Roadha Mihaaru
ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައި ޕާޓީ ހޯދާނަން

ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައި ޕާޓީ ހޯދާނަން: އެމްއާރުއެމް

25 ސެޕްޓެމްބަރ 2018

އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވާނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވާނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

ހަފްތާ ބަންދުގައި ޕީޕީއެމްގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު އިއުލާން ކުރީ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބު ވެވަޑައިގަތުމާއެކު ޕާޓީގެ ލީޑާޝިޕަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ޕީޕީއެމްގެ ލީޑާޝިޕުން އިއްޔެ ބުނެފައި ވަނީ އެ ޕާޓީން ގައުމީ ޖަލްސާ ބާއްވަނީ އެ ޕާޓީގެ މިސްރާބު ކަނޑައަޅަން ކަމަށެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނާ ޕާޓީ ހަވާލުކުރީ، އެމަނިކުފާނާ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކަށް ފަހުގަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.

ރައީސްގެ މަގާމު ގެއްލުމާއެކު ރައީސް ޔާމީނަށް މުޝްތަޝާރުގެ މަގާމު ގެއްލޭނެ އެވެ. މިހާރު އެ ޕާޓީ ހިންގެވުމަށް ކަނޑައަޅާފައިވާ ދެ ނައިބް ރައީސުން ކަމަށްވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އަބްދުއްރަހީމް އަބްދުﷲ އަކީ ރައީސް ޔާމީން ދެއްވި މަގާމުތަކެވެ. ބޮޑަށް ބެލެވޭގޮތުގައި ޕީޕީއެމުން ގައުމީ ޖަލްސާ ބާއްވަނީ އެ ޕާޓީގެ މަގާމުތަކަށް މީހުން ކަނޑައަޅައި ޕާޓީގެ ލީޑަރުކަން ރައީސް ޔާމީނަށް ދިނުމަށެވެ.

ރައީސް މައުމޫން، ޕީޕީއެމްގެ ނައިބު ރައީސް އަކަށް އައްޔަންކުރެއްވި މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕް ނޫން ފަރާތަކަށް ޕީޕީއެމް ހަވާލުކޮށް ހިންގުމަށް ކޯޓުން ހުކުމްކޮށްފައި ނުވާ ކަމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫނާއި މުއައްސިސް ފާރިސް މައުމޫން--

"ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕަށް ނޭންގި އެއްވެސް ފަރާތަކުން ޕީޕީއެމްގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރާނަމަ އެ ފަރާތްތަކާ މެދު މަދަނީ. ޖިނާއީ މައްސަލަ ހުށަހަޅާނަން،" ޕީޕީއެމުން ވަކިކޮށް މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ވައްޑެ ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިކޮށް މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ "މަރުފަލި" ޖަހަމުން އެދަނީ ގައިރު ގާނޫނީ ކޮންގްރެސްއެއް ބާއްވައިގެން ޕީޕީއެމް ހައިޖެކް ކުރެވިދާނެ ކަމަށް ހީކޮށް ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.

އެމްޑީޕީގައި ހުންނަވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީން ކޮންގްރެސް ބާއްވަން އުޅުއްވަނީ އިދިކޮޅު ލީޑަރަށް ވާން ކަމަށެވެ. އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސް ޔާމީން ޖަލަށް ލައްވާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު 58 ޕަސެންޓުން ކާމިޔާބު ކުރެއްވި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ އޭނާގެ ވެރިކަމެއްގައި ޕީޕީއެމް "އަސްލު" ވެރިންނާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.