Roadha Mihaaru
ވެމްބްލީ ފައިނަލް ކާމިޔާބުކުރަން ދެޓީމު ކެތްމަދު ވެފައި

ވެމްބްލީގައި ފައިނަލް ކާމިޔާބުކުރަން ޗެލްސީ އާއި ލިވަޕޫލް ކެތްމަދު ވެފައި

27 ފެބުރުއަރީ 2022

ލަންޑަން (ފެބްރުއަރީ 27) - ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅޭ އިނގިރޭސި ލީގް ކަޕް ފައިނަލް މެޗު ކާމިޔާބުކުރަން ޗެލްސީ އާއި ލިވަޕޫލް ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ފެބްރުއަރީ 27) - ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅޭ އިނގިރޭސި ލީގް ކަޕް ފައިނަލް މެޗު ކާމިޔާބުކުރަން ޗެލްސީ އާއި ލިވަޕޫލް ތައްޔާރު ވެއްޖެ އެވެ.

ދެ ޓީމުގެ ކޯޗުން، ތޯމަސް ޓުޗެލް އާއި ޔާގަން ކްލޮޕް ވެސް ޔޫއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ނަމަވެސް މިހާތަނަށް ކަޕް މުބާރާތެއްގައި ކާމިޔާބެއް ނުހޯދެ އެވެ. ޓުވެލް ޗެލްސީއާ ހަވާލުވީ މިދިޔަ އަހަރު ޖެނުއަރީގަ އެވެ. ނަމަވެސް 2015 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ކްލޮޕް ވަނީ ލިވަޕޫލަށް ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ.

ލިވަޕޫލަކީ އެންމެ ގިނަ ފަހަރު ލީގް ކަޕް ކާމިޔާބުކުރި ދެ ކުލަބުގެ ތެރެއިން އެއް ކްލަބެވެ. ލިވަޕޫލްގެ އިތުރުން މެންޗެސްޓާ ސިޓީ ވެސް ވަނީ ލީގް ކަޕް އަށް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ލިވަޕޫލުން އެންމެ ފަހުން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2012 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ކާޑިފް ސިޓީ ބަލިކޮށްފަ އެވެ. ނަމަވެސް ޗެލްސީ ވަނީ 2015 ވަނަ އަހަރުގެ ފައިނަލް ކާމިޔާބުކޮށް، ފަސްވަނަ ފަހަރަށް ލީގް ކަޕްގެ ތަށި އުފުލާލައިފަ އެވެ.

ޗެލްސީ އިން އެންމެ ފަހުން 2015 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ފަހުން މިހާތަނަށް މި މުބާރާތް މުޅިން ވެސް ކާމިޔާބުކުރީ މެންޗެސްޓާގެ ކުލަބުތަކުންނެވެ. މެންޗެސްޓާ ޔުނައިޓެޑް އެއް ފަހަރު ލީގް ކަޕް ކާމިޔާބުކުރިއިރު، މެންޗެސްޓާ ސިޓީ ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި މި މުއްދަތުގައި ޗެލްސީ އާއި ލިވަޕޫލް ވެސް އެއް ފަހަރު ފައިނަލުގައި ވާދަކުރި ނަމަވެސް އެ ދެ ފަހަރު ވެސް ސިޓީއިން ޗެލްސީ އަދި ލިވަޕޫލް ވެސް ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

ލިވަޕޫލް މެޗަކަށް ފަހު ކޯޗު ކްލޮޕް، އެޓީމުގެ ޒުވާން ކީޕަރު ކެލެހާއާ އެކު.-- ފޮޓޯ: ގެޓީ އިމޭޖަސް

ލިވަޕޫލް މެޗަކަށް ފަހު ކޯޗު ކްލޮޕް، އެޓީމުގެ ޒުވާން ކީޕަރު ކެލެހާއާ އެކު.-- ފޮޓޯ: ގެޓީ އިމޭޖަސް

ދެ ޓީމުގައި ވެސް ކީޕަރުންގެ ވާދަވެރިކަން ބޮޑު

ލިވަޕޫލްގެ ތިން ކީޕަރުން ވެސް ވަނީ ލީގް ކަޕުގައި ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ޒުވާން ކީޕަރު ކައޯމިން ކެލެހާ ވަނީ އާސެނަލްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގާއި ހަތަރުވަނަ ބުރުގައި ޗެމްޕިއަންޝިޕް ކްލަބް ޕްރެސްޓަން ނޯތު އެންޑް ކުޅުން މެޗު ފިޔަވައި ހުރިހާ މެޗެއްގައި ވެސް މޮޅަށް ކުޅެފަ އެވެ.

އާސެނަލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ގޯލު ބެލެހެއްޓީ ފުރަތަމަ ކީޕަރު އެލިސަން ބެކާ އެވެ. އަދި ޕްރެސްޓަންއާ ދެކޮޅަށް ކުޅުނީ ކީޕަރު އެޑްރިއެން އެވެ. ކުއާޓާ ފައިނަލުގައި ލެސްޓާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗާއި ސެމީ ފައިނަލުގެ ދެވަނަ ލެގު ވެސް ކާމިޔާބުކުރީ ކެލެހާއާ އެކު އެވެ. ކެލެހާގެ މޮޅު ކުޅުމަށް ތައުރީފް ކޮށް ކްލޮޕް ވަނީ ފައިނަލުގައި އޭނާ ފެނިދާނެ ކަމުގެ އިޝާތާރެއް ވެސް ކޮށްފަ އެވެ.

