Roadha Mihaaru
ޗެލްސީއާ ދެކޮޅަށް ވެމްބްލީގައި ކުޅޭނީ ލިވަޕޫލް

އިނގިރޭސި ލީގް ކަޕް: ޗެލްސީއާ ދެކޮޅަށް ވެމްބްލީގައި ކުޅޭނީ ލިވަޕޫލް

25 ޖެނުއަރީ 2024

ލަންޑަން (ޖެނުއަރީ 24) - ވެމްބްލީ ސްޓޭޑިއަމްގައި އަންނަ މަހުގެ 25 ވަނަ ދުވަހު ކުޅޭ އިނގިރޭސި ލީގް ކަޕް ފައިނަލްގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ލަންޑަން (ޖެނުއަރީ 24) - ވެމްބްލީ ސްޓޭޑިއަމްގައި އަންނަ މަހުގެ 25 ވަނަ ދުވަހު ކުޅޭ އިނގިރޭސި ލީގް ކަޕް ފައިނަލްގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ޗެލްސީ، މިޑްލްސްބަރާ އަތުން ބަލިވި ނަމަވެސް އަންގާރަ ދުވަހުގެ ރޭ ވަނީ އަމިއްލަ ދަނޑުގައި 6-1 އިން ކުރި ހޯދައި، އެގްރިގޭޓް 6-2 އިން މޮޅުވެފަ އެވެ.

މިޑްލްސްބަރާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލަކުން ޗެލްސީ ލީޑު ނެގި މި މެޗުގައި އެޓީމަށް ލަނޑުތައް ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އާއި އަކްސެލް ޑިސާސީ އަދި ކޯލް ޕާމާ އާއި ނޮނީ މަޑުއެކޭ އެވެ. ޕާމާ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

އަދި މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް މިޑްލްސްބަރާ އަށް ސުން ކަނޑުވައިދިނީ އެސްޓަން ވިލާ އިން ގެންދަން މަސައްކަތް ކުރަމުން އަންނަ ޒުވާން ފޯވާޑް މޯގަން ރޮޖާސް އެވެ.

ޗެލްސީގެ ކުޅުންތެރިން، ސެމީގެ ދެވަނަ ލެގު ކާމިޔާބު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކުޅުންތެރިން، ސެމީގެ ދެވަނަ ލެގު ކާމިޔާބު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް ވަނީ ސެމީގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި 2-1 އިން ފުލަމް ބަލިކޮށްފަ އެވެ. ފައިނަލްގެ ޖާގަ ޔަގީން ކުރީ ރޭ ރަށުން ބޭރުގައި ފުލަމްއާ ވާދަކޮށް 1-1 އިން އެއްވަރު ކޮށްގެން 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ 11 ވަނަ މިނިޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ލުއިސް ޑިއާޒް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް އީސާ ޑިއޮޕް ފުލަމް އަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދިން ނަމަވެސް ފަހުން އެޓީމަށް އިތުރު ގޯލެއް ޖެހޭގޮތެއް ނުވި އެވެ.

"އަހަރެމެން ކުރީގަ ތަޖުރިބާ ކޮށްފިން، އުންމީދު ކުރަންވީ ކިހިނަކުން ކަން ވެސް އެނގޭ. އަނެއްކާ ވެސް ޗެލްސީއާ މި ޖެހެނީ، މިއީ ސަޅި ވާހަކައެއް ދެން،" މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުންޏެވެ.

"ވެމްބްލީ ސްޓޭޑިއަމް އަކީ އެއީ ހާއްސަ ތަނެއް. މި ހުރިހާ ކުޅުންތެރިންނަށް ވެމްބްލީގައި ކޮށްލަން ލިބޭ ތަޖުރިބާއާ މެދު އަހަރެން އުފާކުރަން."

ލިވަޕޫލް ވަނީ މީގެ ދެ އަހަރު ކުރިން ލީގް ކަޕް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށްފަ އެވެ. އެ ސީޒަންގެ އެފްއޭ ކަޕް ފައިނަލްގައި މި ދެޓީމު ވާދަކޮށް ލިވަޕޫލް ކުރި ހޯދީ ވެސް ޕެނަލްޓީ ޖަހައިގެންނެވެ.