Roadha Mihaaru
ފެެހެންދޫ ބަލިކޮށް ފޯކައިދޫ ފަސް ވަނަ އަށް

ފެެހެންދޫ ބަލިކޮށް ފޯކައިދޫ ފަސް ވަނަ އަށް

28 ސެޕްޓެމްބަރ 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ބ. ފެހެންދޫ 4-0 އިން ބަލިކޮށް ށ. ފޯކައިދޫ ލީގުގައި ހޯދި ފުރަތަމަ މޮޅާ އެކު ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ބ. ފެހެންދޫ 4-0 އިން ބަލިކޮށް ށ. ފޯކައިދޫ ލީގުގައި ހޯދި ފުރަތަމަ މޮޅާ އެކު ފަސް ވަނަ އަށް ޖެހިލައިފި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕަށް ދިޔަ ފޯކައިދޫ ފަސް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް އީގަލްސް އާއި ހަތް ވަނައިގައި އޮތް ވިކްޓަރީއާ އެއް ވަރަށް ފަސް ޕޮއިންޓް ހޯދައިގެންނެވެ. ފޯކައިދޫ އަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އެކަމަކު މާދަމާ ރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް އީގަލްސް އަށް ފަސް ވަނަ ލިބޭނެ އެވެ. ފެހެންދޫ މި މެޗުން ބަލިވިއިރު، އެ ޓީމު ލީގުގެ އަށް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ.

މިރޭގެ މެޗު ފަށައިގެން ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ދިޔައީ ބޭނުމެއް ނުކުރެވި އެވެ. ފެހެންދޫ އަށް ލީޑުނަަގައިދޭން އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އަހުމަދު ނިޒާމް (ނިޒާމްބެ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށާއި ޒުވާން ގައުމީ ޓީމަށް ކުޅުނު ނިޒާމްބެ އޭރިއާ ތެރެއަށް މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ގޮސް ފޮނުވާލި ބޯޅަ ފޯކައިދޫ ގޯލުގައި ހުރި ޕާކިސްތާން ގައުމީ ޓީމުގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ފޯކައިދޫ އަށް މި މެޗުގެ 29 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އެވެ. ފޯކައިދޫގެ އަހުމަދު ވިޖުދާން (ވިޖޫ) ހުސްކޮށްލާފައި ދިން ބޯޅަ ލިބުމުން ހަލީލް ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެހެންދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދޭން ނިޒާމްބެ ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ހަނީފް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް ފެހެންދޫ އިން ފޮނުވާލި ހަމަލާއެއް ކުރިން ބީޖީ އަށް ކުޅުނު ހަނީފް ވަނީ މަތަކޮށްފަ އެވެ.

ފެހެންދޫ އިން ދެ ވަަނަ ހާފް ފަށައިގެން ރަނގަޅަަށް ކުޅެމުންދިޔަ ނަމަވެސް ލިބޭ ފުރުސަތުތަކެއް ބޭނުމެއް ނުހިފުނެވެ. އެ ޓީމުގެ ގިނަ އެޓޭކުތައް ހުއްޓުވީ ކީޕަރު ހަނީފް އެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ފޯކައިދޫގެ އުސާމަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެއީ އޭނާ ރެފްރީއާ ބޭއަދަބީ ބަހުން މުއާމަލާތު ކުރުމުންނެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ފޯކައިދޫ އިން ވަނީ އެޓޭކުގައި ތަފާތު ދައްކައިފަ އެވެ. މެޗުގެ ފަހު 10 މިނިޓް ތެރޭގައި އެ ޓީމުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. އެ ތިން ގޯލުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖެހީ ހަލީލް ތަނަވަސްކޮށްދިން ފުރުސަތުތަކުން މުހައްމަދު ޖައިލަމް އެވެ. އަނެއް ގޯލު ޖެހީ މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު އެވެ. ހަލީލް ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ މަހުމޫދު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ.

މެޗާ ބެހޭގޮތުން ފެހެންދޫ ޓީމުގެ މެނޭޖަރު މޫސާ ނަސީމް ބުނީ އެންމެ ރަނގަޅަށް ތައްޔާރުނުވާތީ ގިނަ މައްސަލަތަކެއް ޓީމުން ފެނުނު ކަމަށާއި މިއީ ފޯކައިދޫ ޓީމުން ރަނގަޅަށް މަސައްކަތްކޮށްގެން ހޯދި ހައްގު މޮޅެއް ކަމަށްވާތީ އެ ޓީމަށް މަރުހަބާކިޔާ ކަމަށެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މެދުކެނޑުމަކަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސް މޮޅެއް ހޯދުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ވަގުތު ވެސް ޓީމުން ކުރި ހިތްވަރުން އިތުރު ލަނޑުތަކެއް ޖެހުމަކީ ކުރިއަށް ހުރި މެޗުތަކަށްދާއިރު ޓީމަށް ލިބޭނެ ހިތްވަރެއް ކަމަށް ބުންޏެވެ.