Roadha Mihaaru
އިބޫ އިންޑިއާއަށް ވަޑައިގަތުމުގެދައުވަތު މޯދީ ދެއްވައިފި

އިބޫ އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު މޯދީ ދެއްވައިފި

24 ސެޕްޓެމްބަރ 2018

ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދެއްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދެއްވައިފި އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމުން، މޯދީ ވަނީ އިބޫއާ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވީހާ ވެސް އަވަހަކަށް އިންޑިއާއަށް ވަޑައިގެން، އެމަނިކުފާނާ ބައްދަލު ކުރެއްވުމުގެ ދައުވަތު ދެއްވި އެވެ. އިބޫ ވަނީ އެ ދައުވަތު ގަބޫލު ކުރައްވައިފަ އެވެ.

މޯދީއާ އެކު ފޯނުން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރާއްޖެ އާއި އިންޑިއާއާ އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް މޯދީ ވިދާޅުވި ކަމަށާއި އަދި އެކަން ރަނގަޅު ކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އިންޑިއާ އަކީ އަބަދު ވެސް ރާއްޖެއާ އެންމެ ރަހުމަތްތެރި އެއް ގައުމު ކަމަށް. އަދި ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ބާއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ތަަރައްގީ ގެނައުމުގަ އާއި ޑިމޮކްރެސީ ކުރިއެރުވުމުގައި އިންޑިއާގެ އެހީތެރިކަން ބޭނުންވާނެ ކަމަށް މޯދީ އަރިހު ދެންނެވި އެވެ. އަދި އެކަން ގަބޫލުފުޅު ކުރައްވައި، ރާއްޖޭގެ ތަރައްގީއަށް ކުރެވެން އޮތްހާ ކަމެއް ކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރައްވައި، ބޮޑު ތަފާތަކުން ކޯލިޝަނުން ކުރި ހޯދާފައިވާކަން ފާހަގަ ކުރައްވައި، ކުރިއަށް އޮތްތަނުގައި ވެސް ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް މޯދީ އެދިވަޑައިގެންނެވި ކަމަށް އިބޫ ވިދާޅުވި އެވެ.

ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރަން އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިޔާސީ މަސްރަހުގައި ހިނގި ކަންތައްތަކާ މެދު އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެ އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރަން އެ ގައުމުން ތަކުރާރުކޮށް ގޮވާލާފައިވެ އެވެ. އިންޑިއާއިން އެ ގޮތަށް ގޮވާލުމުން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި، ސިޔާސީ ގުޅުމަށް ބުރޫއަރާފައިވެ އެވެ.

މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ. އަދި މިއީ މި ސަރަހައްދުން އަދި މޯދީ މިހާތަނަށް ވަޑައިނުގަންނަވާ ހަމައެކަނި ގައުމެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައުމަށް ފަހު، އިންޑިއާ އެކު ގުޅުން ބަދަހިކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.