ޗެލްސީން ލީގް ކަޕް ފައިނަލަށް ދަތުރުކުރީ ރިޒާވް ގޯލްކީޕަރު ކެޕާ އަރިޒަބަލާއާ އެކު ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ކެޕާ އަންނަނީ ޗެލްސީގެ އެއް ނަމްބަރު ކީޕަރު އެޑުއާޑް މެންޑީގެ ބަދަލުގައި އޭނާއަށް ލިބޭ ފުރުސަތުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގައި ވެސް ކެޕާ ވަނީ އޭނާގެ ޕެނަލްޓީ ނަތަކުރުމުގެ ހުނަރު އެންމެ ރަނގަޅަށް ބޭނުންކޮށް ޗެލްސީ ފައިނަލަށް ގެންގޮސްދީފަ އެވެ. ނަމަވެސް ފައިނަލް މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ސެނެގާލާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށް އަލުން ޓީމާ ގުޅުނު މެންޑީ އެވެ.

ޗެލްސީގެ ކީޕަަރު ކެޕާ އަރިޒަބަލާގާ މި ސީޒަނުގެ މެޗެއްގައި ޗެލްސީއާ ދެކޮޅަށް ޖެހި ޕެނަލްޓީއެއް މަތަކުރުމަށް ފަހު.-- ފޮޓޯ: ގެޓީ އިމޭޖަސް

ޗެލްސީގެ ކީޕަަރު ކެޕާ އަރިޒަބަލާގާ މި ސީޒަނުގެ މެޗެއްގައި ޗެލްސީއާ ދެކޮޅަށް ޖެހި ޕެނަލްޓީއެއް މަތަކުރުމަށް ފަހު.-- ފޮޓޯ: ގެޓީ އިމޭޖަސް

ފައިނަލް މެޗުގެ ކުރިން ކްލޮޕް ބުނީ ކެޕާ އަށް ފައިނަލްގައި ޗެލްސީގެ ގޯލު ބަލަހައްޓުމުގެ ފުރުސަތު ހައްގު ކަމަށާއި ނަމަވެސް މިރޭ ފަށާނީ ކޮން ކީޕަރެއްކަން ފައިނަލް ނުކުރާ ކަމަށެވެ.

"އެއްވެސް އުނދަގުލަކާ ނުލައި ބުނެވިދާނެ ކެޕާއަކީ ފައިނަލް މެޗުގައި ކުޅެން އަރުވަން ހައްގު ކުޅުންތެރިއެއް އެއީ. އެކަމަކު މި ވަގުތަށް ޗެލްސީގެ ގޯލަށް އަރުވަން އެނެމް ރަނގަޅު ކުޅުންތެރިޔެއް ނިންމާނީ ހުރިހާ ގޮތަކަށް ވިސްނައި، ޓީމަށް އެންމެ ފައިދާ ކުރާނެ ގޮތަކަށް،" ޓުޗެލް ބުންޏެވެ.

މި ހުރިހާ ކަމަކާ އެކު ވެސް ރަޝިއާ އިން ޔޫކްރޭނުގައި ކުރަމުން ގެންދާ ހަނގުރާމައާ ހެދި ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް ކުރިމަތިވަމުންދާ ޕްރެޝަރުގެ ސަބަބުން ޓީމަށް ވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް ޓުޗެލް ބުނެ އެވެ. މިއާ ގުޅިގެން އިނގިރޭސި ސަރުކާރުން ކުރަމުންދާ ޕްރެޝަރުގެ ސަބަބުން އަބްރަމޮވިޗް ވަނީ ޗެލްސީ ހިންގުމާ ދުރަށް ޖެހިލައި، ކްލަބް ހިންގުމުގެ ކަންކަން ކްލަބްގެ ފައުންޑޭޝަނާ ހަވާލުކޮށްފި އެވެ.

"މި ފަދަ ކަމެއް ހިނގައިފާނެ ކަމަށް އެއްވެސް މީހަކު ހީއެއް ނުކުރޭ. މިއީ މައްސަލައަކަށް ނުހަދައި ދޫކޮށްލެވޭ ވަރުގެ ކަމެއް ވެސް ނޫން. ފައިނަލަކަށް ނުކުންނައިރު ޓީމުގެ ތެރޭގައި އޮންނަން ޖެހޭ ކަހަލަ މާހައުލެއް ނޫން މި ވަގުތު އޮތީ. ކުޅުންތެރިންނާއި އޮފިޝަލުން ވެސް ތިބީ އިތުރު ނުވަތަނަވަސްކަމެއްގެ ތެރޭގައި،" ޓުޗެލް ބުންޏެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ޗެލްސީ އާއި ލިވަޕޫލް ކުޅޭ ލީގު ކަޕް ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 9:30 ގައެވެ.