Roadha Mihaaru
ޚާއްސަ ރެޕަޓުއާއާ އީރާން އަބަދުވެސް ދެކޮޅު: ތަރުޖަމާން

ޚާއްސަ ރެޕަޓުއާއާ އީރާނުން އަބަދުވެސް ދެކޮޅު: ތަރުޖަމާން

06 ސެޕްޓެމްބަރ 2016

ތެހެރާން (ސެޕްޓެމްބަރު 6) - އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް އދ. އިން ޚާއްސަ ރެޕަޓުއާ އިން ކަނޑައެޅުމަށް އީރާނުން އަބަދުވެސް ދެކޮޅު ހަދާ ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ސެޕްޓެމްބަރު 6) - އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް އދ. އިން ޚާއްސަ ރެޕަޓުއާ އިން ކަނޑައެޅުމަށް އީރާނުން އަބަދުވެސް ދެކޮޅު ހަދާ ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.

"ސައުދީ އަރަބިއާގެ ނުފޫޒާއާ އެކު އދ. އިން އައްޔަން ކުރަމުންދާ ރެޕަޓުއާއާ އީރާނުން އަބަދުވެސް ދެކޮޅު،" އީރާނުގެ ޚާރިޖީ ވުޒާރާ އިން ހަފުތާއަކު އެއް ފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ބަހުރާން ގައްސާމީ އިއްޔެ ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ޝަހީދުގެ ބަދަލުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޕާކިސްތާނުގެ އެކްޓިވިސްޓް އަސްމާ ޖަހަންގީރު އައްޔަންކޮށްފައި ވަނިކޮށެވެ.

އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބެލުމަށް ހަމަޖެއްސި އާ ރެޕަޓުއާ އަސްމާ ޖަހަންގީރު.

އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބެލުމަށް ހަމަޖެއްސި އާ ރެޕަޓުއާ އަސްމާ ޖަހަންގީރު.

ތަރުޖަމާން ވިދާޅުވީ އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބުގެ ކާމިޔާބީ އަށް ފަހު މި ބާވަތުގެ ރެޕަޓުއާ އިން އައްޔަން ކުރަން ބައެއް މުއައްސަސާތަކުން ބޭނުންވާ ކަމަށެވެ. އަދި އީރާނާ ދެކޮޅު ގައުމުތަކުން އެ ގައުމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު އދ. އަށް ފޯރުކޮށްދޭ ކަމަށް ވެސް ވިދާޅުވި އެވެ.

އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ޚާއްސަ ރެޕަޓުއާގެ މަގާމަށް ޝަހީދު ހަމަޖެއްސެވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން މާޗް 24، 2016 ގައި ކައުންސިލުން ވަނީ ހަ ވަނަ އަހަރަކަށް ޝަހީދު އައްޔަން ކޮށްފަ އެވެ. ނަމަވެސް ޝަހީދު މިހާރު ވަނީ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބުގެ މަގާމަށް ހަމަޖައްސައިފަ އެވެ.