔާރަތް ކުރައްވައިފި ކަމަށެވެ. އެކަމަކު، ގާނޫނު ތަން ނުދޭތީ ކަމަށް ވިދާޅުވެ، ހައި ކޯޓްގެ ރަޖިސްޓްރާ އެ ބޭފުޅުންނާ ބައްދަލު ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އިސްތިއުނާފުގެ މައްސަލަ ތާވަލް ކުރާނެ ދުވަހެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް ހައި ކޯޓްގެ މީޑިއާ އޮފިޝަލާ ހަވާލާ ދެއްވައި އަބްދުއްރަހީމް މިއަދު ވެސް ވިދާޅުވި އެވެ.

"ހަމަ ދަންނަވާލަން ބޭނުން ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދީފައި ރައްޔިތުންނަށް ހިދުމަތް ކުރައްވަން ތިއްބަވާ ބޭފުޅުން ގާނޫނުން ވަކި ކަމެއް ލާޒިމު ނުކުރާތީއޭ ކިޔާފައި އާންމު ރައްޔިތުންގެ ބަޔަކު ނުވަތަ އެ ބައެއްގެ ހައްގު އެ ކަމެއްގައި އެކުލެވޭ ބަޔަކު ކަމެއް ސާފުކޮށްލަން ދިޔައީމާ ބައްދަލު ނުކުރުން އެްީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެހެން ނުހައްދަވަން އޭނާ އެދިވަޑައިގަތެވެ. އަދި ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައި ދިނުމުގެ ނިޔަތުގައި އާންމުންނާ ބައްދަލު ކުރެއްވުމަކީ އިތުބާރު އުފެދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު އުންމީދު ކުރަން އެ ސިޓީއާ ގުޅިގެން އެޓްލީސްޓް ސަލީމާ ނަމަވެސް ބައްދަލު ކޮށްދެއްވާނެ ކަމަށް،" --- އަބްދުއްރަހީމް

"... ދެން މި ކަމުގައި އަޅުގަނޑުމެން ކަންބޮޑުވާ އަނެއް ކަމަކީ ރައީސް ޔާމީނަކީ ހަމައެކަނި މއ. ކާމިނީ ހުޅަނގުގޭ އަބްދުﷲ ޔާމީނެއް ނޫން މިއަދު. އެ މަނިކުފާނަކީ މި ގައުމުގައި ހުރި ހަމައެކަނި ސިޔާސީ އިދިކޮޅު ލީޑަރު. އޭގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުގައި އޮންނަތާ ދެ މަހެއްހާ ދުވަސް ވެފައިވާއިރު، މައްސަލަ ތާވަލް ނުކޮށް ލަސްކުރުމަކީ ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ބުނުމުގެ ޖާގަ ލިބޭ ކަމެއް ކަމަށެވެ.

"އެހެން ނޫނިއްޔާ މި ކަހަލަ މައްސަލަތަކަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް އަވަހަށް ކުރިއަށް ގެންދަންޖެހޭ މައްސަލަތައް. ހުރިހާ މައްސަލައެއް ވެސް އަވަސް ކުރަންޖެހޭ. އެކަމަކު މީގައި ވަރަށް ގިނަ ރައްޔިތުންގެ ހައްގުތަކެއް އެކުލެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަނުން ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް ކޯލިޝަނުން ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެހެން މި ދެންނެވީ ޕީޕީއެމް/ޕީއެންސީއަކީ ގާތްގަނޑަކަށް އެއްލައްކަ އަށް ވުރެ ގިނަ މީހުން ތަމްސީލުކުރާ ދެ ޕާޓީ. އެ ދެ ޕާޓީގައި މެމްބަރުން މި ތިބީ ރައީސް ޔާމީނަށް ކުރައްވާ އިތުބާރަކާއި ތާއީދެއްގެ ސަބަބުން. އެ މަނިކުފާނުގެ ޒައާމަތުގައި ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް އަގު ނުކުރެވޭ."

އަބްދުއްރަހީމް ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވޭނެތޯ ސާފުކުރަން އާންމުން ސުވާލު ކުރަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްވެރިންނާ ކަމަށާއި އެހެންވެ އެ ބޭފުޅުން ދޭތެރެދޭތެރެއިން ހައި ކޯޓަށް ވަޑައިގަންނަވަނީ އެ ޖަވާބު ހޯއްދަވަން ކަމަށެވެ.

އޭނާ ވިދާޅުވީ، ޔާމީންގެ މައްޗަށް "މި ސަރުކާރުން ހިންގާ ސިޔާސީ ދައުވާތަކަށް" ނިމުމެއް އަންނަން ޖެހޭ ކަމަށާއި އަނިޔާ އަށް ހުއްޓެން ޖެހޭ ކަމަށެވެ. ޔާމީނަށް ލިބިވަޑައިގަންނަވަން ޖެހޭ ކެމްޕެއިން ކުރުމުގެ ހައްގު ވެސް އެ ސަބަބާ ހެދި ލިބިވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި، ޕީޕީއެމްގެ ކެނޑިޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން އިއުލާންކޮށްފައި ވިޔަސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ގާނޫނީ ހައިސިއްޔަތެއް އެ މަނިކުފާނަކަށް ނެތެވެ. އެއީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑާކުރިކަން ސާބިތުވެގެންނެވެ.