Roadha Mihaaru
ރައީސްގެ އަބުރާ ބެހުނު ކަމަށް ބުނެ ދައުވާ ކުރަނީ

ރައީސް ޔާމީންގެ އަބުރާ ބެހުނު ކަމަށް ބުނެ ދައުވާ ކުރަނީ

05 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްގުތަކާއި ޒާތީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީ އާއި ރާއްޖެ ޓީވީއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް އެމަނިކުފާނު ނިންމަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްގުތަކާއި ޒާތީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީ އާއި ރާއްޖެ ޓީވީއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް އެމަނިކުފާނު ނިންމަވައިފި އެވެ.

އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރައްވަން ރައީސް ޔާމީން ނިންމެވީ، ރާއްޖޭން ބޭރުގައި ގަވައިދާ ޚިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކެވުމުންނެވެ. އަދި ރާއްޖެ ޓީވީއާ ދެކޮޅަށް ފިޔަވަޅު އަޅަނީ ޕްރެސް ކޮންފަރެންސް ދެއްކުމާ ގުޅިގެންނެވެ.

އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީންގެ ލީގަލް ޓީމުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީގެ މައްޗަށް ދައުވާ ކުރުމަށާއި އަބުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި ދިނުމަށް އެދި ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅުން، ގާނޫނުއަސާސީ އާއި އަބުރުގެ ގާނޫނާ ޚިލާފަށް ރައީސް ޔާމީންގެ ހައްގަށް އަރައިގެންފައިވާތީ، އެބޭފުޅުންގެ މައްޗަށް އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދައުވާ އާއި އަބުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި މައުލޫމާތުތައް އަބުރުގެ ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައި ވާތީ ގާނޫނުއަސާސީ އާއި އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީގެ މައްޗަށް، ގެއްލުމުގެ ބަދަލު ހޯދައިދިނުމުގެ ދައުވާ ކުރުމަށް މުއައްސަސާތަކަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމަށް ރައީސް ޔާމީންގެ ލީގަލް ޓީމުން ވަނީ ނިންމައިފަ އެވެ.

އެ ޓީމުން ވަނީ ރައީސް ޔާމީނަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުން ކަށަވަރުކޮށްދީފައި އޮތް ހައްގަށް އަރައިގެންފައިވާތީ އެ ގާނޫނުގެ ދަށުން އެމްޑީޕީ އަދި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފަ އެވެ.

އަދި ރައީސް ޔާމީންގެ ހައްގަށް އަރައިގެންފައިވާތީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ރާއްޖެ ޓީވީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ވަނީ ނިންމައިފަ އެވެ.